އިޒްރޭލުގެ ގިލްބޯ ޖަލުން ފިލި ހަ މީހުންގެ ތެރެއިން ނުފެނި ބާކީ ތިބި ދެ މީހުން އަތުލައިގެންފި އެވެ. އެ މީހުން ހޯދީ ހުޅަނގު އައްސޭރީގެ ޖެނިން އަވަށުންނެވެ. އެ ދެ މީހުންނަކީ މުނާދީ ނަފަޔާތު އަދި އިހާމް ކަހަމްޖީ އެވެ.
މި ދެމީހުން ހައްޔުރު ކޮށްފައި ވަނީ އިޒްރޭލުތެރެ ބަލަހައްޓާ ސިފައިންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުންނެވެ. އަމަލީ ގޮތުން ބައިވެރިވެފައި ވަނީ އިޒްރޭލް ޑިފެންސް ފޯސް އާއި ފުލުހުންނެވެ.
އިޒްރޭލު ދިފާއީ އޮފިސަރުން ބުނީ ޖެނިންގެ ގެއެއްގައި މި ދެމީހުން ފިލާ ތިބިކަން އެނގިގެން އެ އަވަށަށް އެރުމުން އާންމުން އުތުރި އަރައިގަތް ނަމަވެސް ކުށްވެރިންގެ ފަރާތުން ލިބުނީ އެއްބާރުލުން ކަމަށެވެ. އެ މީހުން އެއްގޮތަކަށް ވެސް ދެކޮޅު ނުހަދާ ކަމަށް އޮފިޝަލުން ވިދާޅުވުމުންނެވެ. މި ދެ ކުށްވެރިންނަށް ހިމާޔަތް ދީ ބެލެހެއްޓުމުގައި އެހީތެރިވި ދެ މީހަކު ހައްޔަރުކުރި ކަމަށް އިޒްރޭލު ފުލުހުން ބުނެ އެވެ.
ގިލްބޯ ޖަލުގައި އެ މީހުން ތިބި ގޮޅިން ބިންގަރާސް ހަދައި ބިމު އަޑިން ހަނި މަގެއް ކޮނެގެން ފިލި ހަ ކުށްވެރިންގެ ތެރެއިން ހަތަރު މީހަކު މީގެ ކުރިން ވަނީ ހައްޔަރުކޮށްްފަ އެވެ. އެއީ ޒަކަރިއްޔާ ޒުބޭދީ އާއި މަހްމޫދު އަރުދާން އާޢި މުހައްމަދު ގަދުރީ އަދި މުހައްމަދު އަލްއަރިދާ އެވެ.
ފަލަސްތީންގެ ޖެނީންއަށް އިޒްރޭލު ސިފައިންގެ ފައުޖުތައް ވަންނަ ފެށުމުން އާންމުންގެ ނުރުހުން އަމާޒުވެ ކުރިމަތިލައި ފަލަސްތީން މީހުންނަށް އަނިޔާވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ސަލާމަތީ ގޮތުން ގަދަފަދަ ފިޔަވަޅުތަކެއް އަޅާފައި އޮންނަ ގިލްބޯ ޖަލުން ނިކަމެތި ކުށްވެރިންތަކެއް ފިލުން އިޒްރޭލަށް ވަނީ ގަބޫ ލުކުރަން ދަތިވެފަ އެވެ. އަސްކަރީ ގޮތުންނާއި ޖާސޫސީ ގޮތުން އަދި ދުނިޔެވީ ހުރިހާ ގޮތަކުން ގަދަފަ އިޒްރޭލުގެ ސަލާމަތީ ފިޔަވަޅުތައް ފޫވައްޓާލާފައި ވާތީ ގައުމުތަކުން ދަނީ އިޒްރޭލަށް މަލާމާތް ކުރަމުންނެވެ.