ހަބަރު

މުސްކުޅިންނާ ބެހުނު މީހާއަށް ދައުވާކޮށްފި

Jun 25, 2020

އުމުރުން ދުވަސްވެފައިވާ އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރި މީހާ އަށް ދައުވާކޮށްފި އެވެ.

ސ. މީދޫގައި ދޮށީ އުމުރުގެ ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފުލުހުން ފޮނުވީ އިއްޔެ އެވެ.

މިއަދު ޕީޖީ އޮފީހުން ވަނީ އެމީހާގެ މައްޗަށް ދައުވާތައް އުފުލައި މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފަ އެވެ.

އެ އޮފީހުން ބުނި ގޮތުގައި މި މައްސަލާގައި ތުހުމަތުވާ ސ. މީދޫ، ޕްރިމްރޯސް، މުހައްމަދު ސިމްހާންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 230 ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުހެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

އޭނާ ވަނީ މިދިއަ މޭ މަހު އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ އޭނާ 24 ގަޑިއިރު ތެރޭގައި 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ވެސް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

އެ މީހާ ބަންދުގެ މައްސަލާގައި މި މަހުގެ 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އަދި އެ އަމުރު ރިވިއު ކޮށްދޭން ޕީޖީ އޮފީހުން އެ ކޯޓުގައި އަލުން އެދުމުން މިހާރު ވަނީ ގޭ ބަންދުގެ ބަދަލުގައި ހޯމް މިނިސްޓްރީން ނިންމާ ތަނެއްގައި ބަންދު ކުރަން އަންގާފަ އެވެ.

އެ މީހާ ގޭ ބަންދަށް ބަދަލު ކުރުމުން އަނިޔާ ލިބުނު މީހުންގެ އާއިލާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.