އެމްޑީޕީން އިންތިޒާމްކޮށްގެން "މިންޖުވާން" ނަމުގައި އިއްޔެ އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދާ މުޒާހަރާގައި ބައިވެރިވާނެ ކަން އަދާލަތް ޕާޓީއިން އަންގާފައި ނުވާ ކަމަށާއި އަދި މުޒާހަރާގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިނގާފައިވާނަމަ އަދާލަތުން ވެސް ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ވިދާޅުވީ އާންމު އުސޫލަކުން މުޒާހަރާއެއްގައި އެއްވެސް ޕާޓީ އަކުން ބައިވެރި ވާނަ އެކޮމިޝަނަށް އަންގާ ކަމަށާއި ނަމަވެސް ރޭގެ މުޒާހަރާގައި ބައިވެރިވާނެ ކަމަށް އަދާލަތުން އަންގައިފާ ނުވާ ކަމަށެވެ. އަދި މުޒާހަރާ އިންތިޒާމް ކުރި އެމްޑީޕީން ވެސް އިތުރު ސިޔާސީ ޕާޓީއެއް ބައިވެރިވާނެ ކަމަށް އަންގާފައެއް ނުވާ ކަމަށެވެ.
"މުޒާހަރާގެ ޕޯޑިއަމްގައި އަދާލަތް ޕާޓީގެ ދިދަ ނަގާފައި ހުރި. އަދި އެޕާޓީގެ ނައިބު ވެސް އެ މުޒާހަރާގައި އަދާލަތު ޕާޓީގެ ބައިވެރިވާ ކަމަށް ބުނި. އެއްވެސް އެންގުމަކާ ނުލައި އަދާލަތު ޕާޓީ އިން މުޒާހަރާގައި ބައިވެރިވި ކަން އިނގޭ. އަދި ޕާޓީ ތަކުން ބައިވެރި ވެގެން މުޒާހަރާތެރޭގައި ގާނޫނާއި ހިލާފު ކަންތަށްތަކެއް ހިނގައިފާ ވާނަމަ ބައިވެރިވި ހުރިހާ ޕާޓީ ތަކަކުން އެކަމަށް ޒިންމާ އުފުލަން ޖެހޭނެ،" އަމްޖަދު ވިދާޅުވި އެވެ.
އިއްޔެ މުޒާހަރާގައި އަދާލަތުގެ ބައިވެރިވުމެއް ނެތް ކަމަށް އަދާލަތުގެ މަޝްވަރާ މަޖިލީހުން ވެސް އެ މުޒާހަރާގައި ބައިވެރިވާން ނިންމާފައި ނުވާ ކަމަށް ސަރުކާރަށް ޔަގީންކޮށް ދީފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޓްވީޓް ކުރެއްވި އެވެ. ނަމަވެސް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އާއި އެ ޕާޓީގެ އެހެން ބައެއް މެންބަރުން ވިދާޅުވެފައި ވަނީ މުޒާހަރާގައި އެ ޕާޓީގެ ފުރިހަމަ ބައިވެރިވުން އޮތް ކަމަށެވެ.