ނަމާދަކީ ދީނުގެ ތަނބެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވެނީ ނަމާދުގެ އަޅުކަމުންނެވެ. ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، އެ އަޅުކަމަކީ ނޫރެއްކަމުގައި ޤިޔާމަތް ދުވަހުންވެއެވެ. ޤަޞްދުގައި ނަމާދު އަޅައިފި މީހާ ދީނުން ބޭރުވެދާފަދަ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ފަރުވާތެރިވާން ވާނެއެވެ. ނަމާދާ ގުޅުންހުރި މަޢުލޫމާތު ދެނެގަނެ، ދަސްކުރުމަކީ ކޮންމެ މުސްލިމަކުމެ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނަމާދުކުރުން ނަހީކުރެއްވިގެންވާ ވަގުތުތަކެއް ވާކަމާއި، ނަމާދު ނުކުރެވިއްޖެ މީހަކު އެވަގުތު ނަމާދު ކުރަންޖެހޭނެތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. މިސާލަކަށް، ފަތިހު ހޭލެވުނުއިރު، އިރު އެރުމުގެ ވަގުތު ޖެހިފައިވާތީ، ދެން ފަތިސް ނަމާދު ކުރެވޭނީ އިރުއަރަންދެން މަޑު ކުރުމަށްފަހުގައިތޯ ސުވާލު އުފެދެއެވެ. މި ސުވާލުތަކުގެ ޖަވާބު ދެނެގަތުމަށްޓަކައި ނަމާދުކުރުން ނަހީކުރެއްވިގެންވާ ވަގުތުތަކަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ.
ނަމާދު ކުރުން ނަހީކުރެއްވިގެންވާ ތިން ވަގުތެއް ވާކަމުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުން ސާބިތުވެއެވެ. އެތިން ވަގުތު ތަފްސީލުކޮށް އެއީ ފަސްވަގުތެއްކަމު ބައެއް ފިޤުހު ޢިލްމުވެރިން ކަނޑައަޅުއްވައެވެ. އެ ވަގުތުތަކަކީ، ފަތިސްނަމާދަށް ފަހުގައި އިރު އެރުމުގެ ކުރިން އޮންނަ ވަގުތާއި، އިރު އަރާ ވަގުތާއި، އިރު މެދުޖެހޭ ވަގުތާއި، ޢަޞްރު ނަމާދަށްފަހުގައި އިރު އޮއްސުމާއި ދެމެދުގެ ވަގުތާއި، އިރު އޮއްސޭ ވަގުތެއެވެ.
ތިންވަގުތު ކަމުގައި ދެކެލައްވާ ބޭކަލުން ވިދާޅުވަނީ ފަތިސްނަމާދަށްފަހު އިރު އެރުމާއި ދެމެދުގެ ވަގުތާއި، މެންދުރުން އިރު މެދުޖެހޭ ވަގުތާއި، ޢަޞްރު ނަމާދަށް ފަހު އިރުއޮށްސުމާ ހަމައަށް އޮންނަ ވަގުތު ކަމުގައެވެ.
މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. « لاَ صَلاَةَ بَعْدَ صَلاَةِ الْعَصْرِ حَتَّى تَغْرُبَ الشَّمْسُ وَلاَ صَلاَةَ بَعْدَ صَلاَةِ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ » رواه البخاري ومسلم މާނައި: “ޢަޞްރު ނަމާދަށްފަހު އިރު އޮއްސުމަށް ދާންދެން ނަމާދު ކުރުމެއް ނުވެއެވެ. އަދި ފަތިސް ނަމާދަށް ފަހުގައި އިރު އެރުމަށް ދާންދެން ނަމާދު ކުރުމެއް ނުވެއެވެ.”
އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. « صَلِّ صَلاَةَ الصُّبْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ فَإِنَّهَا تَطْلُعُ حِينَ تَطْلُعُ بَيْنَ قَرْنَىْ شَيْطَانٍ وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ ثُمَّ صَلِّ فَإِنَّ الصَّلاَةَ مَشْهُودَةٌ مَحْضُورَةٌ حَتَّى يَسْتَقِلَّ الظِّلُّ بِالرُّمْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ فَإِنَّ حِينَئِذٍ تُسْجَرُ جَهَنَّمُ فَإِذَا أَقْبَلَ الْفَىْءُ فَصَلِّ فَإِنَّ الصَّلاَةَ مَشْهُودَةٌ مَحْضُورَةٌ حَتَّى تُصَلِّىَ الْعَصْرَ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَغْرُبَ الشَّمْسُ فَإِنَّهَا تَغْرُبُ بَيْنَ قَرْنَىْ شَيْطَانٍ وَحِينَئِذٍ يَسْجُدُ لَهَا الْكُفَّارُ » رواه مسلم
މާނައި: “ފަތިސް ނަމާދު ކުރާށެވެ! އެއަށްފަހު އިރު ފުރިހަމައަށް އެރުމަށް ދާންދެން ނަމާދު ނުކޮށް މަޑުކޮށްލާށެވެ. އެހެނީ އިރު އަރާހިނދު، އަރަނީ ޝައިޠާނާގެ ދެ ދަޅުގެ މެދުންނެވެ. އަދި އެވަގުތަކީ އެއަށް ކާފަރުން ސަޖިދަޖަހާ ވަގުތެވެ. އެއަށްފަހުގައި (އިރު އެރުމަށްފަހު) އަނެއްކާވެސް ނަމާދު ކުރާށެވެ! އެހެނީ އެނަމާދަށް މަލާއިކަތުން ޙާޟިރުވެ ހެކިވެވަޑައިގަންނަވާނެއެވެ. އެހެންގޮސް އިރު މެދުޖެހުމުން ނަމާދު ނުކޮށް މަޑުޖެހިލާށެވެ. އެވަގުތަކީ ނަރަކަ ކައްކުވައިލެވޭ ވަގުތެވެ. އެއަށްފަހު ހިޔަނި އެޅިއްޖެނަމަ (އެބަހީ އިރު މެދުންފިލުމުގެ ސަބަބުން ހިޔަނިއެޅުމުން) ނަމާދު ކުރާށެވެ! އެނަމާދަށް މަލާއިކަތުން ޙާޟިރުވެ ހެކިވެވަޑައިގަންނަވާނެއެވެ. އެގޮތަށް ގޮސް ޢަޞްރު ނަމާދު ކުރުމަށް ދާންދެންނެވެ. ޢަޞްރު ނަމާދަށްފަހު އިރު އޮށްސެންދެން ނަމާދުނުކޮށް މަޑުކޮށްލާށެވެ. އެހެނީ އިރު އޮއްސޭހިނދު އޮއްސެނީ ޝައިޠާނާގެ ދެދަޅުގެ ދެމެދުންނެވެ. އަދި އެވަގުތަކީ އެއަށް ކާފަރުން ސަޖިދަ ޖަހާ ވަގުތެވެ.”
މި ޙަދީޘްގައި އެވާ "އިރު އޮއްސެނީ ޝައިޠާނާގެ ދެދަޅުގެ ދެމެދުންނޭ" އޮތް ބަސްފުޅުގެ މާނައަކީ އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތަކީ މުޝްރިކުން އަޅުކަންކުރާ ވަގުތު ކަމުގައެވެ. މާތް ﷲ އަށް ޝިރުކު ކުރާ މީހުން އަޅުކަންކުރާ ވަގުތު ކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ. މި ޒަމާނުގައި އަޅުގަނޑުމެންގެ ވަށައިގެން މިއުޅޭ ޣައިރު ދީންތަކުގެ އަހުލުވެރީންގެ ތެރެއިން ބުދު ދީނުގެ މީހުންނާއި، އިރަށް އަޅުކަންކުރާ މީހުން، އިރު އަރާވަގުތާއި އިރު އޮއްސޭވަގުތު ނިކުމެ އެއިރާ ދިމާލަށް ބަލަހައްޓައިގެން ތިބުމާއި، އިރަށް އަޅުކަން ކުރުމުގެ ނަމުގައި ތަފާތު ކަންކަން ކުރާތީ ފެނެއެވެ.
މިދެންނެވުނު ވަގުތުތަކުގައި ނަމާދު ކުރުން ނަހީކުރެއްވިގެންވިއެއްކަމަކު، ޝަރުޢީ ޢުޛުރަކާއިހުރެ ފަރުޟު ނަމާދެއް ނުކޮށް ހުރި މީހަކު ވީ އެންމެ އަވަހަކަށް ނަމާދު ކުރަންޖެހޭނެއެވެ. ފަރުޟު ނަމާދު ނުކޮށް ހުރި މީހަކަށް އެނަމާދު ވީ އެންމެ އަވަހަކަށް ކުރުން ނޫން ގޮތެއް ނެތެވެ. ނަމާދުކުރުން ނަހީވެގެންވާ ވަގުތެއްގައިވިޔަސް ފަރުޟު ނަމާދު ނުކުރެވި ހުރި މީހަކަށް އެނަމާދު ލަސްކޮށްލުމަކަށް ޢުޛުރެއް ނެތެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. « مَنْ نَسِىَ صَلاَةً أَوْ نَامَ عَنْهَا فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا ». رواه البخاري ومسلم وللفظ لمسلم މާނައީ: “މީހަކު ނަމާދު ކުރަން ހަނދާން ނެތިއްޖެނަމަ، ނުވަތަ ނަމާދުގެ ވަގުތުގައި ނިދާފައި އޮވެއްޖެނަމަ، އެކަމުގެ ކައްފާރާއަކީ ހަނދާންވުމުން އެ ނަމާދު ކުރުމެވެ.” އަދި ބައެއް ރިވާޔަތްތަކުގައި «لاَ كَفَّارَةَ لَهَا إِلاَّ ذَلِكَ » “އެނޫން ކައްފާރާއެއް އެކަމަކަށް ނުވެއެވެ.” މިފަދައިންވެސް ރިވާވެގެންވެއެވެ.
އިސްވެ ދެންނެވިފަދައިން، ގަސްތުގައި ނަމާދު އެޅުމަކީ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. ވީމާ، ނަމާދު ވަގުތު ފާއިތުވަންދެން ނަމާދު ނުކޮށް ފަރުވާ ކުޑަކޮށްލައިގެން ހުރުމަކީ މުސްލިމަކު އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.