އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ޕްރަައިމަރީ ނެތި ޓިކެޓް ދީފިނަމަ އެމްޑީޕީ އެ ނިމުނީ: ބޮންޑެ

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އެމްޑީޕީގެ ރިޔާސީ ޓިކެޓް، ޕްރައިމަރީއެއް ނެތި ރައީސް ސޯލިހަށް އަރުވައިފިނަމަ އެ ހިސާބުން ޕާޓީ ނިޒާމު ފުނޑި އެމްޑީޕީގެ ކަންކަން ނިމުނީ ކަަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެނެވެ. ބޮންޑެ ވިދާޅުވީ އެމްޑީޕީގެ ނަމުގައި އެއްވެސް އިންތިހާބެއްގައި ވާދަ ކުރެވޭނީ އެ ވާދަ ކުރާ ކެންޑިޑޭޓަކު ޕްރައިމަރީއެއްގައި ވާދަކޮށް ކާމިޔާބު ހޯދައިގެން ކަަމަށެވެ. އެކަން ނުކޮށްފިނަމަ ރާއްޖޭގައި ޕާޓީގެ ނިޒާމު އެއްކޮށް ފުނޑުނީ ކަމަށާއި އެ ދުވަހަކުން އެމްޑީޕީގެ ކަންކަން ނިމުނީ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕްރައިމަރީ ބާއްވަން ޖެހޭނެ. އެމްޑީޕީގެ އެންމެ މަތީ ގުނަވަން ކޮންގްރެސްގެ ތާއީދު ހޯދަން ޖެހޭނެ. އެމްޑީޕީގެ އާންމު މެންބަރުންގެ ސޭ އެއް ނެތި މީހަކު ވެރިކަމަށް ނަގައިފިނަމަ އެއީ ޕާޓީގެ ނިޒާމު އެއްކޮށް ފުނޑުނީ ނޫންތޯ. ޕާޓީއެއް ނެެތް އެ ހިސާބަކުން. މި ހާލަތުގައި ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުމެއް ނެތި ރިޔާސީ ކެންޑިޑޭޓަކު ނަގައިފިނަމަ އެ ދަނީ ޕާޓީ ނިޒާމަަކަށް ނޫން. އެ ދަނީ ޑިކްޓޭޓާޝިޕަކަށް،"

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރަކަށް ވެއްޖެނަމަ އަދި އެއް ދައުރު ފުރިހަމަކޮށް އިތުރު ދައުރަކަށް އެ ބޭފުޅަކު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ ޑރ. އިބްރާހިމް ދީދީ އެ ޕާޓީގެ ރައީސަކަށް އަދި އަލްހާން ފަހްމީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރު ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނަމަވެސް އެ ވާހަކަ ބޮންޑެ ދޮގު ކުރެއްވި އެވެ. ވިދާޅުވީ ގައުމީ މަޖިލީހުގެ އެފަދަ ނިންމުމެއް ނޯންނާނެ ކަމަށެވެ. އަދި އޮތަސް އެއީ ބާތިލު ނިންމުމެއް ކަމަށެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމް

މި މަހުގެ 21 ގައި ބާއްވާ ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހު އަލަށް އިންތިހާބުވާ ގައުމީ މަޖިލީހުން އެފަދަ ނިންމުމެއް ނިންމައިފިނަމަ ދެން ވާނީ ކިހިނެތްތޯ ސުވާލު ކުރުމުން ބޮންޑެ ވިދާޅުވީ އެ ހިސާބުން އެމްޑީޕީގެ ކަންކަން ނިމުނީ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ގައުމީ މަޖިލީހުގެ ނިންމުމަށް ރުހިގެން ނުތިބޭނެ ކަމަށެވެ. އެ މެންބަރުން ވޯޓްލާން ނުނިކުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަލަށް އަންނަ ގައުމީ މަޖިލީހުން އެކަން [ޕްރައިމަރީ ނެތި ޓިކެޓް ދިނުން] ކޮށްފިނަމަ އެހިސާބުން ޕާޓީގެ ނިޒާމު އެ ދިޔައީ. އެމްޑީޕީއެއް ނެތެއް ނޫންތޯ ދެން ހިސާބުން. އެމްޑީޕީ ނިމުނީ ނޫންތޯ އެ ހިސާބުން. ދެން އާންމު މެންބަރުން ވަކިންތާ ނުކުންނަން ޖެހޭނީ. އެއީ ޕާޓީގެ ނިންމުމެއް ނޫންތާ ދެއްތޯ. އެހިސާބަކުން ވޯޓްލާން ނުކުންނާނާނެ މެންބަރުންނެތް ނުތިބޭނެ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ޕްރައިމަރީ ނެތި ރައީސް ސޯލިހަށް ޓިކެޓް އަރުވައިފިނަމަ ބޭކާރު މަސައްކަތްތަކެއް ކުރައްވަން ނުނުކުންނަވާނެ ކަމަށެވެ.

އެމްޑީޕީގެ މެންބަރުން ޕްރައިމަރީ ނުބާއްވާ ހިސާބުން އަނެއްކާވެސް ނިކުންނާނެ. ޕްރައިމަރީ ނުބާއްވާ ކަަމަށް ވަންޏާ އަޅުގަނޑު ބޭނުމެއް ނޫން ގޮސް ބޭކާރު މަސައްކަތެއް ކުރާކަށް. ޕްރައިމަރީ ނުބާއްވާ ދެން ނިކުންނަ މީހެއްގެ ފަހަތުން ދާން މި އުޅެނީ މޮޔަވެގެނެއް ނޫން. އަޅުގަނޑުމެން ދެން ދާނީ އަމިއްލަ މަސައްކަތަށް. ކުރީންވެސް ކުރީ އަމިއްލަ މަސައްކަތް. އިސްލާހު ކުރަން އަޅުގަނޑުމެން ނިކުތީ. ދެން ހަރާބުވެފައި އޮތް ވެރިކަމެއް ނަގައިގެން އަނެއްކާވެސް ހަރާބު ކުރާކަށް ނުނިކުންނާނަން. މާލޭގެ އެއްވެސް ރައްޔިތަކުވެސް ނުނިކުންނާނެ
އިބްރާހިމް ރަޝީދު | މާފަންނު މެދު ދާއިރާގެ މެންބަރު

ބޮންޑެ ވިދާޅުވީ 2018 ގައި އިންތިހާބުގައި ރައީސް ސޯލިހަށް ޕްރައިމަރީ އެއް ނެތި ޓިކެޓް ދޭން ކޮންގްރެސް އިން ނިންމީ އޭރުގެ ހާލަތު މަޖުބޫރު ވުމުންނެވެ. އެއީ "ޑިމޮކްރަސީ ނެތް" ވަގުތެއް ކަމަށް ވިދާޅުވެ ބޮންޑެ ވިދާޅުވީ މި ހާލަތުގައި ޕްރައިމަރީއެއް ނުބާއްވާ ޓިކެޓް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

އެފަދަ ގޮތަަކަށް ކަންކަން ކޮށްފިނަމަ އެމްޑީޕީގެ އާންމު މެންބަރުން އަލުން އިސްލާހީ މަސައްކަތަށް ނިކުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށައި ރިޔާސީ އިންތިހާބެއް އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށެވެ.

ރިޔާސީ ޕްރައިމަރީއެއް ނެތި ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ޓިކެޓް ދިނުމާއި ބައެއް ބޭފުޅުން މިހާރުވެސް ފާޅުގައި ދެކޮޅު ހައްދަވައެވެ. ނަމަވެސް ބައެއް މެންބަރުން އެކަމަށް ތާއީދުކޮށްވެސް ވާހަކަ ދައްކަވައެވެ.

އިތުރު ދައުރަކަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން އެކި ފަހަރު މަތިން ސުވާލު ކުރުމުން ވެސް ރައީސް ސޯލިހް އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އެންމެ ފަހުން އޮތް ޕްރެސްގައި ވެސް އެ ސުވާލު ދެ ފަހަރު އެމަނިކުފާނާ ކުރެއްވި އެވެ. އެ ދުވަހު ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް ދެ ޓާމަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޮތުމުން އެއީ އެމަނިކުފާނަށްވެސް ބަންދުވެފައިވާ ފުރުސަތެއް ނޫން ކަމަށެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން ރައީސް ސޯލިހް ވަނީ ދެވަނަ ދައުރެއްގެ ކެންޕެއިން ނުރަސްމީކޮށް ފައްޓަވާފައެވެ. ރައީސް އެންމެ ފަހުން ށ އަތޮޅާއި ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ރަށްރަށުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ "އިބޫ 2023" ޖަހާފައިވާ ބޯޑްތަކާއެކު އެވެ.