ވާހަކަ

ސިއްތާ

"ލައިޒަލް..." ކޮޓަރީގައި ޓަކި ދިން އަޑާއެކު އެ އިވުނީ ހަމްދާނުގެ އަޑެވެ. ހުރިހާ ހިޔާލުތަކެއްގައި ހުރެ ވެސް ލައިޒަލް އޭރު ހުރީ ފެންވަރައިގެން ނުކުމެ ތައްޔާރު ވާށެވެ. ލައިގެން ހުރި ޖިންސުގެ ގޮށްތައް އަޅުވާލުމާއެކު ހުޅުވާފައި ހުރި އަލަމާރީން އެންމެ އަވަހަށް ޖެހުނު ގަމީސް ގަޔަށް ހެޔޮވަރުކޮށްލިއެވެ. ދޮރު ހުޅުވީ ދެނެވެ. ގޭގައި ހަމްދާނު އުޅޭކަން ލައިޒަލް ދެނަހުއްޓެވެ. ބަދިގެތެރެއިން އިވުނު ހުނުމުގެ އަޑަކީ ހަމްދާނުގެ އަޑުކަން ލައިޒަލްއަށް އެނގޭތީއެވެ.

"ތަނަކަށްދާންތަ ތިއުޅެނީ." ގަމީހުގެ ގޮށް އަޅުވަމުން ދިޔަ ލައިޒަލްއަށް ބަލާލުމާއެކު ހަމްދާނު އަހާލިއެވެ.

"ކަމަކުތަ؟"

"މަޑުކޮށްލެވޭކަށްނެތްތަ؟" ލައިޒަލްގެ ސުވާލާއެކު ހަމްދާނު ވެސް އަހާލިއެވެ.

"މި ނިކުންނަނީ." ލައިޒަލް ބުނެލިއެވެ.

ތައްޔާރުވެލައިގެން ލައިޒަލް ނުކުތްއިރު ބޮޑުކޮޓަރީގެ ސޯފާތަކުން ސޯފާއެއްގައި ހަމްދާނު އިނެވެ. ފޯނަށް ހުއްޓާލެވިފައިވި އޭނާގެ ނަޒަރު ބަދަލުވެލީ ލައިޒަލް އެތަނަށް އައުމުންނެވެ. ފުރަތަމަ ހަމްދާނު ފެށީ އޮފީހުގެ ވާހަކައެކެވެ. އެއަށްފަހު އޭނާގެ ހަގީގީ މައުޟޫޢުއަށް ޖެހިލިއެވެ. ލައިޒަލްގެ ކައިވެނީގެ ވާހަކަފެށިއެވެ.

"މަށަށް ވެސް ނުދައްކާނަންތަ؟" ހަމްދާނު ބުންޏެވެ. ލައިޒަލްގެ ތުންފަތް ދެމިލިއެވެ.

"ކާފަގެ ޖާސޫސް ފޮނުވާނޭކަން އެނގޭ." ލައިޒަލް ބުނެލިއެވެ. ހަމްދާނު ވަގުތުން ހީނލިއެވެ.

"ފިރާގުބެ އެކަންޏެއްނޫން. އަހަރެން ވެސް އެއީ ކާކުތޯ އެނގެން ބޭނުން. އަނެއްކާ އަހަންނަށް ފެނިފަތަ ހުރީ... މަހެއްހާކުރީން ކުއްލިއަކަށް ހުރެފަ ނެގި ދިގު ޗުއްޓީއާ މިކަމާ ގުޅުމެއްވެޔޭ ހީވާތީ. ރިސޯޓުން ވެސް ފެނުނީ ނުލާހިކު ރީތި ކުއްޖެ. އެއީތަ އެކުއްޖަކީ." ހިނިއައިސްފަ އިނދެ ހަމްދާނު ވާހަކަދެއްކިއެވެ. ނަމަވެސް ލައިޒަލްގެ މޫނު މިލައިގެން ދިޔައީތީ ހަމްދާނު ދުށްޓެވެ.

"އޭނާއަށްވާނީ ކިހިނެއް؟ އެނގެއެއްނު އެއީ މީހެއްގެ އަނތްބެއްކަން." ގަޔާނުވާކަމުގެ އަސަރު ލައިޒަލްގެ އަޑުގައި ވިއެވެ.

"ލައިޒަލް. ކާފަ ކަންބޮޑުވަނީ ވަކިން ދިރިއުޅުން ފަށަން އުޅޭތީ. ކާފަ ހުރީ މުސްކުޅިވެފަ. ތީ އޭނާގެ ހަމައެކަނި އާއިލާ. މިގޭގައި ކީއްވެ ނޫޅެންވީ... މިގެއާ ވަރަށް ގިނަ ހަނދާންތައް ގުޅިފާ ވާކަން އެނގޭ. މައްސަލައަކީ ގެ ކަމުގަ ވާނަމަ ތި ނެގި އެޕާޓްމެންޓަށް ލައިޒަލްމެންގެ ދިރިއުޅުމުގައި ބައިވެރިކުރާން ކާފަ ގެންދަންވީނު. އަނެއްކާ ކައިވެނި... ކީއްވެތަ އެއްވެސް ކަމެއް ނުބުނަން ތިއުޅެނީ. އަހަންނަށް ވެސް އިތުބާރުނުކުރަނީތަ؟."

"އަހަންނަށްވުރެ ވެސް ކާފަގެ ކަންކަމުގައި ހަމްދާން އިސްކަންދޭނެކަން އެނގޭ. އަހަންނަށްވުރެ ރަނގަޅު ދަރިއަކަށް ވެސް ހަމްދާން ވާނެ. އަހަރެންގެ މި ނިންމުމަމާ ސުވާލުނުކުރޭ. މި ދިރިއުޅުން އަހަރެން ފަށަން ބޭނުމީ މިގެއާ ދުރުގައި. މުސްތަގުބަލުގައި ވާނޭ ގޮތެއް ނޭނގޭ. މިވަގުތު އެއްވެސް ކަމެއް އަހަންނަށް ޔަގީނެއްނޫން. އެކަމަކު ދިރިއުޅުން ހަމަޖެހުނީމަ އަހަރެން އެނބުރި އަންނާނަން. އަނބިމީހާ ގޮވައިގެން ކާފައާއެކު މިގޭގައި ދިރިއުޅޭން އަންނާނަން. އެހާތަނަށް އަހަރެންގެ އަމިއްލަ ނަފްސަށް ވެސް ޔަގީންކަން ލިބިފައި ހުންނާނީ. ހަމްދާން! މިގެއަށް ބަދަލުވާންވީނު. އެކަނި ތިހެން ތަނެއް ހިފައިގެން ހުރުމަށްވުރެ ރަނގަޅުވާނެ. އަހަންނަށް އުނދަގުލެއްނުވާނެ. ބައިވަރު ކޮޓަރި މިގޭގަ އެބަހުރި. ކާފަ ކައިރީ އަހަންނަށް ނުހުރެވުނަސް ދާން ހުންނާނެކަން އެނގުމަކީ އަހަރެންނަށް ލިބޭނެ ހިތްހަމަޖެހުމެއް. އަހަރެމެން ގާތް ރައްޓެހިންނޭ ބުނާހާ ގާތްނުވިޔަސް ތީ އިތުބާރު ހިފޭ މީހެއް. އަހަރެމެން ބޮޑުވީ ކާފަގެ ބެލުމުގެ ދަށުގައި... ލައިކް ސިބްލިންގްސް..."

"އެހެންވެއޭ މިހެން މިވަނީ. ލައިޒަލްއާމެދު އަހަރެންނަށް ވިސްނެނީ... ކޮއްކޮ ކަމަކާ ކަންބޮޑުވާނަމަ އެއީ ކޮންކަމެއްތޯ ބެލުމަކީ ބޭބެގެ ޒިންމާއެއް. އަހަރެން ދޮށީ... ފިރާގުބެ އެ ޒިންމާ ހަވާލުކުރީ އަހަންނާ. ލައިޒަލްއަށް ކަމެއްދިމާވެއްޖެކަން އެނގޭ. އެކަމަކު އެހީވާނެ ގޮތެއް އަހަންނަކަށް ނޭނގެ." ހަމްދާނުގެ އަޑުގައިވީ ސީރިއަސްކަމެވެ.

"އިރުކޮޅަކުން އޭނާ އޮފީހުން ނިމޭނެ. ބަލާދާން މިދަނީ... ދާނަންތަ؟ އޭރުން ބައްދަލުވެދާނެ." އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ލައިޒަލް ބުންޏެވެ.

"ސިސް އިން ލޯ..." ސުވާލެއްހެން ހަމްދާނު ބުނެލިއެވެ. ލައިޒަލް ބޯޖަހާލީއެވެ. ވަގުތުން ހަމްދާނުގެ މޫނުން ސީރިއަސްކަން ކެނޑި ތުންފަތް ދެމިލައިފިއެވެ.

"އައިލް ޑްރައިވް." ސޯފާއިން ތެދުވަމުން ހަމްދާނު ބުނެލިއެވެ.

ލައިޒަލް ބަނޑުހައިވެފަ ހުރިކަން ބުނެ ކާއެއްޗެއް ކާލައިގެން ދާން ހިޔާލު ފާޅުކުރިއެވެ. ނަމަވެސް ފަހަރި ބަލާހިތުން ހުރި ހަމްދާނު ބުނީ އޭނާއަށް ލައިޒަލްގެ ވާން އުޅޭ އަނބިމީހާ ތަޢާރަފްކޮށްދިނުމަށެވެ. އޭގެ ބަދަލުގައި ލައިޒަލް ބޭނުން އެއްޗެއް ބޭނުންތަނަކުން ކާންދޭނެކަމެވެ. ހަމްދާނުގެ މިޒާޖު ލައިޒަލްއަށް ރަނގަޅަށް އެނގެއެވެ.

މީރާއާ ދިމާއަށް ކާރުދުއްވަމުން އައިއިރު އެތަނުގައި "ރީތި ކުދީން" އުޅޭކަން ހަމްދާނު ބުންޏެވެ. އެ ބުނާ ރީތި ކުދީންނަކީ ހަމްދާނުގެ ހިތް އެދޭ ފަރާތްކަމެއް ހާމައެއް ނުކުރެއެވެ. ކާރު މަޑުކޮށްލުމާއެކު ލައިޒަލް ފޯނު ނެގިއެވެ. ހަމްދާނުގެ ސަމާލުކަން އެހިނދު އަތުލީ ލައިޒަލްގެ ދުލުން ބުނެލި ނަމެވެ. ހީވީ އޭނާ އެވަގުތު ހިތުން ކިޔަމުންދިޔަ ނަން ލައިޒަލްއަށް އިވިގެން ބުނެލީ ހެނެވެ. އަޖައިބުވެފައި ބަލަން ހަމްދާނަށް އިނދެވުނީއެވެ.

"އުޝާ... އުޝާ... އެ އުޝާތަ؟ އެ ނަން ކިޔާ އިތުރުކުއްޖަކަށް ވެދާނެތަ؟" ހުއްޓުން އަރާފައި އިން ހަމްދާނަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ.

"ކުޑައިރުކޮޅެއް ވާނެއޯ. އެ އަންނަނީ. ހުތުރެއްނުވާނެ. އުނިކަމެއްނެތްކަން ފެނުނީމަ އެނގޭނެ. ކާފައާ މީޓުކޮށްދޭނަން މެރީކޮށްގެން އައިސް." ލައިޒަލް ބުންޏެވެ. ހަމްދާނު މިފަހަރު ހަމައެކަނި ބޯޖަހާލީއެވެ. އޭނާގެ މޭގައިވި ހިތް ތެޅެމުންދިޔައީ ކެތްތެރިކަން ކުޑަވެފައިވާ ވާހެންނެވެ. އުޝާއާ ދުށުމަށް އެދިއެވެ. އޭނާގެ އުޝާއަށް ވަދާނޭތީއެވެ.

"ހާޓް ބްރޭކިން ޑްރާމާއަކަށްވާން މިއުޅެނީ. ރިއަލް ލައިފް ވެސް ޑްރާމައަކަށް ދޫނުކުރަނީތަ؟. ދުނިޔެ އެހާ ވެސް ކުޑަތަ؟" ހަމްދާނުގެ ސިކުނޑިއަށް އެތައް އެއްޗެއް އަރާ ފައިބަމުންދިޔައެވެ. އޭނާއަށް ހިލަންވީ ލައިޒަލް ކާރުން ފައިބަން ދޮރުހުޅުވާލުމުންނެވެ.

ލައިޒަލް ގަސް ހުއްޓިލި ގޮތުން އޭނާގެ ކުރިމަތީ ހުރި އަންހެންކުއްޖާ ހުރީ ނިވާވެފައެވެ. އޭނާ ކޮންމެވެސް ވާހަކައެއް ދެއްކުމަށްފަހު އެނބުރިލީއެވެ. މަތީގަވާ ލޯގަނޑު ކޮޅުން ކާރުގެ ފަހަތުން ލައިޒަލްއާއެކު އައި އަންހެންކުއްޖާ ހަމްދާނަށް ފެނުނެވެ. އެއީ އޭނާގެ އުޝާ އެވެ. އެ ހިތް ހާސިލުކުރަން މަސައްކަތް ކުރެވުނު އުޝާއެވެ. ކުއްލިއަކަށް ހަމްދާނަށް ހީނލެވުނެވެ. ދުނިޔެ އޭނާއާ ކުރި ސަމާސާ ދެކެބަލާށޭ އަމިއްލަ ޟަމީރަށް ބުނެލާ ފަދަ ހިތި ހީނލުމެކެވެ. އެހެންވިޔަސް އޭނާ ނިކަން އަވަހަށް ނަފްސު ހަމަޖައްސާލިއެވެ. އަޑަށް ބަދަލުތަކެއް އަތުވެދާނޭތީ އަވަސް ގޮތަކަށް ކަރުކެހިލިއެވެ. ކާރުގެ ފަހަތު ދޮރު ފަތް ހުޅުވާލައިގެން ލައިޒަލް ހުއްޓާ އުޝާ އަރާ އިށީނެވެ. ހަމްދާނު އެނބުރި ބަލާލުމުން އުޝާއާ ހަތަރުކަޅި ބައްދަލުވިއެވެ. ސިހުންއެކުލެވިފައިވާ ބެލުމަކުން އުޝާ ހުއްޓުން އެރިއެވެ. އެހިނދު ހިނިތުންވުމަކާއެކު ހަމްދާނު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލީއެވެ. އެ ހަރަކާތް ބަދަލުވެލީ ލައިޒަލް ކާރަށް އަރަން ދޮރުހުޅުވާލުމުންނެވެ.

"އުޝާ... ހަމްދާން." ލައިޒަލް ބުންޏެވެ.

"ބިގް ބްރޯ." ފުޅާ ހިނިތުންވުމަކާއެކު ހަމްދާނު އަތްދިއްކޮށްލިއެވެ. އޭނާ އެހެން ބުނީތީ ލައިޒަލް ކައިރިއަށް ހިނިއައެވެ. އުޝާ އިނީ ހައިރާންކަމެއްގައެވެ. ލައިޒަލްގެ ބޭބެއެއް ހުންނަކަމެއް އޭނާއަކަށް ނޭނގެއެވެ. މިހާދުވަހު އޭނާއަށް އެނގިފަ އޮތީ ލައިޒަލް އެއީ ހަމައެކަނި އެ އާއިލާގަ ހުރި ކުއްޖާ ކަމެވެ. ހަމައެއާއެކު ލައިޒަލްގެ ބޭބެއޭ ބުނިއިރު އެ މީހަކަށް މިވީ ހަމްދާނެއެވެ.

"ސަލާން ނުކުރާނަންތަ؟ ފެމެލީއާ ޖޮއިންވާން އުޅޭއިރު އެކުވެރީންނަށް ވާންވާނެއެއްނު." ހަމްދާނު ދިއްކޮށްގެން ހުރި އަތް ތަޅުވާލަމުން ބުންޏެވެ. އޭނާ އުޅުނީ މީ އުޝާއާ ބައްދަލުވި ފުރަތަމަ ފަހަރު ފަދައިންނެވެ. އެހެންވެ އުޝާ ވެސް ހަމްދާނު ދަންނަކަމަށް ނުހެދީއެވެ. އެ ތަފްސީލު ލައިޒަލްއަށް ދޭން ބޭނުންނުވާތީއެވެ. ހަމްދާނު އެކަހަލަ ވާހަކައެއް ދައްކާފައިވާނަމަ އެކަން އޮޅުން ފިލުވަން ލައިޒަލް ނާހައެއް ނުހުންނާނެކަން އުޝާއަށް އެނގެއެވެ. ރަނގަޅީ ވެސް ހަމްދާނު އެދޭ ވާހަކަތައް ލައިޒަލްގެ ކައިރީ ނުދެއްކިއްޔާއެވެ. ކައިވެނި ހުއްޓުމަކަށް އަތުވެދާނޭ އެއްވެސް ކަމެއް މެދުވެރިވާން އުޝާ ނޭދެއެވެ. މީ އޭނާ ހާދަ ދުވަހަކު ދެކެމުންއައި ހުވަފެނެކެވެ.

* * * * *

ޔަމާނާއެކު ކެފޭގަ އުޅުނު ރިދާ ނުކުމެލީ އަތިރި މަތީގަ ބަޔަކު ހަރަކާތްތެރިވާތަން ފެނިގެންނެވެ. ލަވައެއް ނޫނީ ފިލްމެއްގެ މަންޒަރެއް ނެގުމުގައި ބަޔަކުގައި ކެމެރާތައް ހިފައިގެން އުޅޭތަން ފެނެއެވެ. މަޑުމަޑުން ކައިރިއަށް ދެވުނުއިރު ފެނުނީ ދަންނަ މޫނެކެވެ. އެމީހުންގެ މަސައްކަތް ނިމެންދެން ދުރުގައި ރިދާ މަޑުކޮށްލައިގެން ހުއްޓެވެ. ޔަމާނު ގުޅުމުން ހުރީ ކޮންތާކުކަން ބުނެލުމާއެކު ޝީން ފެނިގެން ބައްދަލުކޮށްލާފައި ދާން ހުރީކަން ހާމަކުރިއެވެ. ރޭގަނޑު ކެފޭ ނުހުޅުވާން ޔަމާނާއި އީހާން އޮތީ ނިންމާފައެވެ. ދެމީހުން އެކަކުވެސް ކެފޭގެ ކަންކަން ބެލުމުގައި ނުހުރެވޭނެތީއެވެ. ލައިޒަލްއާއި އުޝާ ދޭ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ދާން ޖެހޭނެތީއެވެ. އީހާނު ވެސް ކެފޭގައި އުޅެފައި ގެއަށް ދިޔައީ ތިނެއް ޖެހިފަހުންނެވެ. އިރުއޮއްސި ނަމާދަށް ކެފޭ ބަންދުކޮށްފައި ދާން ޔަމާނު ހުރީއެވެ.

"ހޭއި..." ޝީންއަށް ރިދާ އަތް ހޫރާލިއެވެ. ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ޝީން އަތުން އިޝާރާތްކޮށްލީ މަޑުކޮށްލުމަށެވެ. މަސައްކަތްތައް ނިމުނީކަން ޔަގީންވުމުން ޝީން އެތަނުން މީހެއްގެ ކައިރީ ވާހަކައެއް ބުނެލާފައި އޭނާގެ ދަބަސް ހިފައިގެން ހިނގައިގަތެވެ.

"ހިނގާ ކޮފީއެއް ބޯލަން. މައި ޓްރީޓް... ހާދަ ދުވަހެއްފަހުންނޭ މިބައްދަލުވީ. ޓިކްޓޮކް އިން ވެސް ނުފެނޭ." ކައިރިއަށް ޝީންގެ އަތުގައި ހިފާލުމާއެކު ނިކަން ހިނިއައިސްފަ ރިދާ ބުންޏެވެ. އީހާނުގެ "ގާލްފްރެންޑް"ގެ ގޮތުގައި ޝީންވީއިރު އެމީހުންނާ ޝީންއާ އޮތީ ކިހާ ގާތް ގުޅުމެއްކަން ރިދާ ހަނދާނެއް ނުނެތެއެވެ. އެ އެކުވެރިކަން އީހާނާއި ޝީން ވަކިވީތީ ކަނޑާލާކަށް ބޭނުމެއްނުވެއެވެ. އެހެންވިޔަސް އެންމެންނާ ދުރުވީ ޝީންއެވެ. އޭނާގެ އެ ނިންމުން ރިދާއަށް ގަބޫލު ވެސް ކުރެވެއެވެ. އެހެންވިޔަސް މިހާރު މި ބައްދަލުވި ބައްދަލުވަކީ އަލުން އެކުވެރިކަން ފެށުމަށް ލިބުނު ފުރުސަތަކަށްވާން ރިދާ އެދެއެވެ.

"ކޮފީއެއް ބޭނުންވެފަ ހުރީ. އެކަމަކު ކޭވްއަށް..."

"ޔާނު އެކަނި އުޅެނީ." ޝީން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ރިދާ ދެނެގަތެވެ.

ޝީން ފެނުމުން ޔަމާނު ވެސް ގޮވާލީ އެކުވެރިއަކު ފެނިގެން ގޮވާލާ ފަދައިންނެވެ. ދެ އަންހެންކުދީންގެ އޯޑަރު ގެނެސްދޭން އޭނާ އަވަސްވެލިއެވެ. މޭޒުދޮށުގައި ރިދާއާއެކު ޝީން އިށީނެވެ. ގިނަ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކުރާތީ ހުސްވަގުތު ނުލިބޭކަން ޝީން ބުންޏެވެ. ޓިކްޓޮކް ވީޑިއޯތައް ވެސް މޫސުމީ ކަމަކަށްވީއޭ ބުނެލިއެވެ. ވަގުތު ނުވާތީ އެކަމާވެސް ނޫޅެވޭނީކަން ޝީން ހާމަކުރިއެވެ.

"އީހާން މެރީ ކުރިކަން އެނގޭތަ؟. އަހަރެމެން ނޫނީ ދެންތިބި މީހުން މެރީކޮށްފި." ރިދާ ބުނެލިއެވެ. ޝީންއަށް ހުރިހާ އެކުވެރީންގެ ޚަބަރު އޮޅުންފިލުވައިދޭ ފަދައިންނެވެ.

"ނީރާއާތަ؟" ވަގުތުކޮޅަކަށް ހިމޭންވެ އިނުމަށްފަހު ޝީން އަހާލިއެވެ. ރިދާ ހައިރާންވިއެވެ.

"އެހެންވީމަ އެނގޭދޯ." ރިދާ ބުންޏެވެ.

"ދެން ލައިޒަލް... އޭނާ ނީރާއާ އޮތް ގުޅުން." މިފަހަރު ޝީން ވެސް ހައިރާންވިއެވެ.

"ތީ އަހަންނަށް ވެސް ނޭނގޭ ކަމަކީ. ނީރާއާއި ލައިޒަލްގެ ދެމެދުގައި އޮތް ގުޅުމަށްވީ ކިހިނެއްކަން. ކުއްލިއަކަށް ދެމީހުން ދުރުވެއްޖެ. އީހާނާއި ނީރާ ކައިވެނިކުރީ. ލައިޒަލް މެރީ ކުރީ އުޝާއާ... ގަބޫލުކުރެވޭތަ. އެންޑް ނީރާ... ޝީން، ނީރާ ބަދަލުވެލާފަ ހުރިވަރުން މިހާރު ނުވެސް އެނގޭނެ. އެހާވަރަށް ސަކަރާތްޖަހާ ހީނ އުޅުނު ކުއްޖާ ހީވަނީ ހިނިތުންވުމަކީ ކޮބާކަމެއް ނުވެސް އެނގޭހެން. ހިކިކަމުން ގޮސް ވައިރޯޅިއެއް ޖެހިލިޔަސް ބިންދައިގެންދާނެ."

"އީހާން ލޯބިވޭ ނީރާދެކެ. ރިދާ... އޭނާ އެއްވެސް އަންހަނަކު ނީރާއާ އެއްވަރެއްނުކުރޭ. ފެށުނީއްސުރެ ވެސް އީހާނުގެ ހިތާއި ސިކުނޑީގަ އޮތީ ނީރާ."

"އެހެންވެތަ ތި ދެމީހުން ވަކިވީ." ރިދާ އިނީ ލިބުނު ފުރުސަތުގައި ހުރިހާކަމެއް އޮޅުންފިލުވަން ބޭނުންވެފައެވެ. ޝީން ދެކޮޅެއް ނުހެދިއެވެ. އޭނާ ބޯޖަހާލީ އެއްބަސްވާ ފަދައިންނެވެ.

"އެހެންވީރު އީހާނު ބުނީތަ ނީރާދެކެ ލޯބިވާ ވާހަކަ. އީހާނުވީމަ ނޫނެކޭ ބުނަން ނުކެރިގެން މެރީކުރީކަމަށް ވެދާނެތަ. އެރޭ ކަންތައްވީ ވަރަށް ހީނުކުރާ ގޮތަކަށް. އީހާނުގެ ބާތްޑޭ ފާހަގަކުރަން އަހަރެމެން އެންމެން ވެސް އެ ގެއަށް ދިޔައިން. އެރޭ ކޮންމެވެސް ކަމަކާ ލައިޒަލް ރުޅިއައިކަން އެނގޭ. ނީރާ އޭނާއާ ވާހަކަދެއްކި... ދެން ކުއްލިއަކަށް އީހާނުގެ ކައިރިއަށް ނީރާ ގެންދިއުމާއެކު އިއުލާން ކުރީ ދެމީހުން އިންނަން އުޅޭކަން. ނީރާ ސަޕްރައިޒްވީ ގޮތުން އަހަރެންނަށް ހީވީ އެއީ ނީރާ ނިންމާފަ އޮތް ގޮތެއް ނޫނެ. އެއްވެސް ކަމެއް ޔަގީނެއްނޫން."

"އީހާން... ހީ އިޒް އެން އޮބްސެސިވް. އޭނާއަށް ނީރާ ގެއްލެން އުޅޭހެން ހީވެއްޖެނަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އޭނާގެ އެ ސިފަ އަހަރެން ދުށީން. އައި ސޯ ދި ހަންގާ، ނޯ ވޮމެން ކޭން ސެޓިސްފައި ދެޓް ހަންގާ ހީ ހޭސް. މިހާ ދުވަހު އޭނާ ޓްރައިކުރީ އެ ހަންގާ ކޮންޓްރޯލު ކުރާން. ލައިފް ފާޓްނާއެއް ބޭނުންވެގެންނެއްނޫން." އިސްޖަހާލައިގެން އިނދެ ޝީންއަށް އެންމެ ހީވާގޮތް ހާމަކުރިއެވެ.

"ވަޓް ދަ ހެ... އިޒް ހީ އަ ސިކް ސައިކޯޕެތް..." ރިދާއަށް ބުނެވުނީ އިޚްތިޔާރުން ބޭރުގައެވެ. ގާތް އެކުވެރިއަކަށް ވިޔަސް ރިދާ އަބަދުވެސް އިސްކުރަނީ އީހާނަށްވުރެ ނީރާއެވެ. އޭނާގެ ހުރި އެންމެ ލޯބިވާ އެކުވެރިއަކީ އެއީއެވެ.

"ރިދާ. އެ ދެމީހުންނަކީ ކުއްލިއަކަށް ދިމާވި ދެމީހުންނެއްނޫން. އެހެންވީމަ ދެމެދުގައި ލޯބި އޮތުމަކީ ވެދާނެ ގޮތެއް. އީހާނު ކުރީން އިސްނުނަގާތީ ނީރާ ވެސް ހުރެދާނެ އެ އިހްސާސްތައް ފާޅުކުރަން ނުކެރިފަ. ކައިވެނި އިއުލާންކުރީ އީހާނަށް ވިޔަސް. ނީރާ ހުރިހާ ގަބޫލުކޮށްގެން ކަމަށްވެދާނެ ކައިވެނި ކުރީ." ޝީން ބޭނުންވީ އީހާނުގެ މައްޗަށް ތުހުމަތުތަކެއް ނުކުރާށެވެ.

* * * * *

"ބުނެފީމެންނު ދާކަށް ބޭނުމެއްނޫނޭ." އެނދުގައި ބަންޑުން އޮވެ ނީރާ ބުނެލިއެވެ.

"ކީއްވެ؟ އުޝާ ބައިވެރިވި އަހަރެމެންގެ ހުރިހާ ކަމެއްގަ. އެހެންވީމަ އަހަރެމެން ވެސް ދާންވާނެއެއްނު. އެ ދެމީހުންނަކީ އަހަރެމެންގެ ކްލޯޒް ފްރެންޑްސް. ޕްލީޒް ނީރާ... ތިހެން ނޯވެ ތެދުވެ ރެޑީވެބާ. ނީރާ ގޮވައިގެން ދާން ބޭނުމީ. އެހެންނޫނީ އެމީހުން ސުވާލުކުރާނެ."

"އީހާނު ދިޔަޔަސް ފުދޭނެ. އަހަރެން ނެތުމަކުން ކަމެއް އުންޏެއްނުވާނެ." ނީރާ ބުނެލިއެވެ.

"އެގޮތް އަހަންނަށް ކަމަކު ނުދޭ." އީހާނު ބުންޏެވެ.

"އެހެންވީރު އީހާނު ވެސް ނުގޮސް ހުރޭ." ނީރާ ބުންޏެވެ.

ތައްޔާރުވަމުން އައި އީހާނު ޗަސްޖަހާލިއެވެ. ނީރާގެ ނިންމުމާމެދު ގަޔާނުވެގެންނެވެ. އުޝާއާއި ލައިޒަލް ދެ ކެއުމުގައި ބައިވެރިވާން ދާން އީހާނު ބޭނުމީ ނީރާ ގޮވައިގެންނެވެ. ކުރީން ވެސް ނީރާ ނުދާނޭ އީހާނަށް އޮތީ ހީވެފައެވެ. އަނބިމީހާ ނުދިޔަސް މި ފުރުސަތު ގެއްލުވާލަން އީހާނު ނޭދެއެވެ. ލައިޒަލްއާއި އުޝާގެ ގާތްކަން އޭނާގެ ލޮލުން ދުށުން އެދޭތީއެވެ.

"އެހެންވީރު ކައިގެން އޮންނާތި. އަހަރެން ދާން މިދަނީ." ސެންޓު ޖަހާލުމަށްފަހު އެނދުގައި އޮތް ނީރާއާ ދިމާއަށް އެނބުރިލާފައި އީހާނު ބުނެލިއެވެ. ނީރާ ޖަވާބެއް ނުދިނެވެ. އީހާނު އަތުކުރީ ގަޑި އަޅާލުމާއެކު ވޮލެޓު ޖީބަށް ކޮށްޕާލިއެވެ. އިނގިލީގަ އޮންނަ ރިހި އަނގޮއްޓި އަޅާލުމާއެކު އޭނާ ކޮޓަރިން ނުކުތީއެވެ.

"މަންމާ. ނީރާއަށް ކާން ދެއްޗޭ. ހުންވައްތަރުވެފަ ހުރީ. ބޭހެއް ވެސް ނުކައި. އަހަންނަށް އާދެވޭލެއް ލަސްވެދާނެ." ބަދިގޭގައި އުޅުނު ލަމްހާއަށް ގޮވާލައި އީހާނު ވާހަކަދެއްކިއެވެ. އޭނާ ބުނެގެން ނުކުރިޔަސް ލަމްހާގެ ކައިރީ ނީރާ ދެކޮޅެއް ނުހަދާނޭކަން އެނގެއެވެ.

"ކޮންތާކަށް ތިދަނީ؟" ލަމްހާ އަހާލިއެވެ.

"އަހަރެމެންނާއެއްކޮށް އުޅޭ އުޝާ މެރީ ކުރީ. ލައިޒަލްއާ... މަންމައަށް އެ ދެ މީހުން ވެސް ފެނިފަ ހުންނާނީ." އީހާނު ބުނެލިއެވެ. ލަމްހާ ހިނިތުންވުމެއް ދީގެން ފިރިހެން ދަރިފުޅު ނުކުމެގެން ދަންދެން މަޑުކޮށްލިއެވެ.

ރޭގަނޑު ކާން ނަގަންވާއިރަށް އެއްޗެހި ހޫނުކޮށް ނިންމާފައި ކާމޭޒު މައްޗަށް ލަމްހާ ތަށިތައް ނެގިއެވެ. އެކަން ނިންމާލާފައި އޭނާ އައިސް އީހާނުގެ ކޮޓަރި ހުޅުވާލިއެވެ. ކޮޓަރީގައި ނީރާއެއް ނެތެވެ. ފާޚާނާ ކައިރިއަށް އައިސް ގޮވާލަން އުޅެނިކޮށް އޭނާގެ ކަންފަތުގައި ޖެހުނީ ނީރާގެ ރުއިމުގެ އަޑެވެ. މެޔަށް ފިނިވެގެން އައެވެ. އަވަސްއަވަހަށް ދޮރުގައި ލަމްހާ ޓަކިޖަހާލިއެވެ.

"ދަރިފުޅު..." ލަމްހާ ގޮވާލިއެވެ. ހަމައެހިނދުން ނީރާގެ ރުއިމުގެ އަޑު ކެނޑުނުކަން ލަމްހާއަށް ފާހަގަވިއެވެ.

"ދަރިފުޅާ، މަންމައޭ. ދޮރުހުޅުވާލެވޭނެތަ؟" ހާސްވެފައި ހުރެ ލަމްހާއަށް ބުނެލެވުނެވެ. އިސްކުރުން ފެން އޮހިގަތް އަޑު ލަމްހާއަށް އިވުނެވެ. ގިނައިރުތަކެއްނުވެ ނީރާ ދޮރުހުޅުވާލައި ނުކުތެވެ. ހިނިތުންވުމެއް ލަމްހާއާ ބަދަލުކޮށްލުމާއެކު ތުވާލިން މޫނު ފުހުނެވެ. އަޖައިބުވީ މީހަކުހެން ނީރާއަށް ބަލަން ވަގުތުކޮޅަށް ލަމްހާއަށް ހުރެވުނީއެވެ.

"ބަލީތަ؟" ނީރާގެ މޫނުގައި ލަމްހާ އަތްލިއެވެ. އީހާނު ބުނިހެން ހޫނުކަމެއް ނީރާގެ ހަމުގައި ހުއްޓެވެ.

"އާދޭ ކާން. ކައިގެން ބޭސްކާނީ. އެހެންނޫނީ ބޮޑުވަރު ވެދާނެ." ލަމްހާ ބުނެލިއެވެ. އޭނާގެ ސިކުނޑިއަށް ވިސްނައިގަންނަން ދަތިވެފައި ވިއެވެ. އޭނާއަށް އިވުނީ ނީރާގެ ރުއިމުގެ އަޑު ނޫންބާއެވެ.

ކާމޭޒުދޮށުގައި ސުޖާއުއާއި ލަމްހާއާއެކު ނީރާ އިނެވެ. ބަތްތަށި ހާވާވަރުން ލަމްހާއަށް އުނދަގޫވިއެވެ. ނީރާގެ އަތުން ސަމްސާ އަތުލުމާއެކު އޭނާގެ ތަށި ބަހައްޓާފައި ނީރާއާ ކައިރިވެލިއެވެ. ނީރާގެ ތަށިން ނެގި ބަތްސުވާ އެކުއްޖާގެ އަނގައާ ލަމްހާ ދިމާކޮށްލިއެވެ.

"ކުޅިއެއްނުވާނެ. ކިއުކަމްބާކޮޅު ވެސް މިއޮތީ. ހުޅުވާ އަނގަ." ލަމްހާ ބުނެލިއެވެ. ނީރާގެ ބޮލުގައިވި ރިހުން ގަދަވިއެވެ. މަންމަގެ އެ ޢަމަލު ފެނިފައެވެ. އުނދަގުލުން އަނގަ ހުޅުވިއެވެ. އެއާއެކު މަންމަގެ އަތުން ބަތްކޮޅު އަނގަޔަށް ލަވައިދީފިއެވެ. ސުޖާއު އިނދެފައި ނީރާއާ ދިމާކޮށްލިއެވެ. މަންމަގެ އަތުން ނުކާތީކަން ހިކެނީ ބުންޏެވެ.

ގިނައިން ނުކެވުނަސް ހޮޑުލެވިދާނޭ ބުނުމާއެކު ލަމްހާ ހުއްޓާލީއެވެ. ސުޖާއު ބޭސްފޮށި ހިފައިގެން އައިސް ނީރާއަށް ޕެރެސެޓޮމޯލް ގުޅައެއް ދިނެވެ. ލަމްހާ އިނީ ނީރާގެ ހުންހުރިތޯ ބަލާށެވެ. ހުން އެބަހުއްޓެ އޭނާ ބުނެލީ ސުޖާއުއަށް ވެސް އަޑު އިވޭ ވަރަށެވެ. ކޮޓަރިއަށް ނީރާ ވަދެ އޮށޯތުމުން އޭނާގެ ގައިމަތިން ރަޖާ ރަނގަޅުކޮށްދިނީ ލަމްހާއެވެ. ނިދާލަން ބުނެފައި އޭނާ އެ ކޮޓަރިން ނުކުތީއެވެ.

"ކީއްވެ ނުދާންވީ." އެތައް އިރަކު ވިސްނަން އޮވެފައި ނީރާ ތެދުވިއެވެ. ހިތާއި ސިކުނޑިއާ އަރާރުންވޭވޭ ވަރުބަލިވީ ތޯއްޗެކެވެ. އަދި އޭނާގެ ހިޔާލު ބަދަލުވެއްޖެއެވެ. ފާޚާނާއަށް ވަދެ ގައިދޮވެލައިގެން ނުކުމެ ނީރާ ތައްޔާރުވާން ފެށިއެވެ. އަލަމާރި ކައިރީ މަޑުކޮށްލައިގެން ހުރުމަށްފަހު އޭނާ ނެގީ ލޭސްފޮތީގެ ހުދު ހެދުމެކެވެ. އުޅަންބޮއްޓާ ހަމައަށް އަތްހުރި އެ ހެދުން ނީރާ ލީއިރު ދިގުމުން ހުރީ ތަނބިކައްޓަށްވުރެ ތަންފުކެއް މަތީގައެވެ. ބޫޓުތައް ހުރިތަނުން ވިދުމެއްހުރި "ހީލްސް"އެއް ނަގައިގެން ހިންދެމިލިއެވެ. ލޯގަނޑުން ސޫރަ ބަލާލުމާއެކު ނީރާ ކޮޓަރިން ނުކުތެވެ. ގޭތެރޭގެ އަލި ފަނޑުކޮށްފައި އޮތުމުން ސުޖާއުއާއެކު ލަމްހާ ކޮޓަރިއަށް ވަނީކަން ނީރާއަށް އެނގުނެވެ. މީހެއްކައިރީ ބުނެލުމެއްނެތި ނީރާ ގެއިން ނުކުތީއެވެ. (ނުނިމޭ(