އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދާ މުޒާހަރާ ހުއްޓުވާ ރޫޅާލައިފި އެވެ.
މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ މުޒާހަރާ ކުރަން ފުރުސަތު ނުދޭނެ ކަމަށް އިއުލާނު ކުރުމަށް ފަހު ގާނޫނީ އިންޒާރު ދިނުމަށް ފަހު އެވެ. ނަމަވެސް މުޒާހަރާ ރޫޅާލާފައިވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރުމަށް ފަހު އެވެ. އެކަމާއި ގުޅިގެން ބައެއް މީހުންނަށް އަނިޔާވިއެވެ. ދެ މީހަކު ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ދެންމެ ވިދާޅުވީ ފުލުހުން މިރޭ އަމަލުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުން ލާއިންސާނީ ގޮތަކަށް ކަމަށެވެ. އަދި އަނިޔާވި ދެ އަންހެނަކަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މިރޭގެ މުޒާހާރައަކީ ފިޔަވަތީގެ ހާލަތު ބޮއްސުންލައިގެން ދިއުމާއި ގުޅިގެން ބާއްވަން އިއުލާނު ކުރި މުޒާހަރާއެއް ނަމަވެސް މުޒާހަރާގެ ބައިވެރިން މައިގަނޑުކޮށް ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރުއީ ނިޒާމު އިސްލާހު ކުރުމަށެވެ.
މުޒާހަރާ ރޫޅާލި ނަމަވެސް އިދިކޮޅު ސަޕޯޓަރުން އަނެއްކާވެސް ވަނީ ބޮޑުތަކުރުފާނު މަގަށް ޖަމާވެ މުޒާހަރާ ކުރިއަށް ގެންދިޔައެވެ.
މިރޭގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނާއި އާންމުންނަށް އަނިޔާވެ އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މިރޭގެ މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ހައްޔަރުވެސް ކުރިއެވެ.