އިންޑިއާ

އިންޑިއާ އިން ރާއްޖެއަށް އާ ސަފީރެއް

Sep 15, 2021

އިންޑިއާ އިން ދިވެހިރާއްޖެއަށް އާ ސަފީރަކު މިއަދު އައްޔަންކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ރާއްޖެ އަށް ކަނޑައެޅީ މިވަގުތު އޮމާންގައި ހުންނެވި އެ ގައުމުގެ ސަފީރު މުނޫ މަހާވަރު އެވެ.

އޭނާ ވަރަށް އަވަހަށް މަގާމާ ހަވާލުވާނެ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މުނޫ މަހާވަރު ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުން ފެށިގެންނެވެ.

ބައެއް ގައުމުތަކުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ތަކުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ މުނޫ މުހާބަރާ އޮމާންގެ ސަފީރު ކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގައެވެ.

ރާއްޖޭގައި މިވަގުތު ހުންނެވި އިންޑިއާ ސަފީރު ސަންޖޭ ސުދިރު އެ މަގާމާ ހަވާލުވެވަޑައިގަތީ މާޗް 5، 2019 ގައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވެސް ވަނީ އެ ގައުމުން ރާއްޖެ އަށް އާ ސަފީރަކު ހަމަޖައްސާފައިވާ ކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގަތުމަށް އާ ސަފީރު ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް ބުނެފައެއް ނުވެ އެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ އެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.