ޖިންސީ ގޯނާ

ކުއްޖާއަށް ޖިންސީ ގޯނާކުރި ފުލުސް މީހާ ހައްޔަރު

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށް ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައެވެ. ފުލުހުންގެ މީޑިއާ އިން މިރޭ ބުނީ މިރޭ 11:09 ގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އެމީހާ އަކީ ފުލުހެއްކަންވެސް ކަށަވަރުކޮށް ދިނެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ގުޅިގެން މިރޭ އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި ފުލުސް މީހާއަށް ހިމާޔަތް ދީގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައިވެސް ވެއެވެ.

މުޒާހަރާ ކުރި މީހުން ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ. ފުލުހުން ބުނީ އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ކަމަަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަަށެވެ.

ފުލުހުން މިހެން ބުނި ނަމަވެސް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ. އަދި އެ މީހުންނާ ދެކޮޅަށް މުގުރު ބޭނުންކޮށް ބައެއް މީހުންނަށް މުގުރުން ހަމަލާދީފައިވާ ކަމަށެވެ.