އެމެރިކާގެ ފްލޮރިޑާގައި ހިނގި ކުޑަ ކުއްޖެއް ވަގަށް ނެގުމުގެ މި ހާދިސާ އަކީ ތުރިލާ ފިލްމެއް އުފައްދަން ވަރަށް ރަނގަޅު ވާހަކައަކަށް ވާނެ އެވެ. އެފަދަ ފިލްމެއްގައި ހިމެނޭ ހުރިހާ ކަމެއް މި ވާހަކައިގައި ވެސް ހިމެނެ އެވެ.
އެންޖެލިކާ ވެންކެސް-ސަލްގަޑޯ އަކީ ފްލޮރިޑާގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ހަ އަހަރުގެ އަންހެންދަރިފުޅު ޖެކްލީން ހާނަންޑެޒް 2007 ގައި ގެއްލުމުން އޭނާ ހަމަ އެ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރި އެވެ. ކުރިން ވެސް ޝައްކު ކުރެވުނު ގޮތަށް ކުއްޖާ ވަގަށް ނެގީ އޭނާގެ ބައްޕަ ޕަބްލޯ ހާނަންޑެޒެވެ. ނަމަވެސް ކުއްޖާ ގެއްލިގެން ހޯދަން ފެށިއިރު ކުއްޖާ ވަގަށް ނެގީ ކާކު ކަމެއް އެއްވެސް މީހަކަށް ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މި ކުއްޖާ ހޯދުމަށް ކުރަމުންދިޔަ ތަހުގީގު ފިނިވަމުން ގޮސް ގާތްގަނޑަކަށް ހުއްޓުމަކަށް އައެވެ. ދާދި މިދާކަށް ދުވަހަކާ ޖެހެންދެންނެވެ. ކުއްޖާ ގެއްލިގެން އޭނާގެ މަންމަ ރިޕޯޓު ކުރިތާ ބަރާބަރު 14 އަހަރު ފާއިތުވީ ފަހުން އެންޖެލިކާ އަނެއްކާވެސް ޕޮލިސް ސްޓޭޝަނަށް ދިޔަ އެވެ.
މިފަހަރު އޭނާ ސުވާލުކުރީ ދަރިފުޅު ފެނިއްޖެތޯއެއް ނޫނެވެ. އެންޖެލިކާ އެ ދުވަހު ފުލުހުން ކައިރީ ބުނީ އަންހެނަކު އޭނާއާ ފޭސްބުކުން ވާހަކަ ދައްކާފައިވާ ކަމަށާއި އެއީ 14 އަހަރު ކުރިން ގެއްލުނު އޭނާގެ ދަރިފުޅަށް ވެދާނެ ކަމަށެވެ.
އަންހެންމީހާ ދެއްކި ވާހަކަތަކުން އަޖައިބު ވެގެން ފުލުހުން މި މައްސަލަ ބަލަން ތަހުގީގު ޓީމެއް އެކުލަވާލި އެވެ. މި ތަހުގީގު ފެށީ އެންޖެލިކާ އާއި ފޭސްބުކުން ވާހަކަ ދެއްކި އަންހެންމީހާ އާ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކުގެ މައްޗަށް ބިނާ ކޮށެވެ.
މި ވާހަކަތަކުން އެނގޭ ގޮތުގައި މި އަންހެންމީހާ އެ ވަގުތު ހުރީ މެކްސިކޯ ގައެވެ. އެހެންވެ މެކްސިކޯ-ޓެކްސަސް ބޯޑަރު ކައިރިން އޭނާއާ ބައްދަލު ކުރަން އެންޖެލިކާ ގަސްތުކުރި އެވެ. ފްލޮރިޑާ އާއި ޓެކްސަސްގެ ފުލުހުން ވަނީ މި ދެ މީހުން ފޭސްބުކުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މިކަން ހިނގާފައިވާ ގޮތް ކޮންމެވެސް ވަރަކަށް ހޯދާފަ އެވެ. އަދި ދެ މީހުންގެ ބައްދަލުވުން ސިއްރުން ބަލަން ވެސް ފުލުހުން ނިންމި އެވެ.
އެންމެ ފަހުން އެންޖެލިކާ އާއި އޭނާއާ ފޭސްބުކުން ވާހަކަ ދެއްކި 19 އަހަރުގެ ޒުވާން އަންހެންކުއްޖާއާ ބައްދަލުވީއިރު ހަމަ ހަގީގަތުގައި ވެސް އެ ކުއްޖާވީ އެންޖެލިކާގެ ގެއްލިފައިވާ ދަރިފުޅަށެވެ. މި ކުއްޖާ 10 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައި ވަނީ މެކްސިކޯގަ އެވެ.