ކަސްޓްމަސް ނޯތު ރީޖަނަލް ހެޑް އޮފީސް ހުޅުވުމާއެކު ރައްޔިތުންނަށް ހެޔޮއަގުގައި ތަކެތި ގަންނަން ލިބުމަށް މަގުފަހިވެ ވިޔަފާރީގެ ހަރަދު ކުޑަވެގެން ދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ސިޓީގައި ގާއިމު ކުރެވުނު ކަސްޓްމަސް ނޯތު ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށެވެ. އަދި ވިޔަފާރީގެ ހަރަދު ކުޑަވެެ ރައްޔިތުންނަށް ހެޔޮއަގުގައި ތަކެތި ގަންނަން ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އަލަށް މި ގާއިމު ކުރެވުނު އިމާރާތަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ ސިނާޔާތްތައް ތަރައްގީކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ބިނާ އަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ފަހުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު ބަދަލާއިއެކު ރަސްމީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރުމަށް ހަމަޖެހުމާއެކު މި ސަރަހައްދުން ހިދުމަތް ހޯއްދަވާ މީހުން އިތުރުވެފައިވާ ދަނޑިވަޅެއްގައި މި އޮފީސް އިމާރާތުގެ ސަބަބުން ރީޖަނަލް ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާ ވާނެ ކަމަށެވެ.
އަދި ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިމުގެ އިތުރުން މާލޭ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ލުއި ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ފެސިލިޓީގައި ބޯޑަރުގައި މަސައްކަތް ކުރާ އިދާރާތަކާއެކު ގައުމީ ފެންވަރުގެ ތަމްރީނުތައް ހިންގުމަށް ރޭވިފައިވާއިރު މި ފެސިލިޓީއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއިން އެކްރެޑިޓްކޮށްފައިވާ ރީޖަނަލް ޓްރެއިނިންގް ސެންޓަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންފައިވަނީ 2017 ވަނަ އަހަރު އެވެ. މި މަސައްކަތަށް 16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދުކޮށްފައެވެ.