މާލޭ ސިޓީ ކައުންސިލް

ތިރީސް މިލިއަނަކީ އައު ދައުރު ފެށިއިރު ނުދައްކާ އޮތް އެއްޗެއް: މުއިއްޒު

މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް 30.5 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެ ކުންފުނިން ބުނި ބުނުމަށް މާލެ ސިޓީ ކަައުންސިލުން ރައްދު ދީފި އެވެ.

ވެމްކޯއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީޕް ފައިނޭންޝަލް އޮފިސަރު ހަލީމް ވިދާޅުވީ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދައްކަން ޖެހޭ ތިރީސް މިލިއަން ރުފިޔާ އޮތީ ނުދައްކާ ކަމަށެވެ.

"ފުރަތަމަ ސިޓީ ކައުންސިލުގެ ވާހަކަދައްކާނަމަ އަޅުގަނޑުމެންގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު 30.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން އެބަހުރި،" ހަލީމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެމްކޯއަށް ދައްކަން ޖެހިފައިވާ 30 މިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ސިޓީ ކައުންސިލްގެ މިހާރު ހިނގަމުންދާ ދައުރު މެއި 17 ގައި ފެށުނުއިރުވެސް ދައްކަން ޖެހިފައި އޮތް ފައިސާއެއް ކަމަށެވެ.

"އެ ފައިސާ ދައްކަން ބޭނުންވާ ބަޖެޓަށް ވާނީ އެދިފަައި،" މުއިއްޒު ވިދާޅުވިއެވެ.

ގޭގޭގެ ފަންގިފިލާތަކުން އަލުން ކުނި ނަގަން ފަށާފައިވާއިރު ރަޖިސްޓާ ނުކޮށް ތިބި ގިނަ ބަޔަކު ވަނީ މަގު މައްޗަށް ކުނި ނެރެފަ އެވެ. އެ ކުނިތައް ވެމްކޯއިން ނުނެގުމުން އިއްޔެ ހެދުނު ކުނި ނަގާފައިވަނީ ސިޓީ ކައުންސިލުންނެވެ. އަދި ސިޓީ ކައުންސިލުގެ މުވައްޒިފުން ވަނީ އެ ކުނިތައް ވެމްކޯ ދޮރުމައްޗަށް އަޅާލާފައެވެ.