އަހުމަދު މޫސާ މުހައްމަދު

އަންމަޓީ އެދެނީ ދެ ދަރިން ޖާމިނުކޮށް ބަންދުން ދޫކުރުމަށް

Sep 16, 2021

ދެ ދަރިން ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) އަނެއްކާވެސް ކޯޓުގައި އެދިއްޖެ އެވެ.

ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އަންމަޓީ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅީ އޭނާގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

ކޯޓުގައި އަންމަޓީ ބުނީ އޭނާ އަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށެވެ. އެހެންކަމުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވުމަށް ޝަރުތުކޮށްފައި ނަމަވެސް އޭނާ ބަންދުން ދޫކޮށްދިނުމަށެވެ. އޭނާގެ ދެ ދަރިން ޖާމިނުކޮށްފައި އެކަން ކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ސައީދު ވިދާޅުވީ އަންމަޓީގެ މައްޗަށް ކުރެވެނީ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ އަންމަޓީ ދޫކޮށްލުމުން މުޖުތަމައުގެ މަސްލަހަތު ގެއްލުމާއި އެކު ކުށް ކުރުމަށް ބަޔަކަށް ހިތްވަރު ލިބިގެން ހިނގައިދާނެ ކަމަށެވެ. އެއަށްފަހު ގާޒީ ނިންމެވީ އަންމަޓީ ޖަލު ބަންދުގައި ބެހެއްޓުމަށެވެ. އެކަމަކު ކޮންމެ 30 ދުވަހަކު ބަންދުގެ މުއްދަތު މުރާޖައާ ކުރަންޖެހޭތީވެ ހާލަތަށް ބެލުމަށްފަހު އަންމަޓީގެ ހުށަހެޅުމާ މެދު ގޮތެއް ނިންމަން ޖެހޭ ނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމުގައިވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

އަންމަޓީގެ ބަންދުގެ މުއްދަތު މުރާޖައާ ކުުރުމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ވެސް އަންމަޓީގެ ދިފާއީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ވަނީ މީހަކު ޖާމިނުކޮށްފައި ނަމަވެސް ނުވަތަ ދައުލަތުގެ އިދާރާ އަކަށް ކޮންމެ ދުވަހަކު ހާޒިރުވާން މަޖުބޫރު ކޮށްފައި ނަމަވެސް އަންމަޓީ ބަންދުން ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ފަހަރުވެސް ކޯޓުން ވަނީ އޭނާ ބަންދުން ދޫނުކުރަން ނިންމާފަ އެވެ.

އަންމަޓީ ބަންދުން ދޫކޮށްލުމަށް ދައުލަތުގެ ފަރާތުން ގެންދަނީ ތަކުރާރުކޮށް އިއުތިރާޒް ކުރަމުންނެވެ. ދައުލަތުން ފާހަގަކުރާ ގޮތުގައި ދެ އަހަރު ވަންދެން އަންމަޓީ އުޅުނީ ތަހުގީގަށް ފިލައިގެން ކަމަށާއި އޭނާ ގައުމަށް އެނބުރި އައީ ސްރީލަންކާއިން ޑީޕޯޓް ކޮށްލުމުން ކަމަށެވެ. އެހެންކަމުން އޭނާ ކޯޓަށް ހާޒިރުނުވެދާނެތީ އާއި ޝަރީއަތަށް ފިލައިފާނެ ކަމުގެ އިހުތިމާލް ވަރަށް ބޮޑު ކަމަށް ދައުލަތުން ދެެކެ އެވެ.

އަންމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވާ 42 ދައުވާގެ ތެރެއިން އަދިވެސް ބައެއް ދައުވާތައް އޭނާ އަށް އިއްވާފައެއް ނުވެ އެވެ. މިހާތަނަށް އިއްވި ދައުވާ ތަކަށް އަންމަޓީ ވަނީ އިންކާރުކޮށްފަ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.