ރައީސް އަބްދުﷲ ޔާމީން

އުނުގަނޑުގައި ރިއްސާތީ އަޑުއެހުންތައް ކުރުކޮށްދޭން އެދިއްޖެ

Sep 16, 2021
2

ސުޕްރީމް ކޯޓުގައި މިހާރު ފަށައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ދިގު ދެމިގެންދާތީ ކުރުކޮށްދިނުމަށް އެމަނިކުފާނު ޝަރީއަތުގައި އެދިވަޑައިގެންފި އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 9:00 އިން 12:00 އަށް އަދި ދެވަނަ ސެޝަން 1:30 އިން 3:00 އަށެވެ. ރައީސް ޔާމީން މިއަދު ވިދާޅުވީ އުނުގަނޑުގައި ރިއްސާ މީހެއް ކަމުން އެހާ ގިނަ ވަގުތު އިށީންދެ އިންނަން އުނދަގޫވާ ކަމަށެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި އިސްތިއުނާފް އަޑުއެހުންތައް ފަށައިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. މިއަދުގެ 12:00 އާއި ހަމައަށް ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ ތިން ވަނަ އަޑުއެހުމެވެ. އަދިވެސް ހުށަހަޅަމުން ދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ 22 އިސްތިއުނާފީ ނުކުތާތަކެވެ.

ރައީސް ޔާމީންގެ މި ހުށަހެޅުމާއި ގުޅިގެން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވަނީ ޝަރީއަތް ކުރިއަށް ގެންދަން ރަގަޅު ވަގުތަކީ ކޮބައިތޯ އެމަނިކުފާނުގެ ފަރާތްޕުޅުން އައްސަވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ހެނދުނު 9:00 އިން 12:00 އަށް ދުވާލަކު އެއް ސެޝަން ކުރިއަށް ގެންދަން ރަގަޅު ކަމަށެވެ.

ފަނޑިޔާރު ވިދާޅުވެފައި ވަނީ ބަލިހާލަތާ ގުޅޭ ލިޔެކިޔުންތަކާއެކު ކޯޓަށް ސިޓީއެއް ހުށަހެޅުމަށެވެ. އޭރުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އަދި ވަނީ އިސްތިއުނާފް ފޯމާއި އެކީ އިތުރު ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށެވެ. މިއަދުގެ ޝަރީއަތް ފަށަމުން ފަނޑިޔާރު ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަދައްކަވަން ބޭނުންތޯ ސުވާލުކުރައްވާފަ އެވެ. ނަމަވެސް ދިފާއުން ނިންމީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށެވެ.

މި މައްސަލައިގެ މިއަދުގެ ދެވަނަ ސެޝަން ދެން ފެށޭނީ 1:30 ގައެވެ.