ހަބަރު

މުސްކުޅިންތަކާ ބެހުނު މީހާއަށް ދައުވާ ކުރަނީ

އުމުރުން ދުވަސްވެފައިވާ އަންހެނުން ތަކަކަށް ޖިންސީ ގޯނާ ކުރި މީހާ އަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ސ. މީދޫގައި ދޮށީ އުމުރުގެ ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް މިއަދު ފޮނުވާފައިވާނެ ކަމަށެވެ. ދައުވާކޮށް ދޭން އެދުނީ އެ މައްސަލައާ ގުޅިހެން ހައްޔަރު ކުރި 30 އަހަރުގެ ދިވެހި ފިރިހެންހެ މީހާގެ މައްޗަށެވެ.

އޭނާ ވަނީ މިދިއަ މޭ މަހު އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފަ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ އޭނާ 24 ގަޑިއިރު ތެރޭގައި 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ވެސް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

އެ މީހާ ބަންދުގެ މައްސަލާގައި މި މަހުގެ 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އަދި އެ އަމުރު ރިވިއު ކޮށްދޭން ޕީޖީ އޮފީހުން އެ ކޯޓުގައި އަލުން އެދުމުން މިހާރު ވަނީ ގޭ ބަންދުގެ ބަދަލުގައި ހޯމް މިނިސްޓްރީން ނިންމާ ތަނެއްގައި ބަންދު ކުރަން އަންގާފަ އެވެ.

އެ މީހާ ގޭ ބަންދަށް ބަދަލު ކުރުމުން އަނިޔާ ލިބުނު މީހުންގެ އާއިލާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.