އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ މަޝްވަރާ ކުރަން ކިތަންމެ ފަހަރަކު ތާރީހު ކަނޑައަޅައިފި އެވެ. މަޝްވަރާތައް ހިނގައިގަންނަ ގޮތެއް އަދިވެސް ނުވެ އެވެ. ދެ ކޮރެއާގެ ދެމެދުގައި ވާހަކަ ދައްކަން ފަސޭހަ ކުރުމަށް ބެހެއްޓި ޓެލެފޯން ހޮޓްލައިނަށް ނޯތު ކޮރެއާއިން ޖަވާބެއް ނުދެ އެވެ.
ދެ ކޮރެއާގެ ރައީސުން ބޯޑަރު ސަރަހައްދުން ބައްދަލު ކުރައްވައި އާ ފެށުމަކުން މަޝްވަރާތައް ފަށަން އޯކޭ ދިނުމަށް ފަހު ހިނގާ ކޫސަނި ކަމެއްގެ ސަބަބުން އުތުރު ކޮރެއާގެ އަޑެއްބަޑެއް ވެސް ނުއިވެ އެވެ.
ދެ ކޮރެއާގެ މަޝްވަރާތަކަށް އެންމެ ފަހުން ހުރަސް އެޅުނީ ދެކުނު ކޮރެއާއާ ހެދި އެވެ. އެމެރިކާއާއެކު ދެކުނު ކޮރެއާ އޮންނަ ގާތް ކަމަކީ އުތުރު ކޮރެއާ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. މިފަދަ އެތައް ސަބަބެއް މެދުވެރިވެ މަޝްވަރާތައް އަދި ވެސް އޮތީ ފެށި ހިސާބުގަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާއެކު ކުރެއްވި މަޝްވަރާއެއްގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭއިން ވިދާޅުވި ގޮތުން ޗައިނާއިން ކަމޭ ހިތައިފި ނަމަ މޝްވަރާތައް ފަސޭހަ ވެދާނެ އެވެ. ދެކުނުން ބުނީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ޗައިނާއިން މެދުވެރިއެއްގެ ރޯލު އަދާ ކޮށްދޭން ޖެހޭ ކަމަށެވެ.
ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވި ގޮތުގައި ޗައިނާއިން މެދުވެރިއެއްގެ ރޯލު އަދާ ކޮށްދެއްވާނެ އެވެ. އަދި މަޝްވަރާތަކަށް އަބަދުވެސް ދޭ އަހަންމިޔަތު ދޫކޮށްނުލައްވާނެ އެވެ.
ޗައިނާއިން ބުނީ ނޯތު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި ފަނާ ކުރަނިވި ބޭނުންތަކުގައި ނިއުކްލިއާ މާއްދާތައް ބޭނުން ހިފުމަށް ޗައިނާ ގަބޫލު ނޫން ކަމަށެވެ.
ވަންގް ޔީ އާއި މޫން ޖޭއިންގެ ބައްދަލު ކުރެއްވިއިރު އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލް ޓެސްޓެއް ނުކުރެ އެވެ. އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލް ޓެސްޓްކުރީ ސެޕްޓެމްބަރު 15 ގައެވެ. އުތުރު ކޮރެއާއިން ޖަޕާން ކަނޑަށް އަމާޒުކޮށް ފޮނުވި ބެލަސްޓިކް މިސައިލް 60 ކިލީމީޓަރު އުހުން 800 ކިލޯމީޓަރަށް ވަނީ ދަތުރު ކޮށްފަ އެވެ.