ވާހަކަ

ވީމޭ ކަލާޔާނުލާ

(18 ސެޕްޓެމްބަރ 2021އާ ގުޅޭ)

ޝަހުރުގެ މޫނުމަތިން ފެންނަނީ އޭނާއަށް ކޮޅުނެތް ކޮޅަށް ލިބިފައިވާ އުފަލާއި ހިތްހަމަ ޖެހުމެވެ. ފުޅާ ހިނިތުންވުމަކާ އެކުގައި ޝަހުރު ދިޔައީ ޔޫހާއާ އެކުގައި ހީނ، އުފާ ކުރަމުންނެވެ.

"އަހަރެންނަށް ނޭނގެ މި އުފާވެރިކަން ބަޔާން ކުރާނެ ގޮތެއް ވެސް.." ޔޫހާ ގައިގައި ވަރަށް ބާރަށް ބައްދާލައިގެން ހުރެ ޝަހުރު ވާހަކަދައްކަމުން ދިޔައެވެ. ޔޫހާ ވެސް އުފަލުން ހުރެ ޝަހުރުގެ ގައިގައި އޮޅުލައި، ބޮސްދެމުން ދިޔައެވެ.

ކޮޓަރިތެރެއިން އިވެމުންދާ ހުނުމުގެ އަޑުން ސިޓިންގރޫމްގައި އިން ޝަހުރުގެ މަންމަ ހުސްނާއަށް ސޯފާގައި އިށީންދެގެން އިންނާކަށް ކެތެއް ނުވިއެވެ. ސޯފާއިން ތެދުވެގެން ގޮސް ހުސްނާ އޭނާގެ ކަންފަތް ޖައްސައިލީ ކޮޓަރީގެ ދޮރުގައެވެ. އެެއްވެސް ވާހަކައެއް އަޑު އިވޭނެ ކަމުގެ އުއްމީދުގައެވެ.

"މަންމަމެން ވަރަށް އުފާވާނެ! ނޭނގެ އުފަލުން ވާނެ ގޮތެއް ވެސް.." ޝަހުރުގެ ހުރިހާ ދަތެއް ވަނީ ބޭރަށް ފައުޅުވެފައެވެ. އުފާވެފައި ހުރި ވަރުން ޝަހުރަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެވެއެވެ. ޝަހުރުގެ އަޑު ކިތަންމެހާ ވެސް ރަނގަޅަށް ހުސްނާގެ ކަންފަތުގެ ހިނދުރީގައި ޖެހުނެވެ. ޝަހުރު ބުނި ޖުމުލަ ވެސް ވަރަށް ސާފުކޮށް ހުސްނާގެ ކަންފަތުގެ އެންމެ އެތެރެއިން ޖާގަ ހޯދިއެވެ.

"އަނެއްކާ؟؟ ޔޫހާ ބަލިވެ އިނީބާ!" ހުސްނާ އޭނާގެ އަމިއްލަ ނަފުސާ މުޙާތަބު ކޮށްފައި އެހެން ބުނެލީ ވަރަށް މަޑުމަޑުންނެވެ. ހުސްނާގެ ތުންފަތް ވެސް މަޑުން ނޯވެ، ތުންފަތް ދެފަރާތަށް ދުވަން ފެށިއެވެ. އަނެއްކާ ވެސް ހުސްނާ އޭނާގެ ކަންފަތް ޖައްސައިލީ ކޮޓަރީގެ ދޮރުގައެވެ.

***

ހައިރާން ކަންމަތީގައި އިނދެ ޒަކްވާން އޭނާގެ އަތުގައި އޮތް ނޯޓުކޮޅު ހުޅުވައިލިއެވެ. ނޯޓުގައި ޖޭސްމީން ލިޔެފައި ވަނީ އެންމެ 3 ލަފްޒެވެ. އިނގެރޭސި ބަހުންނެވެ. ޒަކްވާނަށް ކޮޅަށް ތެދުވެވުނީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ.

"އައި ލަވް ޔޫ" އަނެއްކާ ވެސް ޒަކްވާނަށް ކަޅި ހިންގައިލެވުނީ ނޯޓުކޮޅަށެވެ. ޒަކްވާން ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. ޒަކްވާން މިސްރާބު ޖެހީ ޖޭސްމީންގެ ކެބިންއާ ދިމާލަށެވެ.

"ޖޭސްމީން.." ޒަކްވާން ގޮސް ހުއްޓުނީ ޖޭސްމީންގެ ކުރިމަތީގައެވެ. އަދި މަޑުމަޑުން ޒަކްވާން ވަށައިގެން ކަޅި ހިންގައިލިއެވެ. އޮފީހުގައި ތިބީ ވަރަށް މަދު މުވައްޒަފުން ތަކެއް ކަމަށް ވުމުން، ޒަކްވާން އިށީންނީ ޖޭސްމީންގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައެވެ.

"ސޮރީ! އައިމް މެރީޑް. ވައިފް ޕްރެގް." ޒަކްވާން އެހެން ބުނެލީ ވައި އަޑަކުންނެވެ. އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާތީއެވެ.

"އޯ! ސޮރީ.." ނޯޓު ކޮޅުގައި ހިފައިލަމުން ޖޭސްމީން ލަދުން އިސްޖަހައިލިއެވެ. ޒަކްވާން ލަސްނުކޮށް ވަގުތުން އެތަން ދޫކޮށް ހިނގައިގަތެވެ.

***

ޔޫހާ އާއި ޝަހުރު ދެއްކި ވާހަކަތައް އަޑު އަހާފައި، ހުސްނާ އުފަލުން ނަށަމުން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރި ތެރެއަށް ވަނުމާ އެކުގައި ހުސްނާ ޖަހައިލީ ލޯބީގެ އަސަރުގަދަ ކުރީގެ ދިވެހި ލަވައެކެވެ. އެޔަށްފަހު، ކޮޮޓަރީގެ މެދަށްހާ ހިސާބުގައި ހުއްޓިލައިގެން ނިކަން ޖޯޝުގަައި ހުސްނާ ނަށަން ފެށިއެވެ.

"ބަލަ ހުސްނާ! ކިހިނެއްވީ؟" އެނދުގައި އޮށޯވެގެން އޮތް މަންސޫރަށް ލިބުނީ ބޮޑު ޝޮކެކެވެ. ކުއްލިއަކަށް ހުރެފައި ހުސްނާގެ ފަރާތުން ފެނުނު އަޖައިބު ކުރަނިވި ހަރަކާތް ތަކުން، މަންސޫރު އޮތީ ބަސްހުއްޓިފައެވެ. ހުސްނާ ނަށަމުން ދިޔައީ ޖޯޝާއި ފޯރި އެކުލެވިގެންވާ މޮޅެތި ސްޓެޕް ތަކެއް ޖައްސަމުންނެވެ. އެއްފަހަރު ދެއަތް އެއްކޮށް އޭނާ މައްޗަށް ނަގާނެއެވެ. އަނެއް ފަހަރު ފަހަރަކު ފަޔެއް ހިއްލަމުން ދެއެވެ. ބަނޑާއި އުނުގަނޑު ތަޅުވާލާއިރު ހީވަނީ ކަނޑުގަދަ ދުވަހެއްގައި ބޮޑު އޮނޑިއެއް ދެފަރާތަށް ހެލިލާ ހެންނެވެ. މިއިން ދުވަހަކުވެސް ހުސްނާ ނަށާތަން މަންސޫރަށް ފެނިފައި ނުވުމުން، މަންސޫރު ވެސް ލިބުނު ހައިރާން ކަންމަތީގައި އެ ހަރާކާތްތައް ބަލަން ވަގުތުކޮޅަކަށް އިނދެވުނީއެވެ. ލޯބިވާ އަނބިމީހާ ނަށާ ގޮތް، މަންސޫރަށް ޗާލު ކަމާއި ފުރިހަމަ ކަމުންނެވެ. ނަމަވެސް އެ މަންޒަރު އެހެން މީހަކަށް ފެނިއްޖެ ނަމަ، ހީވާނީ މޮޔައެއް ގުރައިދޫ ކޮށިން ދޫވެގެން އުޅޭހެންނެވެ.

"ބަލަ ހުސްނާ! ކިހިނެއްތަ ވެގެން ތިއުޅެނީ؟" މަންސޫރު އެންމެފަހުން ކޮޅަށް ތެދުވިއެވެ. ހުސްނާ ގޮސް ހިފައިލީ މަންސޫރުގެ އަތުގައެވެ. އަދި މަންސޫރު ދަމައިލީ ހުސްނާގެ ގަޔާ ގާތަށެވެ. ވަގުތުން އެތަނުގެ މަސްރަހު މުޅިން ބަދަލު ވިއެވެ. މަންސޫރު ވެސް ފެށީ ނަށާށެވެ. ގައިގޯޅި، ލޯބީގެ ނެށުމަކަށް ބަދަލު ވުމުން މަންސޫރު ވެސް ނެށުމަށް ނިކަން ގަޔާ ވެއްޖެއެވެ.

***

"ކިހިނެއްތަ ވީ؟ ހާދަ ކަޓާފަ؟" ޖޭސްމީން ސިހިފައި ފަހަތް ބަލައިލެވުނީ ފަހަތުން މީހަކު ވާހަކަދައްކަން ފެށުމުންނެވެ. ފަހަތުގައި ހުރީ އޮފީހުގެ މުވައްޒަފަކެވެ. ވިރާޝާއެވެ.

"ވިރާ. ކަމެއް ނުވޭ." ޖޭސްމީން ވަރަށް އަވަހަށް ބުނެލިއެވެ.

"ހެހެ! ބަލަ ކަމެއް ނުވާކަމެއް ނޭނގެ. މީހާގެ މޫނުމައްޗަށް ހީވަނީ ބޮޑު ވިލާގަނޑެއް އެޅިފަ އޮތްހެން. ކިހިނެއްތަ ވީ؟ އަންގާލައިގެން އުޅެބަލަ!" ވިރާޝާ ވާހަކަ ހޯދަން އުޅޭ ފަދަ ބީދައަކުން އެހެން ބުނެ، އިށީންނީ ޖޭސްމީންގެ ގާތުގައެެވެ.

"އެއީ ކުޑަ ކަމެއް. ނައު އޯކޭ." ޖޭސްމީން މަސައްކަތް ކުރަމުން ދިޔައީ ވާހަކަ އޮއްބައި، ސިއްރު ކުރާށެވެ.

"ދެން އޯކޭ. ބުނަން ބޭނުން ވީމަ ބުނޭ. އަހަރެންނަށް ފެނުނޭ. ގަނޑުކޮޅެއް ދިއްކޮށްލިތަން. ހެހެ. އޯކޭ ދެން. އަހަރެން މިދަނީ.." ވިރާޝާ ހެމުން ހެމުން ދިޔައެވެ. ޖޭސްމީން ފުންކޮށް ނޭވާއެއް ދޫކޮށްލަމުން އޭނާގެ ކުރިމަތީގައި ހުރި ޕީސީއަށް ކަޅިއެއް ދިނެވެ.

***

"އާހް! ވަރުބަލި ވެއްޖެ. ދެން ނުނެށޭނެ." މާނޭވާ ލަމުން މަންސޫރު ކުޑަކަކޫ ޖަހާފައި އިށީންނީ ކޮޓަރީގެ ތަށިމުށިގަނޑު މަތީގައެވެ. މަންސޫރު ނޭވާ ހީވަނީ އުފުރައިގެން ގޮސްދާނެހެންނެވެ. އޭރުވެސް ހުސްނާ ވަރުބަލި ކަމެއް ނެތި ނަށަނީއެވެ.

"ބަލަ ތިހެން ވަރުބަލިވާ އެއްޗެއް ނޫނޭ! އަހަރެމެންނަށް މާމަ، ކާފަ ކުޑަ މީހާ ގޮވާލާއިރު ހަކަތައާ ބާރު ހުންނަން ވާނެއެއްނު؟" ހުސްނާގެ ޖުމުލައާ އެކުގައި މަންސޫރަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

"އޭނ؟ ކީކޭ؟" މަންސޫރުގެ ދެލޯ ވަނީ ބޮޑުވެފައެވެ.

"އާނއެކޭ! އަހަރެމެންގެ ދަރިފުޅު ބައްޕައަކަށް ވަނީ. އަހަރެން މާމަ އަކަށް ވަނީ.. މަންސޫރު ކާފައަކަށް ވަނީ.." ހުސްނާގެ ވާހަކަ އިވިފައި މަންސޫރުގެ ލޮލުން ހޯސްލާފައި އުފާވެރި ކަރުނަތައް ފައިބައި ގަތެވެ. މަންސޫރު އެ އުފަލުގައި ހުރެ އުޅުނީ ކޮޓަރިން ނުކުންނާށެވެ. ޝަހުރާއި ޔޫހާއަށް މަރުޙަބާ ކިޔާށެވެ. ނަމަވެސް އެކަން ހުއްޓުވީ ހުސްނާއެވެ. އެވާހަކަ އިވުނު ގޮތް މަންސޫރަށް ކިޔައިދީ، ހުސްނާ ރޭވީ ޝަހުރުމެންނަށް ސަޕްރައިޒެއް ދޭށެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޔޫހާ އާއި ޝަހުރު ހުރީ އެމީހުންގެ ކޮޓަރީގައެވެ. ހުސްނާ އާއި މަންސޫރު އިންތިޒާރު ކުރަމުން ދިޔައީ އެމީހުން ބޭރަށް ނުކުންނާނެ އިރަކަށެވެ. ޝަހުރާއި ޔޫހާ ތައްޔާރު ވަމުން ދަނީ ހޮސްޕިޓަލަށް ދާންކަން ހުސްނާއަށް އޮތީ އެނގިފައެވެ. އެވާހަކަ ޔޫހާގެ އާއިލާއަށް ދީ، ދެ ޢާއިލާ ގުޅިގެން އެދެމަފިރިން ގެއަށް އަންނަ ވަގުތު ބޮޑު ސަޕްރައިޒެއް ދިނުމަށް ދިޔައީ ރާވަމުންނެވެ.

"ބޮލަށް ހަމަ ތަދުވަނީ. ސީދާ މެދަށް. ހީވަނީ ސިކުނޑިއަށް ބަރުވެފަހުންނަ ހެން. އެހެންވެ ލޯ ހުޅުވަން ވެސް ދަތި. ލޮލަށް ވެސް ބަރުވޭ." ލޯގަނޑު ކުރިމަތީގައި ހުރެ ޔޫހާ ދިޔައީ ޝަހުރާ ވާހަކަދައްކަމުންނެވެ.

"ތީ ޔޫހާ މާ ބޮޑަށް ވިސްނީމަ ވީގޮތެއް. މީހާރު އަހަރެމެން ވިސްނި ކަންތައް މިއޮތީ ވެފައެއްނު" ޝަހުރު އައިސް ބައްދައިލީ ޔޫހާގެ ފަހަތުންނެވެ. ޔޫހާ ހީނލިއެވެ.

"ޑޮކްޓަރަށް ދައްކާފަ އައިސް ޑިނާ ޓައިމްގަ ދޯ ފެމިލާއަށް އަންގާނީ؟" ޔޫހާ ހިނިތުންވެލަމުން ބައްދައިލީ ޝަހުރުގެ ގައިގައެވެ.

****

ލިވިޔާއާ އެކުގައި ޒަކްވާން ގޮސް ވަނީ އައިޖިއެމްއެޗަށެވެ. ލިވިޔާ ޑޮކްޓަރަށް ދެއްކުމަށެވެ. ލިވިޔާގެ އެފަދަ ކަންކަމުގެ ތެރޭގައި ޒަކްވާނަށް އުޅެވޭތީ އޭނާ ހުންނަނީ ވަރަށް ބޮޑަށް އުފާވެ، "ފޮނި" ވެފައެވެ.

ޝަހުރާއި ޔޫހާ ގެއިން ނުކުތުމާ އެކުގައި މުޅިގެއަށް ހީވީ ބޮޑު ޢީދެއް ލައްވައިލިހެންނެވެ. ދެޢާއިލާ އެކުވެ، މުޅި ގޭތެރެ ޒީނަތްތެރި ކުރަން ފެށިއެވެ. ފާރުގައި "މަރުޙަބާ" ބޮޑު އަކުރުން ޖަހައި، ރީތި ޑެކަރޭޝަންތައް ދިޔައީ ގެންނަމުންނެވެ. ޝަހުރާއި ޔޫހާ ދިޔައީ އޭޑީކޭއަށެވެ.

"ބަލާބަ! ބޭބީ.." ސްކޭނުން ބޭބީ ފެނުމާ އެކުގައި ލިވިޔާއަށް ބޭއިޚުތިޔާރުގައި ހިފައިލެވުނީ ޒަކްވާންގެ އަތުގައެވެ. ޒަކްވާންގެ މުޅި އަތް ފިނިވިއެވެ. އެތައް ދުވަހަކު ހިފައިލަން ބޭނުން ވެފައިވާ އަތެއްގައި ބީހިލުމުން ލިބުނު އިޙްސާސް ޒަކްވާނަށް ބަޔާން ކުރަން އުނދަގޫ ވިއެވެ. ނަމަވެސް ޔަޤީނުން ވެސް ޒަކްވާންއަށް ވަރަށް ބޮޑު އުފަލެއް ބޭބީގެ ފެނިލުމުން ކޮށްފިއެވެ. ޑޮކްޓަރު ބުނީ ލިވިޔާއަށް ލިބޭނީ ފިރިހެން ކުއްޖެއް ކަމަށެވެ.

***

ނަމްބަރު ޖެހުމާ އެކުގައި ޝަހުރާއި ޔޫހާ ގޮސް ވަނީ ޑޮކްޓަރު ބަލާ ކޮޓަރިއަށެވެ.

"ވައިފް ޕްރެގް ވީމަ. އަބަދު ބޮލުގަ ރިއްސާފަ ހޮޑު ލެވެނީ. އެހެންވެ ޑޮކްޓަރަށް ދައްކާލަން.." ޝަހުރު ވާހަކަދެއްކީ ޑޮކްޓަރަށް ބަލަހައްޓައިގެން އިނދެއެވެ. ޝަހުރުގެ ކަނާއަތް އޮތީ ޔޫހާގެ އަތުގެ ތެރޭގައެވެ. ޑޮކްޓަރުގެ އެދުމަށް ޔޫހާ ގޮސް އޮށޯވެލީ އެނދުގައެވެ. ވަގުތުކޮޅެއް ވަންދެން ޑޮކްޓަރު ބަލަން ޖެހޭ ބެލުން ތަކެއް ބެލުމަށްފަހުގައި، ގޮސް އިށީންދެލިއެވެ. ޔޫހާ އާއި ޝަހުރުގެ ކަޅި ވެސް ހުއްޓިފައި ވަނީ ޑޮކްޓަރުގެ މޫނަށެވެ.

"ޑޯންޓު ވޮރީ އިނގޭ! އަނެއްހެން މާބޮޑު އިޝޫއެއް އުޅޭހެން ހީއެއް ނުވޭ. ޓެސްޓު ކޮށްލީމަ އެނގޭނީ ބޮލަށް ތަދުވާ ސަބަބެއް." ދެން ވެސް ވާހަކަ ކުރިއަށް ގެންދިޔައީ ޑޮކްޓަރެވެ.

"ޕްރެގް އެއް ނޫން. މާޔޫސް ވާކަށް ނުޖެހޭ. އެވްރިތިންގ ވިލްބީ ގުޑް." ޑޮކްޓަރުގެ ޖުމުލައާ އެކުގައި ޔޫހާ އާއި ޝަހުރަށް އެކީ އެކަށްޗަކަށް ބަލައިލެވުނީ ދެމީހުންގެ މޫނަށެވެ. (ނުނިމޭ)