މާލޭ ސިޓީ ކައުންސިލް

ވެމްކޯ ފެއިލްވެ، ސިޓީ ކައުންސިލުން ކުނި ނަގަނީ

ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ކުނި ނަގަނީ: ވެމްކޯއިން ކުނި ނުނެގުމުން ސިޓީ ކައުންސިލުން މަގުތަކުގައި ހުރި ކުނިތައް ނަގަން ފަށައިފި
0%
0%
0%

މާލެ އިން ކުނި ނެގުމަށް ހަވާލުކޮށްފައިވާ ކުންފުނި، ވެމްކޯއިން ޒިންމާ އަދާކުރަން ފެއިލްވި ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކަށް ޖަމާކޮށްފައި ހުރި ކުނިތައް ނަގަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވެމްކޯއާއި ސިޓީ ކައުންސިލުން ވަނީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމާއި ގުޅޭގޮތުން އެއްބަސްވުމެއް ހަދައިފައި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން 2.9 ނުވަތަ ތިން މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ވެމްކޯއަށްދޭ ކަމަށެވެ. އެކަމަކު މަސްއޫލިއްޔަތު އަދާކުރުމުގައި ވެމްކޯ ފެއިލްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ މަގުތަކަށް ކުނި ނުނެރުމަށް ރައްޔިތުންނަށް އެންގުމަށް ވެމްކޯ އަށް މިދިޔަ މަހު ސިޓީ ކައުންސިލުން ވާނީ އަންގާފައި ކަމަށެވެ. އެގޮތުގެ މަތިން ވެމްކޯއިން ވަނީ އިއްޔެ އިން ފެށިގެން ގެތަކުގެ ފްލޯތަކުން ކުނި ނަގާނެ ކަމަށާއި މަގުތަކަށް ކުނި ނުނެރުމަށް އާންމުކޮށް އަންގާފަ އެވެ. ނަމަވެސް ކުނި ނަގާނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ ގޭބީސީތަކުން އެކަނި ކަމުގައިވެސް ވެމްކޯއިން ބުނެފައިވެ އެވެ.

ނަރީޝް ވިދާޅުވީ ވެމްކޯ އިން އާންމުކޮށް އެންގި އެންގުމާ އެއްގޮތަށް އެ ކުންފުނިން ކުނި ނަގާފައިވަނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. މިއަދު ހެނދުނު މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ފުނި ޖެހުނު އެ ސަބަބާ ހުރެ ކަމަށް ނަރީޝް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"ވެމްކޯގެ މައްސޫލިއްޔަތެއް ކުނި ނެގުމަކީ މާލޭގެ ގޭބީސީތަކުންނާއި މަގުތަކުން. އެކަން ނުކުރީމަ ސިޓީ ކައުންސިލުން މިއަދު މި ނުކުންނަށް ޖެހުނީ ކުނި ނަގަން." ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުތައް ކުނި ކޮތަޅުތަކުން ފުރިފައި އޮތް މަންޒަރު ބަލަން ސިޓީ ކައުންސިލަށް ނުތިބެވޭނެ ކަމަށެވެ. އެހެންކަމުން ކުނި ނަގަން ނިކުމެ މިހާރުވެސް އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މައްސަލަ ހައްލު ކުރުމަށް ވެމްކޯއާއި އެކުގައި މަސައްކަތް ކުރަމުންދާ ކަމަށާއި ހައްލު ނުކުރެވޭނެ ވަރުގެ ކަމެއް ނެތް ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވެމްކޯއާއި އެކުގައި މަސައްކަތް ކުރެވޭތޯ ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ކުނީގެ މައްސަލާގައި މި ވަގުތު ތުރުކީގައި ހުންނެވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިޒް މިއަދު ކޯފާ އިސްކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުން ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެކަމަށް ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނަގަމުންދާއިރު މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސިނާއީ އޭރިއާގައި ހުންނަ ވެމްކޯގެ އޮފީހެއްގެ ދޮރު މައްޗަށް ސިޓީ ކައުންސިލްގެ ލޮރީ އަކުން ކުނި އަޅާ މަންޒަރެވެ. މިކަމާ ގުޅިގެން ސުވާލު ކުރުމުން ނަރީޝް ވިދާޅުވީ އެއީ "އޮޅުމަކުން" ދިމާވި ކަމެއް ކަމަށެވެ. އަދި އެކަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910