ލައިފްސްޓައިލް

"މަރުވިތާ" 45 މިނިޓް ފަހުން ނޭވާލާން ފަށައިފި

ހާޓް އެޓޭކެއް ޖެހި މަރުވީ ކަމަށް (ކްލިނިކަލީ ޑެޑް) ނިންމި މާބަނޑު އަންހެނަކު 45 މިނިޓް ފަހުން އަލުން ނޭވާ ލާން ފަށައި މުޅިން ރަނގަޅު ވެއްޖެ އެވެ. އެމީހާ އަލުން ނޭވާ ލާން ފެށީ ވިހެއުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

އެމެރިކާގެ އަންހެނެއް ކަމަށްވާ ކެތީ ޕެޓާން ގޮލްފް ކުޅެން ހުއްޓާ އޭނާގެ ދަރިފުޅު ސްޓޭސީ ފޯނު ކުރި އެވެ. ވިހަން ބަނޑުގައި ރިއްސާ ވާހަކަ ބުނާށެވެ. އެއީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހެވެ. ކެތީ ވަގުތުން ހޮސްޕިޓަލަށް ދިޔުމާއެކު އޭނާގެ ދަރިފުޅަށް ހާޓް އެޓޭކެއް ޖެހިއްޖެ ކަން އެނގުނެވެ.

ސްޓޭސީ އޮތް ހޮސްޕިޓަލުގެ ޑޮކްޓަރުން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ އޭރު ގަދައަޅާ މަސައްކަތް ކުރަމުން ދިޔަ އެވެ. ނަމަވެސް ސްޓޭސީގެ ހަށިގަނޑުގައި އެއްގޮތަކަށް ވެސް އޭރު ވިންދެއް ނެތެވެ. އަދި ސިކުނޑިއަށް އޮކްސިޖަން ނުގޮސްވެގެން 45 މިނިޓް ވިއެވެ. ޑޮކްޓަރީ މިންގަނޑުން ބަލާއިރު މިއީ "ކްލިނިކަލީ ޑެޑް" ކަމަށް ބަލާ ހާލަތެކެވެ. އެހެންވެ ވަގުތުން ސިޒޭރިއަން ހަދައި ސްޓޭސީގެ ބަނޑުގައި އޮތް ދަރިފުޅު ނެގީ އެވެ.

ސްޓޭސީ ރަނގަޅުވީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ސީޕީއާރު ދީގެންނެވެ. ސްޓޭސީ ބުނި ގޮތުގައި އޭނާއަށް ފަރުވާ ދިން ޑޮކްޓަރުންގެ ޓީމަށް އެކަން ކާމިޔާބު ކުރެވުނީ އާދަޔާހިލާފު ގޮތަކަށެވެ. އަދި ދިރިއުޅުމުގެ ދެ ވަނަ ފުރުސަތެއް ލިބުނުކަމަށްޓަކައި ކަލާންގެއަށް ހަމްދުކުރާ ކަމަށް ސްޓޭސީ ބުންޏެވެ.

"ދިރިއުޅެން ލިބުނު މި ދެ ވަނަ ފުރުސަތުގައި ވީހާވެސް ރަނގަޅު އިންސާނެއްގެ ގޮތުގައި ދިރިއުޅުމަށް އަހަރެން ގަދައަޅާ މަސައްކަތް ކުރާނަން. މިއީ ބިރުވެރި ތަޖުރިބާއެއް،" ސްޓޭސީ ބުންޏެވެ.

ސްޓޭސީގެ ދަރިފުޅު އަލޯރާ އުފަންވީ އޭނާގެ ހަށިގަނޑުގައި އަލުން ވިންދު ޖަހައި ސިކުނޑިއަށް އޮކްސިޖަން ފޮނުވަން ފެށިތާ އިރުކޮޅެއް ފަހުންނެވެ.

ދަދިފަހުން އިންޑިއާގެ ރޭލެއް ތެރޭ ވެސް މިފަދަ ހާދިސާއެއް ހިނގި އެވެ. މި ހާދިސާގައި ދެ އަހަރުގެ ކުއްޖަކު ކުއްލިއަކަށް ނޭވާ ނުލެވި އޭނާގެ މަންމަގެ އުނގުމައްޗަށް ދެމުނީ އެވެ. އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ މީހުން ކުއްޖާ ސަލާމަތް ކުރެވޭތޯ އެތައް މަސައްކަތްތަކެއް ކޮށް ހާސްވެގެން އުޅެނިކޮށް އެތަނަށް އައި ޓްރެއިން ޓިކެޓް ސުޕަވައިޒަރެއް ކަމަށްވާ ރަޖެންދުރަ ކަޓްކަރް ކުއްޖާއަށް ސީޕީއާރްދީ އަނގައިން އަނގަޔަށް ނޭވާ ލައްވައިގެން މަސައްކަތް ކުރަނިކޮށް 15-20 މިނިޓް ފަހުން ކުއްޖާއަށް ނޭވާ ލެވި ރަނގަޅުވާގޮތް ވީ އެވެ.