ރައްޔިތުންގެ މަޖިލިސް

ދުނިޔޭގެ އެންމެ ބޮޑު ތިމާވެށި ޖަމިއްޔާގައި ބައިވެރިވުމަށް ރުހުން ދީފި

Sep 20, 2021

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަ (އައިޔޫސީއެން)ގައި ދިވެހިރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އައިޔޫސީއެންގައި ރާއްޖެ ބައިވެރިވުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

އައިޔޫސީއެންގައި ރާއްޖެ ބައިވެރިވުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށް ހުޅުވާލުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި 28 މެންބަރުންގެ އިއްތިފާގުން ވަނީ އައިޔޫސީއެންގައި ރާއްޖެ ބައިވެރިވުމަށް ރުހުން ދޭން ފާސްކޮށްފަ އެވެ.

އައިޔޫސީއެން އަކީ ދުނިޔޭގެ 91 ގައުމަކާއި 1400 އަށް ވުރެ ގިނަ ޖަމިއްޔާތަކުން ބައިވެރިވާ ތިމާވެއްޓާ ބެހޭ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ޖަމިއްޔާ އެވެ.

އައިޔޫސީއެންގައި ދުނިޔޭގެ އެންމެ މަޝްހޫރު ތަޖުރިބާކާރުން މަސައްކަތް ކުރަމުންދާއިރު ދުނިޔޭގެ ދިރުންތަކާއި ގުދުރަތީ މާހައުލުގެ ރައްކާތެރިކަމަށް އެ ޖަމިއްޔާ އިން ވަނީ ވަރަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ރާއްޖެއިން އައިޔޫސީއެންގައި ބައިވެރިވުމުން މައުލޫމާތު ބަދަލުކުުރުމާއި ފަންނީ އެހީތެރިކަން ލިބުމާއި އެކި ގުރޫޕްތަކާއެކު ޕާޓްނަޝިޕް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުދސަތު ލިބިގެންދާނެ އެވެ.