ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޔާމީން ދެން ބަންދު ވެދާނެ ކަމަކަށް ނުފެނޭ: ޝަހީމް

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޓޯކް ޝޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އެ މަނިކުފާނު "ނައްތާލު"މުގެ މަގުސަދުގައި އުފުލާފައިވާ ދައުވާތަކެއް ކަމަށާ ނަމަވެސް ދެން އެ މަނިކުފާނު ބަންދު ވެދާނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. ޝަހީމް މިހެން ވިދާޅުވީ އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޓޯކް ޝޯގައި ބައިވެރިވެ ވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައިވެސް އިހުތިޔާރު ކުރެއްވި ޑރ. ޝަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ނިންމަވާ ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ ވަރަށް އަދުލުވެރި އިންސާފުވެރި ހުކުމެއް ކަމަށެވެ. އަދި ގައުމީ ވިސްނުމުގައި މަސައްކަތް ކުރައްވާ ލީޑަރަކު މިނިވަންވެވަޑައިގަތުމަކީ މުޅި ރާއްޖެއަށް ލިބުނު ހެވެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވާ ދެއްވާނެ ލީޑަރަކަށް ހުންނެވީ ޔާމީން ކަމަށާ އެކަމާމެދު ދިވެހި ރައްޔިތުން ވިސްނާލަން އިތުރު ފުރުސަތެއް ލިބިފައިވާ ކަމަށެވެ. އަދި އެމަނިކުފާނަކީ 2023 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެ ދައުވާގައި އުންސުރުތައް ހަމަނުވާ ދައުވާ އެއް. އެއީ ސިޔާސީ ދައުވާއެއް. އެކަމުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގަތީ ވަރަށް ބޮޑު އަނިޔާއެއް. މިވަގުތު ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަކީ ރާއްޖެއަށް ހަގީގަތުގައި ވަރަށް މުހިންމު ކަމެއް ވެެގެން އެ ދިޔައީ. ރާއްޖެ ވެއްޓިފައި މި އޮތް ހާލަތުން އަރައިގަތުމަށް ލިބުނު މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" ޝަހީމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓްގައި އޮތް ރައީސް ޔާމީންގެ މައްސަލަ ނިމި އެމަނިކުފާނު މިނިވަންވެޑައިގެންނެވި ނަމަވެސް މިހާރު ދަށު ކޯޓް މަރުހަލާގައި ހިންގާ ޝަރީއަތްތަކުން އިތުރު ހުކުމެއް އަތުވެއްޖެ ނަމަ އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ. އެމަނިކުފާނުގެ މައްޗަށް ހަތަރު ދައުވާއެއް އެބައޮތެވެ.

އެކަމާއި ގުޅޭގޮތުން ޝަހީމް ވިދާޅުވީ ރައީސް ޔާމީން ހުއްޓުވަން ބޭރާއި އެތެރެއިން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް އެ ހުރަސްތައް ގިރާކޮށް އިންތިހާބާ ހަމައަށް ވާސިލުވެވޭނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ ދިވެހިރާއްޖެ މިއީ އެހެން ގައުމެއްގެ އަވަށެއްގެ ގޮތުގައި އޮޕަރޭޓްވާ ކަށެއް. ދިވެހި ދައުލަތަކީ މިއީ ހައިބަތާއި ގަދަރުހުރި މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ދެމި އޮތުމަށް ދިވެހިރައްޔިތުން ބޭނުންވަނީ. އެތަސައްވުރު ހުރި ބޭފުޅަކީ ކޮން ބޭފުޅެއްކަން އެންމެނަށްވެސް ސާފު. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޕީޕީއެމްގެ ރައީސް. އަދި ރައީސް ޔާމީން މިނިވަންވެވަޑައިގަތުމާއެކު ޕީޕީއެމަށް މިވަނީ އިތުރަށް ދިރުން ލިބި ވަރުގަދަވެެގެން ގޮސްފައި. އެހެންވީމަ އަޅުގަނޑު ދެކެނީ ދެން އޮޕޮޒިޝަން ހުއްޓުވާ ނުލެވޭނެ ކަމަށް. އަދި ފަހަރުގަައި ބޭރުގެ އެކިއެކި ނުފޫޒުތަކާއި ރާއްޖޭގެ އެތެރެއިންވެސް ބޭނުންވެދާނެ ރައީސް ޔާމީނަށް އިތުުރު ހުރަސްތަކެއް ކުރިމަތިކުރުވަން. އެކަމަކު އަޅުގަނޑަށް ފެންނަ ގޮތުގައި ނައްތާލެވިދާނެ. އެ ހުރަސްތައް ގިރާކޮށް އިންތިހާބާ ހަމައަށް ވާސިލުވެވިދާނެ،"

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެންވެސް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ.

ޝަހީމް ވިދާޅުވީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާވެސް އުފުލީ އަދި މިހާރު ހުރި ދައުވާތައް އުފުލީވެސް ސަރުކާރުން ބޭނުންވާ ހެކިތަކެއް އުފައްދައިގެން ކަމަށާ ސުޕްރީމް ކޯޓުން މައްސަލަ ބާތިލުކުރުމުން ދެން ހުރި މައްސަލަތަކުގައި ބުރަދަނެއް ހުންނާނެ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ޖެހިގެން މި އަންނަ މައްސަލަތަކުގައިވެސް ސަރުކާރުން ތައްޔާރުކުރި ބޮޑެތި ބަންޑާރަ ހެކިތައް ސުޕްރީމް ކޯޓުން އެ ވަނީ ބަލިކަށި ކުރައްވާފައި. މި ހުރިހާ މައްސަލަތަކުގައި އެންމެ ބޮޑެތި ބައިވެރިން އެ ބައިވެރިންނަކީ. އެ ހެކިތަކާމެދު މިވަނީ ޝައްކު އުފައްދާފައި. އެހެންވީމަ އޭގެ މައްޗަށް ބިނާކޮށް ދެން އަންނަ މައްސަލަތަކުގައި ބުރަދަނެއް ހުންނާނެ ކަމަކަށް އަޅުގަނޑަށް ނުފެންނާތީވެ އަޅުގަނޑު މި ދަންނަވަނީ އެގޮތަކަށް ރައީސް ޔާމީން ދެން ބަންދުވެގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަނެއްކޮޅުން ސުޕްރީމް ކޯޓްގެ މި ނިންމުމާއެކު ދަށު ކޯޓްގެ ފަނޑިޔާރުންނަށްވެސް ދިރުން ލިބިފައިވާ ކަމަށް އަޅުގަނޑަށް ފެންނަނީ. އެހެންވީމަ އަޅުގަނޑަށް ފެންނަނީ 2023 ގެ އިންތިހާބުގައި ރައީސް ޔާމީންގެ ނަންފުޅު ވޯޓްކަރުދާސްކޮޅުގައި އޮންނާނެއޭ. އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނޭ،" އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށްވެސް ކުރީން ހުންނެވި ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓްގައި ހިންގި ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށްވެސް ޝަހީމް ތުހުމަތު ކުރެއްވިއެވެ. ޝަހީމް ވިދާޅުވީ ދަށު ކޯޓް ދެ މަރުހަލާފައިވެސް ސަރުކާރުގެ ނުފޫޒު އޮތްކަން ހާމަވެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށް ތައްޔާރުވެފައިވަނިކޮށް ފަނޑިޔާރު ބަދަލު ކުރުމާއި ހައިކޯޓް މަރުހަލާއިން ޔާމީނަށް ކަފާލާތު ދޭން ދެކޮޅޫ ހެދުން ފަދަ ކަންކަމުން މައްސަލަ ހިންގުމުގައި ހަދާފައިވާ ގޯސްތައް ފެންނަން ހުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ ހުކުމާއެކު ދަށު ކޯޓްތަކުންވެސް ދެން އެފަދަ ގޯސްތައް ތަކުރާރު ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓްގެ މައްޗަށްވެސް ނުފޫޒު ވައްދަން މަސައްކަތް ކޮށްފައި އޮތީ. އެހެން ނަމަވެސް އެތަނުގައި ތިއްބެވި ފަނޑިޔާރުން އެ ފުރުސަތު ނުދެއްވަންޏާ އެތަނަކަށް ނުފޫޒެއް ނުވަންނާނެ އެހެން ނޫންތޯ. އަޅުގަނޑުމެން ދުށީމު ނޫންތޯ ދަށު ކޯޓްތަކުގައި މައްސަލަ ހިނގާ ދިޔަ ގޮތް،" ޝަހީމް ވިދާޅުވިއެވެ.