(16 ސެޕްޓެމްބަރ 2021 އާ ގުޅޭ)
ގޭތެރޭގެ އަލި ފަނޑުކޮށްފައި އޮތުމުން ސުޖާއުއާއެކު ލަމްހާ ކޮޓަރިއަށް ވަނީކަން ނީރާއަށް އެނގުނެވެ. މީހެއްކައިރީ ބުނެލުމެއްނެތި ނީރާ ގެއިން ނުކުތީއެވެ.
ޓެކްސީއަށް އަރައި ޑްރައިވަރު ކައިރީ އެޑްރެސް ބުނީއްސުރެ ނީރާ އިނީ އަތުގައި އޮތް ފޯނަށް ގެއްލިފައެވެ. ދަތުރުގައި ހޭދަވީ ކިހާއިރެއްކަމެއް ނީރާ ނުދެނަހުއްޓެވެ. އަދި ޓެކްސީ ދަތުރު ކުރަމުން އައީ އޭނާ ބޭނުންވާ މަންޒިލާ ކައިރިއަށް ކަމެއް ވެސް ނުދެނަހުއްޓެވެ. ނީރާގެ ސަމާލުކަން އަތުލުމަށް ޑްރައިވަރު ދެތިން ފަހަރު ގޮވާލަން ޖެހުނެވެ. ޓެކްސީ ހުއްޓުމަކަށް އަތުވެއްޖެކަން އެނގުނީ ދެނެވެ. ފައިސާ ދީފައި ޓެކްސީއިން ނީރާ ފޭބިއެވެ. އެކުވެރީންގެ ގުރޫޕަށް އުޝާ ފޮނުވާފައިވާ އެޑްރެސް ޔަގީން ކޮށްލުމަށް އަލުން ފޯނު ބަލާލިއެވެ. ގޭގެ ދޮރޯށި ކައިރީވި ނަންބޯޑަށް ނީރާ ބަލާލިއެވެ. އެހިސާބަށް އައިސްފަ ކުރިއަށް ފިޔަވަޅެއް އެޅުމާމެދު ނީރާ ފިނިވާގޮތް ވިއެވެ. ވަގުތުކޮޅަކަށް އޭނާ ދޮރޯށި ކައިރީ މަޑުކޮށްލިއެވެ. ލައިޒަލްއާއި އުޝާއާ ކުރިމަތިލާނޭ ހިތްވަރު ހުރިތޯ އަމިއްލަ ނަފްސާ ނީރާ ސުވާލުކުރިއެވެ. އެހިސާބަށް އައީ ކޮންކަމެއް ހާސިލުވާނޭކަމަށް ހެއްޔެވެ. ލައިޒަލް ދެކެ ލޯބިވިޔަސް އެ ލޯބި ދެން ނީރާއަށް ހާސިލެއްނުވާނެއެވެ. ލައިޒަލް އޭނާއަށް ފުރުސަތު ދީފިއެވެ.
"ދުވަހަކުވެސް ދެމީހުން ބައްދަލުނުވިނަމަ." ނީރާއަށް މަޑުމަޑުން ބުނެލެވުނެވެ. ލައިޒަލްއާ ބައްދަލުނުވިނަމަ އޭނާއަށް އީހާނާއެކު ދިރިއުޅޭން މަޖުބޫރުވިޔަސް މިހާރު ކުރެވޭހާ ޝަކުވާއެއް ނުކުރެވުނީހެވެ. އަދި އީހާނުދެކެ ނަފުރަތެއް ވެސް ނުކުރެވުނީހެވެ. އެކަމަކު އެހެންނުވާނެއެވެ. ލައިޒަލްއަށް އެހިތް ދެވުނީމައެވެ. ދެން ދުވަހަކުވެސް އެފަދަ ލޯތްބެއް ނީރާއަށް ނުވެވޭނެއެވެ. ހިތުގައި ލައިޒަލްއަށް ދެވިފައިވާ މަގާމަށް އެހެން ފިރިހެނަކަށް ނާދެވޭނެއެވެ.
ހަ މީހުން އިށީނުމަށް ހުރި ބިއްލޫރި ކާމޭޒުދޮށުގައި ލައިޒަލްއާއި އުޝާ އިނެވެ. އެމީހުން ކުރިމަތީ ޔަމާނާއި ރިދާއެވެ. އީހާނު އިނީ ރިދާއާ ޖެހިގެންނެވެ. އެންމެން ވެސް ކެއުމަށް އިންސާފުކުރަނީއެވެ. ރިދާގެ ފޯނު ރިންގުވުމާއެކު އޭނާ މޭޒުމަތީ ބާއްވާލާފަ އޮތް ފޮނު ނެގިއެވެ. ކައިރީ އިން އީހާނަށް ބަލާލާފައި ފޯނުކޯލަށް ރިދާ ޖަވާބުދިނެވެ. ދެން އޭނާ ތެދުވީއެވެ. އެބައަންނަމޭ ބުނުމުން ޔަމާނު ސުވާލު އުފެއްދިއެވެ. އެހިނދު ޔަމާނުގެ ކަންފަތް ދޮށުގައި ރިދާ ސިއްރު ވާހަކައެއް ދެއްކިއެވެ. ކަމަކާ އެއްބަސްވާ ފަދައިން ޔަމާނު ބޯޖަހާލީއެވެ. ރިދާ ހަލުވިކޮށް އެ ތަނުން ނުކުންނަން ދިޔައެވެ.
"ކިހިނެއްވީ؟ ކޮންތާކަށް ރިދާ އެ ދިޔައީ؟" އުޝާ އަހާލިއެވެ.
"ތި މީހުންނާ ބައްދަލުކުރަން އައިސް ހުރި އެކުވެރިއެއް ބަލާ." މާނަފުން ހިނިތުންވުމަކާއެކު ޔަމާނު ބުނެލިއެވެ. އަދި އޭނާގެ ނަޒަރު އީހާނަށް އަމާޒުވެލިއެވެ.
ގިނައިރެއްނުވެ ރިދާ އެނބުރި އައެވެ. ބަދިގެއާއި ކާބައި ހުރީ ގުޅުވާލާފައެވެ. ސިޓިންރޫމު ފެންނަން ހުއްޓަސް އެބަޔާއި ތަންކޮޅެއް ދުރުގައެވެ. ރިދާއާއެކު ކާމޭޒުދޮށަށް ނީރާއަށް އާދެވުމުގެ ކުރީން އީހާނުގެ ދުލުން ނީރާގެ ނަން ކިޔާލިއެވެ. އެ މޫނުން ވެސް ފާޅުވަނީ ހައިރާންކަމެވެ. ލައިޒަލް ވެސް އެނބުރިލީ އެ ދިމާއަށް ނީރާ އަންނަނީތޯ ޔަގީން ކުރާށެވެ. ދެމީހުންގެ ނަޒަރު ސީދާވެލީ އެވަގުތެވެ.
"ޑޯލް ބަލިވެއޭ ބުނީ." ޔަމާނު ބުނެލިއެވެ.
"ބޭސް ކައިގެން މިއައީ." ނީރާ ބޯޖަހާލަމުން ބުންޏެވެ.
އުޝާގެ ކައިރީ ހުރި ހުސްގޮނޑީގައި ނީރާ އިށީންނަން ދެއްކީ ރިދާއެވެ. އުޝާގެ ނަޒަރު އޭރު ނީރާއަށް ހުރީ ހުއްޓިފައެވެ. ގޮނޑީގައި އިށީންނަމުން އުޝާއަށް ބަލާލައި ކައިވެނީގެ ތަހުނިޔާ ނީރާކިއެވެ. އުޝާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އެއްވެސް އެއްޗެއް ކާން ނީރާ އެއްބަހެއްނުވިއެވެ. އެހެންވިޔަސް ހަފުލާގައި ބައިވެރިކަމަށްވާނީ ކިތަންމެ ކުޑަކޮށް ވިޔަސް ކެއީމާކަން އުޝާ ބުނުމުން ނީރާ ބޯލީ ޖޫސްތަށްޓެކެވެ. އީހާނުގެ ކަންބޮޑުވުމުގެ ނަޒަރު ނީރާއަށް ހުއްޓިފައިވާކަން ފާހަގަވެ އޭނާ ވާހަކަދެއްކިއެވެ.
"ކައިގެން ބޭސް ކާލީމާ ރަނގަޅު މިހާރު. އެހެންވެ އައީ." އީހާނުގެ ބެލުމުގައިވާ އަސަރުތައް ފެނި ނީރާ ބުނެލިއެވެ. އެއްޗެކޭ ބުނުމެއްނެތި އީހާނު ހަމައެކަނި ބޯޖަހާލީއެވެ.
ގޭގެ ބޮޑު ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ހުޅުވާލާފައި ހުރުމުން ވައިރޯޅިތަކާއެކު ފަރުދާތައް ހެލިލައެވެ. ގޭތެރެ ފެންނަނީ ކްރީމް ކުލަ އިން ޒީނަތްތެރިކޮށްފައިވާ ތަނެވެ. އެންމެން ސޯފާގައި ވާހަކައިގަ ތިއްބެވެ. ނީރާ މަޑުމަޑުން ތެދުވީ ރިދާ ބެލްކަންޏާ ދިމާއަށް ހިނގައިގަތްތަން ފެނިފައެވެ. ރިދާގެ ޝައުގު ހުރީ އެ ގޭގެ ހުރިހާތަނެއް ބެލުމަށެވެ. ނީރާ އައިސް މަޑުކޮށްލީ ސިޓިންރޫމު ސޯފާގައި އިން ލައިޒަލް ފެންނާނޭ ހެންނެވެ. ކަޅުކުލައިގެ ގަމީހާއި ފަޓުލޫނުގައި އޭނާ ފެންނަނީ ނީރާގެ ހިތުގައިވާ "ބްލެކް ނައިޓް" ފަދައިންނެވެ. އެ ހިޔާލާއެކު އެ ތުންފަތް ދެމިލާން އުޅުނެވެ. ނަމަވެސް އެ ކުޑަ ހަރަކާތް ފިލީ ލައިޒަލްގެ ކައިރިއަށް އުޝާ ޖެހިލީތަން ފެނިފައެވެ. ލައިޒަލްގެ ކަކުލުގައި އޭނާ އަތް ބާއްވާލައިގެން އިނެވެ. ރަތްކުލައިގެ "މާމެއިޑް" ހެދުން ހުރީ އުޝާގެ ހަށިގަނޑުގެ ބައްޓަމަށެވެ. މިރޭ އޭނާ ވެސް ފެންނަނީ ތަފާތު ރީތިކަމެއް ލިބިފައިވާތީއެވެ.
"އަދިވެސް މިތާތަ؟" ރިދާ އައިސް ހުއްޓިލީ ނީރާގެ ގާތުގައެވެ.
ދެ އަންހެން ކުދީންގެ ސަމާލުކަން އަތުލީ އެތަނަށް ނުކުތް ލައިޒަލް ފެނިފައެވެ. ނީރާގެ ހިތުގެ ތެޅުން އަވަސްވެލީ ލައިޒަލް އޭނާއާ ދިމާއަށް އަންނަން ފެށުމުންނެވެ. ރިދާގެ ނަޒަރު ވެސް ހުރީ ލައިޒަލްއަށް ހުއްޓިފައެވެ.
"ނާންނާނޭކަމަށް ހީކުރީ." ނީރާއާ ދާދި ކައިރީގަ ހުއްޓިލުމާއެކު ލައިޒަލް ވާހަކަދެއްކިއެވެ.
"އައި އޭމް ހިއާ..." ލައިޒަލްއަށް ބަލަން ހުރެ ނީރާ ބުންޏެވެ. ލައިޒަލްގެ ވައަތް އުފުލީ އިހްތިޔާރެއް ނެތް ފަދައިންނެވެ. އޭނާ ހިފާލީ ނީރާގެ ކަނާއަތުގެ މުލައްދަނޑީގައެވެ. މަޑުމަޑުން ފިރުމާލީ ގޮތުން ނީރާ ކަންބޮޑުވިއެވެ. އެތަނުގައި އެމީހުންގެ ކޮންމެ ހަރަކާތަކަށް ބަލަން ރިދާ ހުރިކަން ލައިޒަލްއަށް ފާހަގަނުވާ ކަހަލައެވެ.
"ނީ..." ހިތަށް ކެތްނުވެގެން ލައިޒަލް ގޮވާލީ ފަދައެވެ.
"ކޮންގްރާ..." ނީރާ އަވަސްއަވަހަށް ބުނެލިއެވެ. އޭނާގެ އަޑުގައި މަޑު ތުރުތުރެއް ހުރެދާނޭކަން ހިޔެއްނުކުރެއެވެ. އެކަން ހާމަވީ ވާހަކަދެއްކުމުންނެވެ. އޭނާގެ ހިތުގެ ހާލު ބޭޒާރުވަނީއެވެ.
"ނީރާއާ ވާހަކަދައްކާލަން ބޭނުން." މިފަހަރު ލައިޒަލްގެ ނަޒަރު ހުއްޓުނީ ރިދާއަށެވެ. އޭނާ ވަގުތުން ހާލަތު ނަގައިގަތެވެ. އެ ދެ ޒުވާނުންނަށް ފުރުސަތު ދީފައި ރިދާ އެއްފަރާތްވާން އުޅުނެވެ. އެކަން ނުވީ އޭނާގެ އަތުގައި ނީރާ ހިފުމުންނެވެ.
"ޔޯ ވައިފް... އިޒް ހިއާ..." ނީރާ ބުނެލިއެވެ. ލައިޒަލްއާއި ރިދާގެ ނަޒަރު ދަތުރުކޮށްލީ ނީރާ ބަލަން ހުރި ދިމާއަށެވެ. އޭރު ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރީ އުޝާ ހުއްޓިލައިގެން ބަލަން ހުއްޓެވެ. ލައިޒަލްގެ އަތުން އަތްނައްޓާލުމަށް ނީރާ އަތް ދަމާލިއެވެ. އެއާއެކު ލައިޒަލް ވާހަކަދައްކަން ފެށީ އަތުގެ އިޝާރާތުންނެވެ. އެތަން ބަލަން ތިބި ރިދާއާއި އުޝާއަށް ލައިޒަލްއާއި ނީރާއާ ދެމެދު ދެކެވުނު ވާހަކައެއް އެއްގޮތަކަށް ވެސް ނޭނގުނެވެ. ނީރާ އިސްޖަހާލުމާއެކު ރިދާގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތެވެ. ލައިޒަލް މަޑުކޮށްލާފައި އެނބުރުނީ އުޝާއާ ދިމާއަށެވެ. އޭނާ އުޝާގެ އުނަގަނޑުގައި ހިފާލައިގެން އެތެރެއަށް ވަންއިރު ނީރާގެ ދެ ލޯ ފުރިއްޖެއެވެ.
"ނީރާ..." ރިދާ ގޮވާލީ މަޑުމަޑުންނެވެ.
"އައި ލަވް ހިމް... ރިދާ! އައި ލަމް ހިމް." ރޮވޭތީ ދެ ލޯ ފުހެމުން ނީރާ ބުނެލިއެވެ. އޭނާގެ ކޮނޑުގައި ރިދާ އަތްލުމާއެކު އޭނާގެ ގައިގާ ނީރާ ބައްދާލައިފިއެވެ.
"ރިދާ..." ނީރާގެ އަޑުން ވެސް އޭނާގެ ހިތް ހަލާކުވަނީކަން ރިދާއަށް އިހްސާސް ކުރެވެއެވެ. ނީރާގެ ބުރަކަށީގައި އޭނާ ފިރުމިއެވެ. ހަމަޖެހެންދެން ނީރާއާއެކު ރިދާ ހުންނަން ބޭނުންވިއެވެ. ނަމަވެސް އެތަނަށް އީހާން އަންނަތަން ފެނުނީއެވެ.
"އީހާން އެބާދޭ... ނީރާ." ރިދާ ވަގުތުން ބުނެލިއެވެ. ރިދާއާ ދުރަށް ޖެހިލުމާއެކު ނީރާ ދެ ލޯ ފުހެލިއެވެ.
"ކިހިނެއްވީ؟" އީހާނު އައިސް އެމީހުން ކައިރީ ހުއްޓިލަމުން އަހާލިއެވެ.
"ނީރާ މާ ވީކްވީ ހެން ހީވަނީ." ރިދާ އަވަހަށް ބުނެލިއެވެ. އީހާނު އައިސް ނީރާއާ ގާތްވެލި ގޮތުން ރިދާއަށް ޖެހުނީ ދުރަށް ޖެހޭށެވެ. ވަރުބެލައިވާ މީހަކު ފަދައިން އީހާނުގެ ގައިގާ ނީރާ ލައްވެލި ގޮތް ރިދާއަށް ފެނުނެވެ. ސިކުނޑީގައި އެވަގުތު ހިނގައިގަތީ ޝީން ދެއްކި ވާހަކަތަކެވެ. އީހާނަށް ތަފާތު ނަޒަރަކުން ރިދާއަށް ބަލާލެވުނީ އެހެންވެއެވެ.
"ޝީންއާ ދިމާވި." ކުއްލިއަކަށް ރިދާ ބުންޏެވެ. އީހާނުގެ ސަމާލުކަން ލިބުނެވެ. ނަމަވެސް އޭނާ އެކަމާ ގުޅުވާ އެއްޗެކޭ ނުބުންޏެވެ. ނީރާ ގޮވައިގެން ހިނގައިގަތީ އެތެރެއަށެވެ.
ސޯފާގައި އިން ލައިޒަލްގެ އަތްތިލަ މުއްކަވާލި ގޮތާއި ނިކަން އަވަހަށް ދެއަތުގެ އިނގިލިތައް މަހާލައި ޖޯޑުކޮށްލި ގޮތް އުޝާއަށް ފެނުނެވެ. ލައިޒަލްއަށް އެ ބަދަލުތައް އައީ އީހާނާގެ އަތުގެ ތެރޭގައި ނީރާ ހުރި ގޮތް ފެނިއެވެ. އެ ދެމީހުން އައިސް ސޯފާގައި އިށީނުމުގެ ބަދަލުގައި އީހާނު އެދުނީ އެމީހުން ގެއަށް ދިއުމުގެ ހުއްދައަށެވެ. ނީރާގެ ހާލު ގޯސްވާތީ އަނބިމީހާ ގޮވައިގެން ގެއަށްދާންކަން ބޭނުމީ އީހާނު އިއްވާލިއެވެ. ލައިޒަލް ބޯޖަހާލީއެވެ. އެއާއެކު ތަހުނިޔާގެ ބަސްތައް އީހާނު އަނެއްކާ ވެސް އިއްވާލަދިނެވެ. ރޭގަނޑުގެ ވަދާއުގެ ސަލާމްކޮށްލުމާއެކު ނީރާ ގޮވައިގެން އީހާނު ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ލައިޒަލްގެ ކޮންމެ ހަރަކާތަކެއް އުޝާއަށް ފާހަގަވެއެވެ. އެ ހިތް އޭނާއަށް އެނގިފައި އޮތީމައެވެ. ޔަމާނާއި ރިދާ ވެސް އެގާރަ ޖަހަންވާއިރަށް އެގެއިން ނުކުމެއްޖެއެވެ.
"އުޝާ ދޭ އަރާމުކޮށްލަން." ދެމަފިރިން އެކަނިވުމުން ލައިޒަލް ބުނެލިއެވެ.
"އެހާ ޓަޔާޑްއެއް ނޫން. އަހަރެން ވެސް ހެލްޕްވާނަން." ތަށިތައް ނެގުމުގައި އުޅުނު ލައިޒަލްއާ އުޝާ އައިސް ބައިވެރިވިއެވެ.
"ނީރާއާ ވާހަކަދެއްކީތަ؟." ސިންކު ކައިރީ ލައިޒަލް ހުރިއިރު ޖެހިގެން ތަށިދޮންނަ މެޝިނު ހުޅުވާލައިގެން އުޝާ ހުއްޓެވެ. އޭނާ ވާހަކަދެއްކީ ލައިޒަލް އެއްވެސް ވާހަކައެއް ނުދައްކާނޭ ހީވެގެންނެވެ.
"ޝީ ކޭމް. ނާންނާނޭ ހީކުރީ. ބަލިވެ އުޅެމުން ވެސް އޭނާ އަތުވެއްޖެ..." ލައިޒަލްގެ އަޑުގައިވީ ހިތްހަމަޖެހުންކަމެއް ބުނާން އުޝާއަށް ދަތިވިއެވެ. އޭނާ ބަލާލީ ލައިޒަލްގެ މޫނުން އެއްޗެއް ދޭހަވޭތޯއެވެ. ނަމަވެސް އޭނާ ހުރި ގޮތުން އެ މޫނު އެއްކޮށް ފެންނަ ގޮތެއް ނުވިއެވެ.
"މި ތްރީ މަންތްސްގައި ޓްރައިކުރާނަންތަ؟" އުޝާ އަހާލިއެވެ. މިފަހަރު ލައިޒަލް އޭނާއަށް ބަލާލިއެވެ.
"ކިތަންމެ ޓްރައި ކުރިޔަސް އަހަންނަށް ނުވާނެ ކަންތައް ބުނީމެންނު. މީ ރަނގަޅު ނިންމުންކަން ވެސް އަހަންނަށް ޔަގީނެއްނޫން." ލައިޒަލް ބުންޏެވެ.
"ޑޯންޓް ވޮރީ. ލައިޒަލް ބޭނުންނޫން ކަމެއް ކުރާކަށް ނުބުނާނަން. ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުންވާނެ. އަހަރެން މިހުރީ ލައިޒަލްއަށް ވަގުތުދޭން." އުޝާ ހިނިތުންވެލިއެވެ.
"ދުވަސްކޮޅަކުން ހުރިހާ ކަމެއް ހަމައަކަށް އެޅިދާނެ. ކައިވެންޏެއްގައި ދެމީހުން ޝާމިލުވާއިރު، އޮތް ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއްވާނީ ކައިރި. ލައިޒަލްއާއެކު ހުރިހާ ވަގުތެއް ހޭދަކުރާނެ މީހަކީ އަހަރެން. ފަހުރުވެރި އަނބިމީހާއަކީ އަހަރެން. ލައިޒަލްގެ ހިތް މިލްކުކުރެވޭނެ މީހަކީ ވެސް އަހަރެން. އެ ދުވަސް ދެން ލަހެއްނުވެ އަތުވެދާނެ." ހިނިތުންވެލައިގެން ހުރި އުޝާގެ ހިތުގައި ވިއެވެ. (ނުނިމޭ)