މިހާރު މިދާ ގޮތަށް އިގްތިސޯދު ދާނަމަ އެންމެ ރަނގަޅު ހާލަތުގައި މި އަހަރު ޓޫރިސްޓު ބެޑްނައިޓްސް ނުވަތަ ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު ހުންނާނީ 7.5 މިލިއަންގައި ކަމަށް އެމްއެމްއޭން އަންދާޒާ ކޮށްފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ލަފާކޮށް، އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓް، ދަހާ ޝުއައިބު ހަދާފައިވާ ދިރާސާއެއް އެ އޮތޯރިޓީން ވަނީ އާއްމު ކޮށްފަ އެވެ. އެ ދިރާސާގައި ހަތަރު ހާލަތަށް ޓޫރިޒަމް ކުރިއަށް ލަފާ ކޮށްފައިވެ އެވެ.
އެ ހަތަރު ހާލަތަކީ އިގްތިސޯދު އެންމެ ގޯސްވާނެ ކަމަށް ލަފާކުރާ "ވޯސްޓް ކޭސް" އާއި މެދުމިން "މޮޑަރޭޓް ކޭސް" އަދި އެކަށީގެންވާ ވަރެއްގައި ކުރިއަށްދާނެ ކަމަށް އަންދާޒާ ކުރާ "އޮޕްޓިމިސްޓިކް" ގެ އިތުރުން އެންމެ ރަނޅު ހާލަތަށް ބަލާފައިވާ "މޮސްޓް އޮޕްޓިމިސްޓިކް ކޭސް" އެވެ.
ދިރާސާގައި މިންކުރި ހަތަރު ހާލަތު
- ވޯސްޓް ކޭސް- އެންމެ ގޯސް
- މޮޑަރޭޓް ކޭސް- މެދުމިން
- އޮޕްޓިމިސްޓިކް- އެކަށިގެންވާ
- މޮސްޓް އޮޕްޓިމިސްޓިކް ކޭސް- އެންމެ ރަނގަޅު
މި ދިރާސާ ދައްކާ ގޮތުން މި އަހަރު ކޮވިޑުގެ ހާލަތު ދުނިޔޭގައި ގޯސްވެގެންދާ އެންމެ ގޯސް ހާލަތުގައި އަންނާނެ ކަމަށް އަންދާޒާކުރި ޓޫރިސްޓުންގެ އަދަދަކީ 490,822 އެވެ. އަދި އެންމެ ކައިރި ނުވަތަ ޔަގީންކަން ބޮޑު "އޮޕްޓިމިސްޓިކް" ހާލަތުގައި މި އަހަރު 757,959 ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ނަމަވެސް މި ދިރާސާގައި އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން ވަނީ މިހާރު ޓޫރިސްޓުން އައިސްފަ އެވެ. އަދި މި އަހަރު އެންމެ ރަނގަޅު ހާލަތުގައި އަންނާނެ ކަމަށް އަންދާޒާކޮށްފާއި ވަނީ އެއް މިލިއަން ޓޫރިސްޓުންނެވެ. އަދި މި އަހަރު އެންމެ ރަނގަޅު ހާލަތުގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭ ނުވަތަ ބެޑްނައިޓްސް ހުންނާނީ 7.5 މިލިއަންގައި ކަމަށް ބުނެފައިވެ އެވެ.
2022: 1.4 މިލިއަން 2023 ގައި ރެކޯޑެއް
މި ދިރާސާ ދައްކާ ގޮތުން އަންނަ އަހަރުގެ އެންމެ ގޯސް ހާލަތުގައި ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. އަދި އަދި މި ހާލަތުގައި ޓޫރިސްޓުން ރާއްޖޭގައި އަށް މިލިއަން ރޭ ހޭދަ ކުރާނެ އެވެ. އަދި އެންމެ ރަނގަޅު ހާލަތުގައި އަންނާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 1.4 މިލިއަން ޓޫރިސްޓުންނެވެ. އަދި މިހާލަތުގައި ބެޑްނައިޓްސްގެ އަންދާޒާއަކީ 10 މިލިއަނެވެ.
މީގެ އިތުރުން 2022 ވަނަ އަހަރުގެ އެންމެ ގޯސް ހާލަތުގައި 1.5 މިލިއަން ޓޫރިސްޓުން އައިސް އެންމެ ރަނގަޅު ހާލަތުގައި 1.8 މިލިއަން ޓޫރިސްޠުންނާއެކު ޓޫރިޒަމްގެ ރެކޯޑެއް ހަދާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ އަދަދު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ރަނގަޅު ވާނެ ކަމަށް އަންދާޒާކުރާ 2023 ގައި ބެޑްނައިޓްސް ހުންނާނެ ކަމަށް ބަލާފައި ވަނީ 12.4 މިލިއަންގަ އެވެ.
ޓޫރިޒަމްގެ މި ދިރާސާގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ޓޫރިޒަމް 1972 ގައި އުފަންވެ، 1987 އިން 2019 ވަނަ އަހަރާ ހަމައަށް ޓޫރިޒަމްގެ އެވްރެޖު ކުރިއެރުން ހުރީ 9.4 ޕަސެންޓުގަ އެވެ. އަދި ޓޫރިޒަމްގެ ކުރިއެރުން މިހާތަނަށް ދަށްވެފައިވަނީ 2004 ގެ އިންޑިއަން އޯޝަން ސުނާމީ އާއި 2009ގައި ދުނިޔެއަށް ކުރިމަތިވި "ގްލޯބަލް ރިސިޝަން" ގެ ސަބަބުންނެވެ.