ދުނިޔެ

ލުބްނާނުން 20 ޓަނު އެމޯނިއަމް ނައިޓްރޭޓް އަތުލައިގެންފި

ލުބްނާންގެ އިރުމަތީ އަވަށަކުން 20 ޓަނު އެމޯނިއަމް ނައިޓްރޭޓާއެކު ލޮރީއެއް އަތުލައިގެންފިއެވެ. ސަލާމަތީ ބާރުތަކުން ބުނީ އެއީ ކޮންތަނަކުން ކޮންތަނަކަށް ދަތުރުކުރާ ލޮރީއެއްތޯ ބަލަމުން ގެންދާ ކަމަށެވެ.

ލުބްނާންގެ އިންޓިރީއާ މިނިސްޓްރީން ބުނީ މައްސަލަ ބަލަމުންދާ ކަމަށާއި ކިރިޔާ ބައިވެރިވުމެއް އޮތް ނަމަވެސް އެމީހަކަށް ދައުވާކުރާނެ ކަމަށެވެ.

އިންޓިރީއާ މިނިސްޓަރު ބައްސާމް މައުލާވީ ރިޕޯޓަރުންނަށް ވިދާޅުވި ގޮތުގައި ޝާމިލްވާ ބައެއް މީހުން މިހާރު ވެސް ތިބީ ހައްޔަރުގަ އެވެ. އެކަމަކު އެއިން މީހަކާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް އޭނާ ނުދެއްވި އެވެ.

މިދިއަ އަހަރު، އޮގަސްޓް 4، 2020 ގައި ބޭރޫތު ބަނދަރުގައި ހުރި ކެމިކަލް ގުދަނެއް ވަނީ ގޮވާފަ އެވެ. ފަހުން އެނގުނު ގޮތުގައި ގުދަން ގޮވަން މެދުވެރިވީ ގުދަނުގައި ރައްކާކޮށްފައިހުރި 2،750 ޓަނު އެމޯނިއަމް ނައިޓްރޭޓްއަށް އަލިފާނުގެ އަސަރުކޮށްގެންނެވެ. ނުވަތަ ކެމިކަލް ގޮވަން އެކަށިގެންވާ ހާލަތެއް މެދުވެރިވެގެންނެވެ.

ތަހުގީގު ޓީމްތަކުން ބުނަނީ އެއީ ބަޔަކު ގަސްދުގައި ދިން ބޮޑު ގެއްލުމެއް ކަމަށެވެ. އެ ހާދިސާގައި 217 މީހުން ވަނީ މަރުވެފަ އެވެ. އެކިވަރުގެ ގެއްލުމާއި އަނިޔާ ލިބުނު މީހުންގެ އަދަދު 7،000 އަށް ވުރެ ގިނަ ކަމަށް އޮފިޝަލުން ބުނެ އެވެ. ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން ލުބްނާންއަށް ލިބުނު ގެއްލުން އެތައް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ.

ބައްސާމް ވިދާޅުވީ އިތުރު ކެމިކަލް ލޮރީއެއް އެ ހިސާބުން ދަތުރުކުރޭތޯ ބަލަން ވާނީ އަންގަވާފަ އެވެ. އަދި ކެމިކަލް ގުދަންތައް ބަލައި އެމޯނިއަމް ނައިޓްރޭޓް ސްޓޮކް ހުރި މިންވަރު ޗެކްކުރަން ވެސް ވާނީ އަންގަވާފަ އެވެ.

ވަޒީރު ވިދާޅުވީ އަގުލައިގަތް ކެމިކަލް ލޮރީ މީހުން އުޅޭ ހިސަބުން ދުރަން ފޮނުވާނެ ކަމަށާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށެވެ.

ބޭރޫތު ބަނދަރު ގޮވި ހާދިސާއަށް ފަހު ލުބްނާންގައި ސަރުކާރެއް އެކުލަވާލެވިފައި ވަނީ މިދާކަށް ދުވަހު އެވެ. ބޮޑުވަޒީރު ނަޖީބު މިކާތީ ސަރުކާރެއް އެކުލަވާލައްވާފައި އެވަނީ ސަރުކާރު ހުސްކޮށް އޮންނަތާ 13 މަސްދުވަސް ފަހުންނެވެ.