މާލޭގެ ކޮންމެ ބްލޮކަކަށް އިންތިހާބު ކުރެވޭ ބްލޮކް ވެރިންގެ މަގާމަށް ޝައުގުވެރިވާ ފަރާރްތަކުން ކުރިމަތިލުމަށް އިތުރު މުއްދަތެއް ދީފި އެވެ.
ބްލޮކް ވެރިންގެ މަގާމަށް ކުރިމަތިލުމަށް މާލެ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް އިތުރުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މުއްދަތު އިތުރުކުރީ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުން ދިއުމާ ގުޅިގެން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ބްލޮކް ވެރިން ހޮވުމަށް އިންތިހާބު ބާއްވަން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހަށެވެ. އެ ތާރީހަށް އެއްވެސް ބަދަލެއް އައި ކަމަކަށް ސިޓީ ކައުންސިލުން ބުނެފައެއް ނުވެ އެވެ.
ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއް ކަމަށްވުމާއި ވައްކަމާއި ޓެކުމާއި ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުމާ އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއް ކަމުގައި ނުވުމާއި ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒު ކުރެވުނުތާ ތިން އަހަރުވެފައިވުމާ އިންތިހާބުކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި މުސްތަގިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ.
ބްލޮކް ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން އަދި ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ މީހުން ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅު ހިމެނެ އެވެ. އަދި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާއި ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުމާއި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ހިޔާލު ހޯދުމުގެ ސާވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެ އެވެ.
މީގެ އިތުރުން ބުލޮކުގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް މޭޔަރު އާއި ކައުންސިލަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުމާއި މާލޭ ސިޓީގެ ތަރައްގީއަށް ކައުންސިލުން ކުރާ ކަންކަމުގައި ބުލޮކުގެ ބައިވެރިވުން ފޯރުކޮށްދިނުމުގައި އިސްވެ މަސައްކަތް ކުރުމާއި ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބުލޮކުގައި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގައި ކައުންސިލަށް އެހީތެރިކަން ދިނުމަކިވެސް ބްލޮކްވެރިޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.