ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، އަބްދުއްސައްތާރު މޫސާދީދީ ހަނދާނުގައި އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ މައްޗަށް ފޮތެއް ލިޔުމަށް ދިވެހި ބަހުގެ އެކެޑަމީން ނިންމައިފި އެވެ.
އުމުރުފުޅުން 79 އަހަރުގައި ރޭ ބެންކޮކޮގައި އަވަހާރަވުމާ ގުޅިގެން ރާއްޖެ ގައުމީ ހިތާމައިގައި އޮތް މި ދަނޑިވަޅުގައި އެކެޑަމީގެ ރައީސް އަޝްރަފު އަލީ މިއަދު ވިދާޅުވީ އަބްދުއްސަތާރު މޫސާދީ އަވަހާރަވުމަކީ ދިވެހި ތާރީހަށާއި ދިވެހި ގައުމިއްޔަތަށް ލިބުނު ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި އެމަނިކުފާނުގެ އަވަހާރަވުމާއެކު އެމަނިފާނުގެ ހަނދާތައް އާކޮށް ބޭއްވުމުގެ ގޮތުން އެމަނިކުފާނުގެ ގައުމީ ހިދުމަތު މައްޗަށް ދިރާސާކޮށް ފޮތެއް ލިޔުމުގެ މަސައްކަތް ކުރަން ނިންމައި މިއަދުން ފެށިގެން އެ މަަސައްކަތް އެކެޑަމީން ކުރިޔަށް ގެންދާނެ ކަމަށެވެ.
"އެ މަނިކުފާނު އަވާރަވުމަކީ ގައުމިއްޔަތަށް، ދިވެހި ތާރީހަށް ލިވެހިންނަށް ލިބުނު ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް. އެމަނިކުފާނު ގައުމަށް ހިދުމަތް ކުރެއްވި ގައުމީ ހިދުމަތަކީ އެމަނިކުފާނުގެ އަމިއްލަ ފުރާނަފުޅު ކަމަށް ބަލައްވައިގެން، އެ މަނިކުފާނަކީ އެންމެނަށް ދިވެހި ގައުމަށް ހުރިހާ ގޮތަކުން ނަމޫނާ ދެއްކެވި ބޭފުޅެއް،" އަޝްރަފު ވިދާޅުވި އެވެ.
އަޝްރަފު ވިދާޅުވީ އަބްދުއްސަތާރު މޫސާދީދީގެ ހަނދާންތައް ދިރުވައި ޒިކުރާ އާކުރުމުގައި އެކެޑަމީއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ކުރިޔަށް ގެންދާނެ ކަމަށާއި ސަރުކާރުން އެ މަނިކުފާނުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބޭއްވި ނަމަވެސް އަދި ކުރާ އެހެންނިހެން ކަންކަމުގައި ވެސް އެކެޑަމީން އެއްބާރުލުން ދޭނެ ކަމަށެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއް ސައްތާރު މޫސާ ދީދީ ރޭ އަވަހާރަވީ ތައިލެންޑްގެ ބެންކޮކުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަދި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވާފައިވާއިރު ގައުމީ ހިތާމަ ފާޅު ކުރުމުގެ ގޮތުން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް ވަނީ ތިރިކޮށްފައެވެ.
އަބްދުއްސައްތާރު މޫސާދީދީއަކީ، ރާއްޖޭގެ ޤައުމީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ވަރަށް ހަރުދަނާ ޤައުމީ ޝަހްސިއްޔަތެކެވެ. މަޑުމައިތިރި އަޚްލާޤެއްގެ ވެރިޔެކެވެ. އިހްލާސްތެރި ހާދިމެކެވެ. ހުރަވީ ދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާއިންނާއި، އެއްގަމުގެއާއި، ހެންވޭރުގޭ ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ.
ޢަބްދުއްސައްތާރު މޫސާދީދީއަކީ، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މާލޭ މަދްރަސަތުއް ސަނިއްޔާ (މަޖީދިއްޔާ) އިން ތަޢުލީމް ޙާޞިލު ކުރައްވައި، ސްރީލަންކާއިން މަތީ ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ޤައުމީ ޚިދްމަތް ފެށްޓެވީ، 5 ފެބުރުވަރީ 1957 ގައެވެ.
ފުރަތަމަ އަދާކުރެއްވީ، ކޮލަމްބޯގައި ހުންނަ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވް އޮފީހުގެ ސެކްރެޓަރީ ކަމުގެ މަޤާމެވެ. އެމަނިކުފާނަކީ ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައި، ވަރަށްގިނަ ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމުތަކުގައި އެމަނިކުފާނުވަނީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. އެމަނިކުފާނު ފުރުއްވި އިސް މަޤާމުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމާއި، ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމާއި، އެމްބެސެޑަރ ކަމުގެ މަޤާމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ ވަކީލު ކަމުގެ މަޤާމާއި، އެމެރިކާގައި ހުންނަވާ ދިވެހި ދައުލަތުގެ އެމްބެސެޑަރ ކަމުގެ މަޤާމު ހިމެނެއެވެ. އެމަނިކުފާނު ފުރުއްވި ވަޒީރުކަމުގެ މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ފިނޭންސް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ފިޝަރީޒް ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ ކަމުގެ މަޤާމު ހިމެނެއެވެ. އޭގެފަހުން އެމަނިކުފާނު ވަނީ ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމުވެސް ފުރުއްވާފައެވެ.
މަރްޙޫމް ޢަބްދުއްސައްތާރު މޫސާދީދީގެ ޤައުމީ ހިދްމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމުގައި ކޮޅުނބުގައި ހުންނަވައިގެން، އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކެވެ. އެ ޤައުމީ ޖިހާދުގައި ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އެންމެބޮޑު ހިއްސާއެއް އަދާކުރެއްވި އެއްބޭފުޅަކީ، ޢަބްދުއްސައްތާރު މޫސާދީދީއެވެ. 1963 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، މިނިވަންކަމުގެ އެގްރީމަންޓްގައި ސޮއިކުރެއްވުމާ ހަމަޔަށް، މެދުނުކެނޑި ހަމަ ކޮންމެ ދުވަހަކުހެން ސިލޯނުގައި ޢަބްދުއްސައްތާރު މޫސާދީދީ ގެންދެވީ، ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ މަޝްވަރާއާއި ލަފާފުޅާއެކު، ރާއްޖޭގެ މިނިވަންކަމާ ބެހޭގޮތުން އިނގިރޭސި ހައިކޮމިޝަނާ ޑިޕްލޮމެޓިކް މުޢާމަލާތްތައް ކުރައްވަމުންނެވެ. މިކަމުގައި ޢަބްދުއްސައްތާރު މޫސާދީދީ އަދާކުރެއްވި ދައުރަކީ، ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލަންޖެހޭ ދައުރެކެވެ.
ދިވެހިރާއްޖެ މިނިވަންވުމަށްފަހު، އދ. ގައި ރާއްޖެ ބައިވެރިވެ، ބައިނަލްއަޤްވާމީ މައިދާނަށް ރާއްޖެ ތައާރުފްވެގެން ދިޔުމުގައިވެސް ޢަބްދުއްސައްތާރު މޫސާދީދީ އަދާކުރެއްވި ދައުރު، ތާރީޚުގައި ފާހަގަކުރަންޖެހެއެވެ. އަދި ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިސާދީ ތަރައްގީގައި، 1960ގެ އަހަރުތަކުން ފެށިގެން އެމަނިކުފާނު ވަނީ މަތިވެރި ހިއްސާއެއް އަދާކުރައްވާފައެވެ.
ރާއްޖޭގައި އެންމެފަހުން 1975 ވަނަ އަހަރު ކޮލިލެވުނު 3 ބޭފުޅުންގެ ތެރޭގައިވެސް ޢަބްދުއްސައްތާރު މޫސާދީދީ ހިމެނިވަޑައިގެންނެވިއެވެ. އެމަނިކުފާނަށް ލެވުނު ކޮއްޔަކީ ފާމުލަދޭރި ކިލެގެކަމުގެ ކޮއްޔެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އެމަނިކުފާނަށް އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހުއެވެ.
ޢަބްދުއްސައްތާރު މޫސާދީދީއަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ޢަބްދުއްސައްތާރު މޫސާދީދީ އަވަހާރަވިއިރު އަނބިކަނބަލަކާއި، ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި، އަންހެން ދެ ބޭފުޅުންނެވެ.