އައްޑޫ ސިޓީ

އައްޑޫގައި ދަނޑުވެރިކަމުގެ ހާއްސަ ޕްރޮޖެކްޓެއް ފަށަނީ

Sep 16, 2021

އައްޑޫގައި ކޮމިއުނިޓީ ފާމެއް ގާއިމުކޮށް ދަނޑުވެރިން ތަމްރީނު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޔޫއެންޑީޕީގެ ގްލޯބަލް އެންވަޔަރަންމަންޓަލް ފެސިލިޓީގެ ދަށުން މި ޕްރޮގްރާމު ކުރިއަށް ގެންދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާއި، އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ އިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެންނެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ހަތަރު ފަރާތުން ސޮއި ކުރީ އެމްއެންޔޫގެ ހިތަދޫ ކެމްޕަހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހިތަދޫ އިން އެމްއެންޔޫ އަށް ލިބިފައިވާ ބިމުގެ ބައެއްގަ އެވެ. މި ޕްރޮގްރާމުގެ ދަށުން 1،000 އަކަފޫޓްގެ 19 ގްރީންހައުސް ގާއިމުކުރުމަށް ނިންމާފައިވެ އެވެ.

ޕްރޮގްރާމުގައި އައްޑޫގައި މިހާރުވެސް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި މުޅިން އަލަށް މިދާއިރާ އަށް ވަންނަން ބޭނުންވާ ފަރާތްތަކާއި އަދި ބައެއް ދަރިވަރުން ވެސް ބައިވެރިކޮށްގެން ޖުމްލަ 80 ދަނޑުވެރިން ތަމްރީން ކުރުމަށް ހަމަޖެހިފައިވެ އެވެ.

ސަރުކާރުގެ ކާނާގެ ޔަގީންކަމުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ 17 ބާވަތުގެ ތެރެއިން މި ޕްރޮގްރާމު ފުރަތަމަ ފަށައިގަންނައިރު ދެ ބާވަތެއް ހެއްދުމަށް އިސްކަން ދިނުމަށް ވަނީ ނިންމާފަ އެވެ. އޭގެފަހުން ބާވަތްތައް އިތުރުކުރުމަށްވެސް ނިންމާފައިވެ އެވެ.