އަންނަ މަހު 23ގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް މި ފަހަރު ވެސް ދޭނީ 50000 އެމެރިކާ ޑޮލަރު ކަމަށް ސާފުން ނިންމައިފި އެވެ.
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާއިން މި ގޮތަށް ނިންމިއިރު ދެ ވަނަ ޓީމަށް ދޭން ނިންމާފައިވަނީ 25000 ޑޮލަރެވެ. ތިން ވަނަ އަދި ހަތަރު ވަނަ ޓީމަށް 10000 ޑޮލަރެވެ. މިއީ މުބާރާތުގައި ކުރިން ވެސް ދެމުން އައި އިނާމް ފައިސާގެ އަދަދުތަކެވެ.
އިނާމް ފައިސާ އަށް ބަދަލު ގެނެސްފައިނުވާއިރު މި ފަހަރުގެ މުބާރާތަކީ މުބާރާތުގެ ނަން ވިއްކާލައިގެން ބާއްވާ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި ބާއްވަމުން އައި މުބާރާތް މި ފަހަރު ބާއްވަނ ސާފް ސުޒުކީ ކަޕުގެ ނަމުގަ އެވެ. އެއީ ސުޒުކީ މޮޓާސް ކުންފުނިން މުބާރާތް ސްޕޮންސާ ކުރުމުންނެވެ.
އިންޑިޔާގައި ޑިސެމްބަރު 23އިން އަންނަ އަހަރުގެ ޖެނުއަރީ ތިނަކަށް ކުރިއަށް ގެންދާ މުބާރާތުގައި މި ފަހަރު ބައިވެރިވަނީ ސާކުގެ އަށް ގައުމުގެ ތެރެއިން ހަތް ގައުމެވެ. މުބާރާތުން ޕާކިސްތާން މިދިޔަ ހަފުތާގައި ވަކިވީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިހާބުގެ މައްސަލަތަކާހެދި އެވެ. އަދި ޕާކިސްތާނުގެ ކޯޓުން ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނުބާއްވަން އަމުރުކޮށްފައިވާތީ އެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ކުރީގެ ޗެމްޕިއަން ބަނގްލަދޭޝް އާއި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ. ޕާކިސްތާން ވަކިވުމުން އޭ ގްރޫޕުގައި ތިބީ އިންޑިޔާ އާއި ސްރީލަންކާ އަދި ނޭޕާލެވެ.