އިދިކޮޅު ފަރާތްތައް

ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ބައިވެރިންނާ ފުލުހުން ކުރިމަތިލާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން މިނިވަން މީޑިއާ އަށް ހުރަސް އަޅާ ހިންގި އަމަލު ކުށްވެރި ކުރާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޯލިޝަންގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުންނާއެކު މިރޭ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ އިހުތިޖާޖަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުގެ ޣައިރު ގާނޫނީ އަމުރަށް ތަބާވެ ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން އިހުތިޖާޖުގެ ބައިވެރިންނަށް އެކިވަރުގެ އެނިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން ފައި ފަޅައިގެން ދިއުމުގެ އިތުރުން އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިއެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެއްވެސް ބަލާލުމެއް ނެތި އިހުތިޖާޖުގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕރޭ ޖަހާ ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ބައިވެރިވެފައިވާ އެތައް ރައްޔިތުންނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

".. ހަމައެއާއެކު މި ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ހުރަސް އަޅާ ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން ގަސްތުގައި އަނިޔާކޮށްފައިވާ ތަން ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެހެން ކަމުން ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިންނަށާއި އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ދީފައިވާ އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،"

އިދިކޮޅު ކޯލިޝަނުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ސަރުކާރުން އަރައިގަނެ ހިންގަމުން ގެންދާ ޣައިރު ގާނޫނީ އަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ހިއުމަންރައިޓްސް ކޮމިޝަން އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ދައުލަތުގެ މުއައްސަސާތަކުން މިރޭގެ ކަންކަން ބެލުމަށް ގޮވާލާފައެވެ. އަދި މިނިވަން މީޑިއާގެ ހައްގުތަކަށް ސަރުކާރުން އަރައިގަނެ މީޑިއާތަކަށް ހުރަސް އަޅާ ނޫސްވެރިނަށް ދެމުން ގެންދާ އަނިޔާތައް ބަލާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ގޮވާލާފައިވެއެވެ.