ބޭރު ކުޅިވަރު

ހެރީކޭން ގެނައުމަށް ޗެލްސީން މަސައްކަތް ކުރަނީ

ޓޮޓެންހަމާއި އިނގިރޭސި ގައުމީ ފޯވަޑް ހެރީކޭން ގެނައުމަށް ޗެލްސީން މަސައްކަތް ފަށައިފި އެވެ.

ނަމަވެސް މިރޭ މި ދެ ޓީމު ކުރިމަތިލާ މެޗުގެ ކުރިން މިކަމާމެދު ސުވާލު ކުރުމުން ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ދީފައިވަނީ ވަރަށް ފިނި ޖަވާބެކެވެ.

"އަހަރެން ކުރިން ނުދަންނަން ހެރީކޭން. އަހަރެން އޭނާ ދަންނަން ފެށީ ފުރަތަމަ ޓީމަށް ކުޅެން ފެށިފަހުން. މޮޅު ފޯވަޑަކު ދެނެގަތުމަކީ މާއުނދަގޫ ކަމެއްނޫން،" މޮރީނިއޯ ބުންޏެވެ.

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ އަށް ގެނައުމަށް ޝޯޓްލިސްޓްކޮށްފައިވާ ކަމަށް އިނގިރޭސި މީޑިޔާއިން ތުހުމަތުކުރާ ދެ ފޯވަޑުންނަކީ ހެރީކޭން އާއި ލެސްޓާ ސިޓީގެ ފޯވަޑް ޖިމީ ވާޑީ އެވެ.

"ތިއީ މިދިޔަ ސެޕްޓެމްބަރުން ފެށިގެން ދައްކާ ވާހަކަ އެއް. އަދި ޖެނުއަރީ އެކަކުން ފެށިގެން ބޮޑަށް ދައްކާނެ ވާހަކައެއް. އަހަރެން ބޯޑަށް ހުށަނާޅާނަން ކުޅުންތެރިން ގެންނާކަށް. ބޮޑަށް ބަލާނީ މިހާރު ތިބި ކުޅުންތެރިންނާއެކު ނަތީޖާ ނެރެން،" މޮރީނިއޯ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އާ ކުޅުންތެރިން ގެންނާނެކަން ވެސް އަދި ނުގެންނާނެކަން ވެސް ނިންމަން އަދި މާ އަވަސް ކަމަށާއި ކުޅުންތެރިން ގެނައުން ބިނާވެފައިވަނީ އެވަގުތެއްގެ ހާލަތަށް ކަމަށެވެ.

"މިއީ އަދި ނޮވެމްބަރު. ޑިސެމްބަރު އޮތްގޮތަކަށް އޮތީ. އެހެންވީމަ އަދި މާ އަވަސް ތިވާހަކަ ދައްކަން. ޗެލްސީ އަކީ ބޮޑު ކުލަބެއް. ބޮޑެތި ކުލަބުތަކަށް އަންނާން އަޑިގުޑަން ދުވަސްތައް. މިހާލަތުން އަރައިގަތުމަށް ކުޅުންތެރިންނާއި ކުލަބުން މިދަނީ ބުރަކޮށް މަސައްކަތް ކުރަމުން،" މިވަގުތު ތާވަލުގެ 15 ވަނާގައި އޮތް ހުސްވި ސީޒަނުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުންޏެވެ.