ދުނިޔޭގެ އެންމެ އަގުބޮޑު ކޯޗުގެ ގޮތުގައި މެންޗެސްޓާ ސިޓީ އަށް ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ ގެނައުމަށް ނިންމައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ސިޓީން ގާޑިއޯލާ އަށް އަހަރަކު 13.2 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ދޭން ވަނީ ނިންމާފަ އެވެ. މިއީ މިވަގުތު އެންމެ ބޮޑު މުސާރަލިބޭ ކޯޗު ޗެލްސީގެ ހޯސޭ މޮރީނިއޯ އަށް އަހަރަކު ލިބޭ އާމްދަނީ އެވެ. ބަޔާން މިއުނިކުން ގާޑިއޯލާ އަށް މިހާރު ދެމުން އަންނަނީ އަހަރަކު 11.2 މިލިއަން ޕައުންޑެވެ.
ތިން އަހަރު ދުވަހަށް ފަހު ބަޔާން މިއުނިކުން ވަކިވާން ގާޑިއޯލާ ނިންމާފައިވާ ކަމަށްވެ އެވެ. އެއީ އެކުލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނާއެކު ހަމަވުމުންނެވެ. ބާސެލޯނާގައި ދެ ފަހަރެއްގެ މަތީން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ގާޑިއޯލާ ސިޓީ އަށް ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އެއިރު ބާސެލޯނާގައި ތިބި ދެ އޮފިޝަލުންނެވެ. އެ ދެމީހުން މިހާރު ތިބީ ސިޓީގެ އޮފިޝަލުންގެ ގޮތުގަ އެވެ.
ގާޑިއޯލާގެ ކޮންޓްރެކްޓް އާކުރަން ބަޔާން މިއުނިކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާ ވަނީ ސީޒަން ނިމުމުން ނޫނީ ކޮންޓްރެކްޓްގެ އެއްވެސް ވާހަކައެއް ނުދައްކަން ނިންމާފަ އެވެ.
ސިޓީގެ މިހާރުގެ ކޯޗު މެނުއަލް ޕެލެގްރީނީ ވެސް ވަނީ ގާޑިއޯލާ އެކުލަބަށް އަތުވެދާނެ ކަމުގެ އިޝާތާރެއް ކޮށްފަ އެވެ. ޕްލެގްރިނީ ބުނީ އޭނާގެ ވަޒީފާ އަށް ގާޑިއޯލާ އައުމަކީ މައްސަލައެއްނޫން ކަމަށެވެ.
އަނެއްކޮޅުން ގާޑިއޯލާ ވަނީ ޖަރުމަނު ލީގުގައި ހާތާބާލިންއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޕްރެސް ކޮންފަރެންސް ކެންސަލްކޮށްފަ އެވެ. އަދި ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތަކަށް އޭނާ ނުދެ އެވެ. އެއީ އަމިއްލަ ސަބަބަކާ ހުރެ ކަމަށް ބަޔާން މިއުނިކުން ބުނެ އެވެ.