އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީގެ އަަހަރީ އާއްމު ޖަލްސާ ބާއްވައިފި

ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކުންފުނި އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި އެވެ.

އެމްޑަބްލިއުއެސްސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާއާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ބޯޑު ޑިރެކްޓަރުން ވަނީ އެ ކުންފުނިން މިދިޔަ ކޮވިޑުގެ ހާލަތުގައި ވެސް ރައްޔިތުންނަށް ހުއްޓުމެއްނެތި ހިދުމަތް ދެމުންދިޔަކަން ފާހަގަކޮށްފައި ކަމަށެވެ.

ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން ދިމާވި ތަފާތު އެކި ގޮންޖެހުންތަކާއި އެކުވެސް މިދިޔަ އަހަރަކީ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށް އެމްޑަބްލިއުއެސްސީން ދެކެ އެވެ. އަދި 2019 ވަނަ އަހަރާ އާޅާބަލާއިރު މިދިޔަ އަހަރު އެމްޑަބްލިއުއެސްސީއަށް ލިބުނު ސާފު ފައިދާގެ އަދަދު ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކާމިޔާބީ ހާސިލް ކުރެވުނީ ކުންފުނީގެ މެނޭޖްމަންޓުން، ކުންފުނި ހިންގުމުގައާއި ހަރަދު ކުޑަކުރުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނާއި ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މިދިޔަ އަހަރުގެ ފައިދާ އިތުރުވެފައިވާއިރު ކުންފުނީގެ ހިދުމަތްތައް އާ އުސްމިންތަކަކަށް ގެންދަން ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި މީހުން ބިނާކުރުމަށް ކުރިއަށް އޮތް ދުވަސް ތަކުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ދެމުންގެންދާ ހިދުމަތްތައް އިތުރުކުރުމަށްޓަކައި މާލޭގެ އޮޕަރޭޝަން ސެންޓަރު ޑީސެންޓްރަލައިޒް ކުރެވި، އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ވަނީ ގާއިމްކޮށްފަ އެވެ. އަދި އިތުރު ސްޓޯރޭޖު ފެސިލިޓީ ގާއިމުކުރުމާއި މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތައް އެ ކުންފުނިން ދަނީ ކުރަމުންނެވެ.