މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓާ ރިޓަޔާ ކޮށްފި

Sep 19, 2021

ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓާ ކެޕްޓަން އަހުމަދު ރަޝީދު ރިޓަޔާ ކުރައްވައިފި އެވެ.

ކެޕްޓަން އަހުމަދު ރަޝީދު، ހިދުމަތާއި ދުރަަށް ވަޑައިގެންފައި މި ވަނީ މެދުކެނޑުމެއް ނެތި 24 އަހަރު ހިދުމަތް ކުރައްވާފައެވެ. އަހުމަދަކީ ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓަރެވެ.

އެމްޕީއެލް އިން މިއަދު ވަނީ ކެޕްޓަން އަހުމަދު ރަޝީދުގެ ޝަރަފްގައި ފެއާވެލް ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާގައި ހިދުމަތުގެ އަގު ވަޒަން ކުރައްވާ އެ ކުންފުނިން ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ފިލާ ކެޕްޓަން އަހުމަދު ރަޝީދަށް އެރުވީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އެ ކުންފުނިން ބުނީ އަހުމަދުގެ ހިދުމަތުގެ އަގު ވަރަަށް ބޮޑަށް ވަޒަން ކުރާ ކަމަަށެވެ.

އަދި 24 އަހަރުގެ ހިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު ހިދުމަތުން ވަކިވެވަޑައިގަތުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަހުމަދު، އެމްޕީއެލްއާ ގުޅިވަޑައިގެންނެވީ 1997 ވަނަ އަހަރު އެވެ.

އެމްޕީއެލްއިން ބުނީ އެ އަހުމަދުގެ ވަކިވެވަޑައިގަތުމާއެކު ހާބާ މާސްޓާގެ މަގާމު ދެން އަދާކުރައްވާނީ ކެޕްޓަން ހަަސަން ޒަރީރު ކަމަށެވެ.