ވާހަކަ

ވީމޭ ކަލާޔާނުލާ

(13 ސެޕްޓެމްބަރ 2021އާ ގުޅޭ)

ލޯބީގެ ހަންހާރަވެތި ދާސްތާނެއްގަައި ޝަހުރާއި ޔޫހާ މުޅި ރޭ ހޭދަ ކުރީ ލޯބީގެ މަސްތުން ވެހެމުން ދިޔަ ވާރޭގެ ތެރޭގައެވެ. އެކަކު އަނެކަކުގެ ހިތް ފުރި ބަންޑުން ވަމުން ދިޔައީ ކޮޅުނެތް ކޮޅަށް އޮތް ލޯތްބާއި، އުފަލާއި އަރާމުގެ އިޙްސާސްތަކުންނެވެ. ދެ ހިތުން ހިއްސާ ކުރަމުން ދިޔަ ލައްޒަތުން އެމީހުންނަށް ހިތްހަމަ ޖެހުން ލިބިފައިވީ ނަމަވެސް، ލިވިޔާގެ ހިތަށް ވަނީ ތަދުވެފައެވެ. މުޅި ރޭ ނިދީގެ އެއްވެސް ކަންފުޅެއް ލިވިޔާގެ ދެ ލޮލުން ފެންނާކަށް ނެތެވެ. އޭނާގެ ދެލޯ ވަނީ ނިއްޖަށް ބީރަށްޓެހި ވެފައެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. އެފަދަ ގޮތަކަށް ލިވިޔާ އެނދުގެ ދެކޮޅަށް ފުރޮޅެމުން ދަނިކޮށް، އައު ދުވަހަކަށް އިރު އަރައިފިއެވެ.

***

ހެނދުނުގެ ނާސްތާ ހާލިދާ ގެންދިޔައީ ތައްޔާރު ކުރަމުންނެވެ. ފާޚާނާއަށް ވަދެ، ކުޑަ ގޮތެއް ހަދައިލައިގެން ލިވިޔާ ނުކުމެގެން ގޮސް ވަނީ ބަދިގެއާ ވީ ދިމާލަށެވެ.

"ދަރިފުޅާ! ރޭގަ ނިދިންތަ؟ ދަރިފުޅުގެ މޫނުމަތިން މަންމައަށް ފެންނަނީ ވަރުބަލިކަން.." ލިވިޔާ ފެނުމާ އެކު ހާލިދާ އެންމެ ފުރަތަމަ ވެސް ބުނެލީ އެހެންނެވެ.

"ނިދި ނައީ.. އެހެންވެ ނުއެއް ނިދުނު.." ލިވިޔާ ލައިގެން ހުރި ހެދުމުގެ އަތް ކުރި އޮޅައިލަމުން، އޭނާ ވެސް ހާލިދާއަށް އެހީވާން ފެށިއެވެ.

"މަންމާ! މިއަދު ގެންނާނަން އިނގޭ ޒަކްވާން މިގެއަށް.." ރޮށި ދަމަން ފަށަމުން، ލިވިޔާ ބަލައިލީ ހާލިދާގެ މޫނަށެވެ. ހާލިދާއަށް ޒަކްވާނެއް ނޭނގުނެވެ. ހާލިދާ ހައިރާން ވެފައި ހުރެގެން އަހައިލީ އެއީ ކާކު ތޯއެވެ.

"ޝަހުރުގެ ކޮއްކޮ. އަހަރެން ވަރަށް މަސައްކަތް ކުރިން މުޅި އެ ޢާއިލާއާ ދުރަށް ދާން. އެކަމު، އަހަރެންނަށް ޒަކްވާނާ ވަތްކެތް ނުވެވުނު. އޭނާ ހަމަ ހިލާ އަހަރެން ދޫކޮށް ނުލި.." ލިވިޔާ ގަދަކުން ހީނލިއެވެ.

"އެހެންތަ؟ ހާދަ ރަނގަޅު ކުއްޖެކޭ އެއީ ދޯ؟" ހާލިދާ ހިނިތުންވެލިއެވެ.

"އާނ. އެއީ ވަރަށް ރަނގަޅު ކުއްޖެއް! އަހަރެންނަށް ވެސް ރަނގަޅު ކުދިން ފާހަގަ ކުރަން ކުރީން ނޭނގުނީ.." ލިވިޔާ ހުރީ ހީނލައިގެންނެވެ.

"ސާބަސް ދަރިފުޅާ! އަނެއްކާ ދަރިފުޅު.." ހާލިދާ ކޮށްލީ ސަމާސާ އެކެވެ. ހާލަތުގެ ހިތްދަތިކަން އެނގުނެއް ކަމަކު، ސީރިއަސް ކަމާއެކުގައި، އެ ހިތާމައިގައި ދެން އުޅޭކަށް ހާލިދާ ވެސް އަދި ލިވިޔާ ވެސް ބޭނުމެއް ދެން ނުވެއެވެ. އައު ޙަޔާތެއް އުފާވެރި ކަމާ އެކުގައި ފަށަން ލިވިޔާ ވެސް ހުރީ ނުުގުޑާ ފަދަ އަޒުމެއް ކަނޑައަޅައިގެންނެވެ.

***

2 މަސް ފަހެވެ. ފެންވަރާ ރީތިވެލައިގެން ލިވިޔާ ގޮސް ހުއްޓުނީ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައެވެ. ލިވިޔާގެ މޫނުމަތިން ފެންނަނީ ކުރީގައި ފެންނަ މާޔޫސް ކަމެއް ނޫނެވެ. ކުރިއާ ބަލާފައި ލިވިޔާ މިހާރު މާ ރީއްޗެވެ. މާ ޗާލެވެ. ކުޑަ ބަނޑެއް ލާފައި ހުންނަ އިރު، ލިވިޔާގެ ފުރިހަމަކަން މާ ބޮޑެވެ.

ވޭތުވެގެން ދިޔަ ދެ މަސް ތެރޭގައި ލިވިޔާގެ ޙަޔާތަށް އޭނާ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މާޒީއަށް ވިސްނައި ރޮއި ހިތާމަ ކުރުން، އެއީ މިހާރު ލިވިޔާގެ ޙަޔާތުގެ ބާބެއް ނޫނެވެ. މިހާރު ވެސް ލިވިޔާގެ ހިތުގައި ޝަހުރަށް އޮތް ލޯބި އެގޮތުގައި އޮވެއެވެ. ނަމަވެސް ލިވިޔާ ހުރީ އެކަނި ނޫން ކަމާއި، އޭނާއަށް ޙަޔާތެއް އޮތްކަން އަބަދުމެ އޭނާގެ މައިންބަފައިން ވިސްނައިދެއެވެ. ޒަކްވާން ވެސް އެހާ ގިނަ ނަސޭހަތްތައް ދީ ހަދައެވެ. އެކަމުގެ ނަތީޖާ ކިތަންމެ ހާވެސް ބޮޑަށް ލިވިޔާގެ ޙަޔާތުން މިހާރު ދަނީ ފެންނަމުންނެވެ.

ޒަކްވާންގެ ގިނަ ވަގުތުތައް އޭނާ ހޭދަ ކުރަނީ ލިވިޔާއާ އެކުގައެވެ. ބޭރަށް ވެސް މަދުން ނަމަވެސް ލިވިޔާ އެކުގައި ޒަކްވާން ދެއެވެ. ލިވިޔާ އޭނާގެ ކިޔެވުން ފަށައި، އޭނާގެ މުސްތަޤުބަލާ މެދުގައި ވިސްނައިގެން ކުރިއަށް ދަމުން ދިޔައެވެ. ލިވިޔާ ކޮލަޖަށް ލަައި، ބަލައި ދަނީ ވެސް ގިނަ ފަހަރު ޒަކްވާނެވެ. ޒަކްވާންގެ ހިތުގައި ލިވިޔާއަށް މާތް,މަތިވެރި، ޤަދަރުވެރި ލޯތްބެއް އޮތް ނަމަވެސް، ޒަކްވާނަށް އަދިވެސް ނޭނގޭ ކަމަކީ ލިވިޔާގެ ހިތުގައި ޒަކްވާނަށް އޮތް އިޙްސާސެވެ. ލޯބި ނެތި ވެސް ހިނގައިދާނެކަން ޒަކްވާން ޤަބޫލު ކުރެއެވެ. ނަމަވެސް ކުރިއާ ބަލާފައި ދެކޭ ގޮތަށް ބަދަލު ތަކެއް އަންނާނެ ކަމަށް ޒަކްވާން ހުރީ ހިތުގެ އަޑިން ޔަޤީން ކޮށްގެންނެވެ. ކޮންމެ ގޮތެއް ވިޔަސް، ލިވިޔާ އަލުން އަނބުރާ ޝަހުރަށް ލިބޭ ގޮތް ވުމަކީ ޒަކްވާން ބޭނުންވާ ގޮތެއް ނޫނެވެ. އެފަދަ މީހަކަށް ލިވިޔާ ފަދަ އަންހެނެއް ހައްޤު ނޫންކަމަށް ޒަކްވާން ދެކޭތީއެވެ.

ވޭތުވެގެން ދިޔަ 2 މަސް ތެރޭގައި ޝަހުރާއި ޔޫހާ ދަރިއަކަށްޓަކައި ވަރަށް މަސައްކަތް ކޮށްފިއެވެ. ކޮންމެ ފަހަރަކު ވެސް އަދި ވަނީ ނާކާމިޔާބެވެ. ހިތްވަރު ދޫނުކޮށް، ކުރިއަށް ވުރެ ފޯރީގައި އެދެމަފިރިން މަސައްކަތް ކުރަމުން ދިޔައީ ނަތީޖާއެއް ލިބޭތޯއެވެ. އެދެމަފިރިން ފެންނަ ކޮންމެ ފަހަރަކު، ދެފަރާތުގެ ޢާއިލާގެ އަބަދުމެ ސުވާލަކަށް ވެފައި އޮތް ނަނީ ދަރިއަކު ހޯދާނީ ކޮން އިރަކުން ތޯއެވެ. ދަރިއަކު ހޯދާށޭ ކިޔައިގެން އެތައް ފަހަރަކު ވާހަކަދައްކައެވެ. އެފަދަ އަމަލުތަކުން ޝަހުރާއި ޔޫހާއަށް ވެސް ލިބެމުން ދިޔައީ އުނދަގޫ އިޙްސާސެކެވެ. ނަމަވެސް އުއްމީދު ގެއްލުވާ ނުލައި އެމީހުން ދުޢާ ކުރަމުން ގެންދިޔައީ ދަރިއަކަށެވެ.

***

މުޅިން އައު ދުވަހެއްގެ ހެނދުނު ވަގުތެވެ. ޒަކްވާން ވަރަށް އަވަސްކޮށް ރެޑީވެލައިގެން ގޮސް ސައިކަލަށް އަރައި ގަޑިއަށް ބަލައިލިއެވެ.

"ޝިޓް.. ގަޑި ވެސް ޖެހިއްޖެ!" ސައިކަލު ސްޓާރޓު ކޮށްލުމަށްފަހު، ޒަކްވާން އޭނާގެ ހިތާހިތާ ބުނެލިއެވެ. ވަރަށް ބާރަށް ސައިކަލުގެ ހުންގާނަށް ފެލައިލީ 8 ޖަހައި ބޮޑުވެފައި ވުމުން އިތުރަށް ލަސް ކުރަން ބޭނުން ނުވާތީއެވެ.

***

"ޔޫހާ.. ޔޫހާ.." ޝަހުރުގެ ކަނާ އަތުން ޔޫހާގެ ކޮލުގައި ކޮއްޓަމުން ގޮވަމުން ދިޔައެވެ.

"ކީކޭ؟" ނިދި މޫޑެއްގައި އޮވެ، ޔޫހާ އޭނާގެ މޫނު މަތީގައި ބާލިސް އެޅިއެވެ.

"ދެން ހޭލަ ބަލަ! ރޭގަ ވަރަށް ބޮލަށް ތަދުވާތީ އުޅުނީމެއްނު؟ ހޮޑު ވެސް ލީމެއްނު؟ އެހެންވެ އަހަރެން މިއައީ ޓެސްޓު ކިޓެއް ގަނެގެން. ދޭ ބަލަ ޓެސްޓު ކޮށްލައިގެން އަންނަން.." ޝަހުރު ހުއްޓާ ނުލައި ޔޫހާގެ ކޮލުގައި ކޮއްޓަމުން ވާހަކަދައްކަމުން ދެއެވެ.

"އަހަރެން ކިތައް ދުވަސް މިވަނީ މިހެން ބޮލަށް ތަދުވާތާ. ހޮޑު ލެވޭތާ. ކޮންމެ ފަހަރަކު ވެސް ނެގެޓިވް. އައިމް ޓައާރޑް ނައު.." ޔޫހާ ކަންނެތް ފާޑަކަށް ތެދުވިއެވެ.

"މިފަހަރު ވާނީ ޕޮޒިޓިވް.. އިންޝާﷲ" ޝަހުރު ހިފައިލީ ޔޫހާގެ ކަނާއަތުގައެެވެ. އަދި ޔޫހާގެ ނިތަށް ބޮސް ދިނެވެ. ޔޫހާ އެނދުން ތެދުވެގެން ފާޚާނާއަށް ވަނީ ޝަހުރުގެ އަތުގައި އޮތް ޓެސްޓު ކިޓު ހިފައިގެންނެވެ.

***

އޮފީހުގައި އިން ޒަކްވާންގެ ސިކުނޑީގައި ވަނީ ލިވިޔާގެ ހަނދާންތަކެވެ. ލިވިޔާގެ ތަސްވީރެވެ. ކުރެވޭ މަސައްކަތްތަކަށް ވުރެށް، ޒަކްވާންގެ ސިކުނޑިން ލިވިޔާގެ މަންޒަރުތަކުން ކުރެހޭ ފޮޓޯތައް މާގިނަ ވެއެވެ. ގިނަ ވަގުތު ތަކެއް ލިވިޔާއާ އެކުގައި އުޅެވޭތީ ޒަކްވާނަށް ލިބިފައި ވަނީ އަމަށަކު އުފަލެއް ނޫނެވެ.

"ޕޮއް!" ޒަކްވާން ސިހިފައި ބަލައިލީ އޭނާގެ ފަހަތަށެވެ. ފަހަތުގައި ހުރީ އޮފީހުގައި މަސައްކަތް ކުރާ އަންހެން ކުއްޖެެކެވެ. އެއީ ވަރަށް ފަހުން އޮފީހަށް ވަތް މުވައްޒަފެކެވެ. އިސްކޮޅުން ކުރު، ހަމުގެ ކުލަ ކަޅު ކުއްޖެކެވެ. ބުޅި އިސްތަށިގަނޑެއް އޮތް އިރު، އެއީ ހަމަ "ބްލެކް ބިޔުޓީ"އެކޭ ބުނެވިދާނެއެވެ.

"ކިހިނެއްވީ ޖޭސްމީން؟" ޒަކްވާން ހީނލަމުން އަހައިލިއެވެ.

"ނޭނގެ ތިއަށް ވެސް ދޭނެ ޖަވާބެއް. ބުނަން ނުކެރުނީމަ މިހެން އައީ ވެސް.. ލިޔެގެން.." ޖޭސްމީންގެ މޫނުމަތިން ފެންނަނީ ލަދުރަކި ކަމެވެ. އޭނާ ނެގީ އޭނާގެ އަތުގައި އޮތް ކަރުދާސް ނޯޓު ކޮޅެވެ. އެ ކަރުދާސް ކޮޅު ޒަކްވާންގެ އަތަށް ދިއްކޮށްލުމާ އެކުގައި އެއަންހެން ކުއްޖާ ދުއްވައިގަތެވެ. ޒަކްވާން ހައިރާންކަންމަތީ އިނދެ ފުރަތަމަ ވެސް ބަލައިލީ އެ ނޯޓު ކޮޅަށެވެ.

***

ފާޚާނާއިން ނުކުތް ޔޫހާގެ މޫނުމަތިން ފެންނަނީ ހިތާމައެވެ. ޔުހާގެ މޫނު ފެނުމާ އެކުގައި ޓެސްޓުގެ ނަތީޖާ ޝަހުރަށް އެނގުނު ފަދައެވެ. ނަމަވެސް ޔޫހާއަށް އެހެން ނުހުރެވުނެވެ. އެ މޫނުމަތިން ދައްކައިގެން ހުރި ހިތާމަތައް ވަގުތުން ފިލައިގެން ގޮސްފިއެވެ. ޔޫހާއަށް އަޑުގެ ނެތްކޮޅަށް ފެށުނީ ހޭންށެވެ.

"ހެލޯ ޑެޑީ." ހުރިހާ ދަތެއް ދައްކައިގެން، ޔޫހާއަށް ބުނެ ވުނީ އެވަރަށެވެ. ޝަހުރަށް އޭނާގެ ފައި ވެސް ރަނގަޅަށް ބިންމަތީގައި ޖައްސައިގެން ނުހުރެވުނެވެ. ތެޅެމުން ފޮޅެމުން، ފުންމަމުން ގޮސް ޔޫހާ އުރައިލީ "އަލްޙަމްދުﷲ"އޭ ބުނަމުންނެވެ. (ނުނިމޭ)