ރައީސް އަބްދުﷲ ޔާމީން

ޔާމީން އެދިވަޑައިގެންނެވި ގޮތަށް އަޑުއެހުންތައް ކުރުކޮށްފި

ސުޕްރީމް ކޯޓުގައި މިހާރު ފަށައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ކުރުކުރަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި މިދިޔަ ބުރާސްފަތި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އުނުގަނޑުގައި ރިއްސާތީ އަޑުއެހުންތައް ކުރުކޮށްދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ ދުވާލަކު ތިން ގަޑިއިރު ރަނގަޅު ކަމަށެވެ. ނަމަވެސް އެއަށްވުރެ ގިނައިރު އިށީނދެ އިންނަވަން ދަތިފުޅުވާ ކަމަށެވެ.

ބުރާސްފަތި ޝަރީއަތުގެ އަޑުއެހުމުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 9:00 އިން 12:00 އަށް އަދި ދެވަނަ ސެޝަން 1:30 އިން 3:00 އަށެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހަޅަމުންދާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ފައްޓަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި މަހާޒު އަލީ ޒާހިރު ވިދާޅުވެފައި ވަނީ ޔާމީން އެދިވަޑައިގެންނެވި ގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަޑުއެހުން ދިގުލައިގެން ގޮސް ތާވަލުން ޖާގަ ނުލިބޭނަމަ ކުރިން ވެސް އޮތް ގޮތަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ. ކުރިން އޮތީ ދެ ސެޝަނަކަށް ބަހާލައިގެން، ޝެޝަނެއް ތިން ގަޑިއިރަށް ކުރިއަށް ގެންދާ ގޮތަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބާއްވާފައި ވަނީ މި މައްސަލައިގެ ފަސް ވަނަ އަޑުއެހުމެވެ. ނުކުތާތައް ހުށަހަޅާއިރު ވީހާވެސް ކުރުކޮށް، ހުލާސާކޮށް އަދި ތަކުރާރު ނުވާ ގޮތަށް ހުށަހެޅުމަށް ފަނޑިޔާރު މަހާޒު ވަނީ ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނުކުތާތައް ހުށަހަޅައި މިއަދު ވަނީ ނިންމާލައިފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން 22 އިސްތިއުނާފީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ގިނަ ނުކުތާތައް ބިނާކޮށްފައި ވަނީ ހައިކޯޓުން މި މަައްސަލަ ބެއްލެވުމުގައި ހަދާފައިވާ ގޯސްތަކަށް ރިއާޔަތްކޮށްފަ އެވެ. ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.