ވިޔަފާރި

ޗައިނާ ޓޫރިސްޓުން މަދުވެ، ރާއްޖޭގެ ޓޫރިޒަމް ހަތަރު ޕަސެންޓު ދަށަށް!

  • މިދިޔަ މަހު ޗައިނާ މާކެޓުވަނީ ނުވަ ޕަސެންޓް ދަށަށް 
  • އަހަރުން އަހަރަށް ބަލާއިރު ޓޫރިސްޓުންގެ އަަދަދު އިތުރު
  • ދުވަސްވީ މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދު މައްޗަށް

ޗައިނާ އިން މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މަދުވެ، މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމް 4.4 ޕަސެންޓް ދަށަށް ގޮސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ޓޫރިސްޓް އެރައިވަލް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 110،331 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ އޮކްޓޫބަރު މަހު (މިދިޔަ މަހު) ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 105،498 ޓޫރިސްޓުންނެވެ. މިއީ 4.4 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓު ވެސް މިދިޔަ މަހު ވަނީ ދަށަށް ގޮސްފަ އެވެ. ޗައިނާ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 33،828 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ މަހު ރާއްޖެއަށް އައިސްފައިވަނީ 30،714 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 9.2 ޕަސެންޓުގެ ދަށްވުމެކެވެ. ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކަށް ބަލާއިރު އިނގިރޭސިވިލާތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 8،017 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް އައީ 7،724 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 3.7 ޕަސެންޓް ދަށްވުމެކެވެ.

އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް ރާއްޖޭގެ އެންމެ ދުވަސްވީ މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދު މިވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 2،694 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުގެ އޮކްޓޫބަރު މަހު މި އަދަދު ވަނީ 3،084 އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 14.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ދެވަނަ އަށް އެންމެ ދުވަސްވީ މާކެޓު ކަމަށްވާ ޖަރުމަނުވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވެސް މި ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޖަރުމަނުވިލާތުން 11،490 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު މި އަދަދު މިވަނީ 12،252 އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 6.6 ޕަސެންޓުގެ އިތުރުވުމެކެވެ.

އަހަރުން އަހަރަށް ބަލާއިރު ޓޫރިސްޓުންގެ އަދަދު އިތުރު

މަހުން މަހަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް ދަށަށް ދިޔަނަމަވެސް އަހަރުން، އަހަރަށް ބަލާއިރު މި އަަދަދު ވަނީ އިތުރު ވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،0011،335 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، މި އަހަރުގެ މި މުއްދަތުަގައި ރާއްޖެއަށް 1،011،335 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 1.3 ޕަސެންޓުގެ އިތުރުވުމެކެވެ. މި މުއްދަތުގައި ޗައިނާއިން 320،366 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 323،403 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި މުއްދަތުގައި އިނގިރޭސިވިލާތާއި އިޓަލީން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.