އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިތުރު މީހެއްގެ ބައިވެރިން އޮތްތޯ ބަލަމުންދާ ކަމަަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
އައްޑޫސިޓީ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ރަށުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުޖް އަމަލު ކުރަމުންދާ ގޮތާމެދު އެ ރަށުގެ ރައްޔިތުން ސުވާލު އުފައްދައެވެ.
ހިތަދޫ ބައެއް މީހުން ބުނާ ގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާއަށް ވަނީ ހިމާޔަތް ދީފައެވެ. އަދި ހައްޔަރު ކުރީ މައްސަލައާ ގުޅުންވެސް ނެތް މީހެކެވެ. ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާގެ ކާފަ ކަމަަށް ތުހުމަތުތައް އޭނާގެ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ. އަދި ނުފޫޒު ގަދަ ބައެއްގެ އެހީގައި އޭނާ މިހާރު އިންޑިއާއަށް ފުރުވާލާފައިވާ ކަމަަށްވެސް ބުނެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އެ މައްސަލައާ ގުޅިގެން އާންމުން ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމާއި މައްސަލައާ ގުޅޭ ހެއްކާ ގަރީނާ ހޯދުމުގެ މަސައްކަތާއި އިތުރު މީހެއްގެ ބައިވެރިވުން އެކަމުގައި އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި 59 އަހަރުގެ ދިވެހި އަންހެން މީހާ ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން މެޑިކަލް އެސެސްމަންޓް ހަދާފައިވާ ކަމަަށެވެ.
އަދި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެެސެސްމަންޓާއި ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލާގައި ކުރަން ޖެހޭ ތަހުގީގާއި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.