ރާއްޖެ ކުޅިވަރު

ފަސްލައްކަ ރުފިޔާ އަށް އީގަލްސްއިން ޓީސީ އަށް މެޗު ވިއްކާލީތަ؟

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އީގަލްސް އާއި ޓީސީ ކުޅުނު މެޗުގެ ކުރިން ސޯޝަލް މީޑިޔާގައި ދެކެވެމުންދިޔަ ވާހަކައަކީ އީގަލްސް އިން މެޗު ވިއްކާލި ވާހަކަ އެވެ. އަދި މެޗަށް ފަހު ދެ ޓީމުގެ ކޯޗުން ވެސް އެންމެ ބޮޑަށް އަލިއަޅުވާލި އެއް ކަމަކީ ވެސް އެއީ އެވެ.

ލީގުގައި މިރޭ ނިއުރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗަށް ފަހު ކޮންމެ ޓީމަކަށް ވެސް އޮންނާނީ ބާކީ އެންމެ މެޗެކެވެ. ލީގު ޗެމްޕިއަންކަން ކަމަށް ވާދަކުރަނީ ލީގުގެ އެންމެ ފަހު މެޗުގައި ވާދަކުރަން ޖެހިފައިވާ ޓީސީ އާއި ނިއު އެވެ. ނިއު އަށް 30 ޕޮއިންޓް ލިބިފައިވާއިރު މިއަދުގެ މެޗާ ހަމައަށް ޓީސީ އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

މިހެންވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކިޔާ ފޭސްބުކް ގްރޫޕަކުން ވަނީ ޓީސީ އަށް އީގަލްސްއިން މެޗު ވިއްކާލި ކަމަށް ތުހުމަތުކޮށްފަ އެވެ. މެޗު ވިއްކާލި އަދަދަކީ 500000ރ. ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިއީ ތެދެއްނަމަ މިކަން ބަލަން އެފްއޭއެމަށް ވެސް އެ ގްރޫޕުގައި ގޮވާލާފައިވެ އެވެ.

ނަމަވެސް މިއަދު 0-0 އިން އެއްވަރުވި މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ބަޔަކު މީހުން އީގަލްސްގެ އަގުވައްޓާލަން މިއުޅުނީ. އީގަލްސްއިން މެޗު ވިއްކާނުލާނެކަން ސާބިތުކޮށްދޭން އީގަލްސް މިއަދު ނުކުތީ. އަޅުގަނޑު ކޯޗަކަށް ހުންނަ އެއްވެސް ޓީމަކުން އެކަހަލަ ކަމެއް ނުކުރާނެ. އަދި އެއީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއްވެސްނޫން. ބަޔަކު މީހުން އެގޮތަށް އެވާހަކަ ދެއްކި ނަމަވެސް އީގަލްސް މިއަދު ނުކުތީ އެއީ ހަގީގަގެއްނޫންކަން ދައްކައިދޭން. ސީދާ އަޅުގަނޑާ ދިމާލަށް ވެސް ބައެއް މީހުން ބުނެފައި އެބަހުރި، ވަރަށް ގިނަ މީހުން ގުޅަން ވެސް ގުޅި އެވާހަކަ އަހަންވެގެން،" ސާންތީ ބުންޏެވެ.

އޭނާ އަދި ބުނީ އީގަލްސް މެޗު ވިއްކާލި ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ މިއަދުގެ މެޗުގެ ނަތީޖާ ނިއުރޭޑިއަންޓް ބޭނުންވާ ގޮތަށް ނެރެން ޖެހި އުކުޅަކަށް ވެސް ވެދާނެ ކަމަށެވެ. އަދި ލީގު ޗެމްޕިއަންކަން ޓީސީ ނުވަތަ ނިއު އަށް ލިބުނަސް އީގަލްސްގެ ފަރުވާލެއް ނެތް ކަމަށެވެ.

"ކޮންމެހެނެއްވިޔަސް އެމީހުންނަށް މިއަދު އެކަން ކާމިޔާބުވެސް ވެއްޖެކަންނޭނގެ އެގޮތަށް ވާހަކަ ދައްކައިގެން. އީގަލްސްއަށް މައްސަލައެއްނެތް މި ލީގު ކޮންމެ ބަޔަކަށް ލިބުނަސް. އީގަލްސް ކުޅޭނީ ކޮންމެ މެޗަކުން ވެސް މޮޅުވާން،" 21 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތް އީގަލްސްގެ ކޯޗު، ސާންތީ ބުންޏެވެ.

މެޗު އެއްވަރުވުމުން 28 ޕޮއިންޓާއެކު ދެވަނާގައި އޮތް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ނިއު އަށް ވަރަށް ބޮޑަށް ރައްދުދީފަ އެވެ.

"ބުނަން ބޭނުންވަނީ ޓީސީން ފައިސާ ހަރަދު ކުރާނެއޭ. ޓީސީން ފުރަތަމަ ފައިސާ ހަރަދު ކުރާނީ ޓީސީގެ ކުޅުންތެރިންނަށް. ދެ ވަނަ ކަމަކަށް ވަރަށް ބޭނުން އެހެން ޓީމުތަކުގައި މުސާރަނުދީ ތިބި ކުޅުންތެރިންނަށް ފައިސާދޭން. އެއީ އެކުޅުންތެރިންނަށް އެހީތެރިވުމުގެ ގޮތުން. ބަޔަކަށް މުސާރަނުދީ ކުޅުވާކަށް ޓީސީ ބޭނުމެއްނޫން،" ޓީސީން މެޗު ގަތް ކަމަށް ދެކެވުނު ވާހަކަތަކަށް އިޝާރާތްކޮށް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ނިޒާމްބެ ބުންޏެވެ.

އޭނާ އަދި ބުނީ މިއަދުގެ މެޗު އެއްވަރުވި ނަމަވެސް ލީގުގެ ފަހު މެޗުގައި ނިއު ތަފާތުގޮތަކަށް ބަލިކޮށް ލީގު ޗެމްޕިއަންކަން ޓީސީ ހޯދާނެ ކަމަށެވެ.