މިނިސްޓްރީ އޮފް ޓޫރިޒަމް

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގެ ދެކުނު އޭޝިއާގެ ރިޔާސަތަށް ރާއްޖެ

Sep 16, 2021

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޔޫއެންޑްޑަބްލިއުޓީއޯ) ކޮމިޝަން އޮފް ސައުތު އޭޝިއާގެ ރިޔާސަތަށް ދެވަނަ ފަހަރަށް ރާއްޖެ ހޮވިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޔޫއެންޑްޑަބްލިއުޓީއޯގެ ކޮމިޝަން އޮފް ސައުތު އޭޝިއާގެ 14 ވަނަ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ހަތް ގައުމެއްގެ 25 ބައިވެރިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސްޓެޗުއަޓަރީ އޯގަންސް އަދި ސަބްސިޑަރީ ބޮޑީސް އަށް ވެސް ރާއްޖެ ހޮވާފައިވެ އެވެ. މީގެ ތެރޭގައި ޖެނެރަލް އެސެމްބްލީގެ ވައިސް ޕްރެޒިޓެންޓުގެ މަގާމަށް އިންޑިއާ އަދި ކްރެޑެންޝިއަލްސް އަށް ބޫޓާން ހޮވާފައިވެ އެވެ.

ދެކުނު އޭޝިއާއަށް ކަނޑައަޅާ ކައުންސިލްގެ ދެ ގޮނޑިއަށް އިންޑިއާ އަދި އީރާންވެސް ހޮވި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ޓޫރިޒަމް ކައުންސިލްގެ ރިޔާސަތަށް އެންމެ ފުރަތަމަ ރާއްޖެ ހޮވުނީ 2019 ވަނަ އަހަރު އެވެ. އެ ކައުންސިލްގެ ބައްދަލުވުމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވަޑައިގަތެވެ.