(19 ސެޕްޓެމްބަރ 2021 އާ ގުޅޭ)
"ދުވަސްކޮޅަކުން ހުރިހާ ކަމެއް ހަމައަކަށް އެޅިދާނެ. ކައިވެންޏެއްގައި ދެމީހުން ޝާމިލުވާއިރު، އޮތް ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއްވާނީ ކައިރި. ލައިޒަލްއާއެކު ހުރިހާ ވަގުތެއް ހޭދަކުރާނެ މީހަކީ އަހަރެން. ފަހުރުވެރި އަނބިމީހާއަކީ އަހަރެން. ލައިޒަލްގެ ހިތް މިލްކުކުރެވޭނެ މީހަކީ ވެސް އަހަރެން. އެ ދުވަސް ދެން ލަހެއްނުވެ އަތުވެދާނެ." ހިނިތުންވެލައިގެން ހުރި އުޝާގެ ހިތުގައި ވިއެވެ.
ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ލައިޒަލްގެ ނަޒަރު ދުރަށް ހުއްޓިފައި ވެއެވެ. ހިޔާލުތަކުގެ ސަބަބުން އެ ދެ ލޮލަށް ކުރިމަތީގައިވާ މަންޒަރު މުޅީން ފުސްވެއްޖެއެވެ. ފުންނޭވާއަކާއެކު ދެ ލޯ މަރާލިއެވެ. ނިތްކުރިއާއެކު ބޮލުގައި ކަނާއަތްތިލަ ހިންގާލިއެވެ. ދެން ގެނެސް މޭގައި އެ އަތްތިލަ ޖައްސާލިއެވެ. ބޮލުގައިވީ ރިހުމަށްވުރެ އެ މޭގައި ތެޅިތެޅި އޮތް ހިތުގައި އަޅާވޭން ގަދައެވެ. އެ ގަދަ ވޭނުން ފާޅުވާ އާހެއް ފަދައިން ލައިޒަލްގެ ހިތް ކިޔަނީ އެންމެ ނަމެކެވެ. ނީރާއެވެ.
އަނގަމަތިން އަތް ނައްޓާލެވުނީ ނީރާގެ އަތަށް އީހާނު ދަމާލުމުންނެވެ. މަޑުމަޑުން އީހާނު ގާތްވެލުމާއެކު ނީރާގެ ގައިގާ ބައްދާލިއެވެ. ނީރާ ރޮނީކަން ނުނިދިފައި އޮތް އީހާނަށް އެނގެއެވެ. އޭނާ ރޯން ދޫކޮށްލައިގެން އޮންނަތާ ގަޑިއިރުތަކެއް ފާއިތުވެއްޖެއެވެ. އީހާނު ގާތްވީ އެ ހިތަށް މަންޒަރު ބަލަން ކެތްނުވެގެންނެވެ. ނީރާ ރޮނީ ކީއްވެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އަދި އެގޮތަށް ރޯނަމަ ނީރާގެ ހާލު ގޯސްވެދާނޭތީ އީހާނު ކަންބޮޑުވެއެވެ.
"ނީރާ..." އީހާނު ގޮވާލިއެވެ. އޭނާއާ ކުރިމަތިވާނޭހެން މަގަތަށް ނީރާ އަނބުރާލިއެވެ. އަނބިމީހާގެ ކޯތާފަތް ފުހެދީ ނިތްކުރީގައި އީހާނު ބޮސްދިނެވެ.
"ތި ރޮނީ ކީއްވެތޯ ނާހާނަން. މިރޭ ތިސިކުނޑިއާއި ހަށިގަނޑު ވަރުބަލިވާވަރަށް ލޯބިދޭން މިހިތް އެދެނީ." އީހާނު ފިރުމާލީ ނީރާގެ ތުރުތުރު އުފެދިފައިވާ ތުންފަތުގައެވެ. އެ ދެ ލޯ މަރާލައިގެން އޮތް ގޮތުން އީހާނަށް ބަލަން ބޭނުންނުވާ ކަހަލައެވެ. އެކަމަށް އީހާނުގެ ފަރުވާލެއް ނެތެވެ. އޭނާ މޫނު ތިރިކޮށްލީ ނީރާގެ ނޭވާ އިހްސާސްވާނޭހާ ގާތަށެވެ. ކޯތާފަތުގައި ބޮސްދިނެވެ. އިހުނަށްވުރެ ނީރާއާ އީހާނު ގާތްވެލިއެވެ. ކުރުއަތް މައްޗަށް އޭނާ ތެދުވެލިއެވެ. ނީރާގެ ތުންފަތުގައި އޭނާ ބޮސްދިނެވެ. އެ ބީހުން އޭނާގެ ނަފްސު ބެހިގެންދިއުމަށް ފުދުނެވެ. އަނބިމީހާއަށް ބޭނުންވެފައި ހުރިވަރުން އޭނާގެ ކެތްތެރިކަން ގެއްލުނީއެވެ.
"ސްޓޮޕް... ޕްލީޒް... އައި ޑޯންޓް ވޯންޓް ދިސް... އީހާން!." ނީރާ ދައްކާ ވާހަކައެއްގެ އަޑު އީހާނަށް ނީވޭހެން ހީވެ އޭނާޣެ ނަމުން ހަޅޭލަވައިގަތީ ނިކަން ބާރަށެވެ. އީހާނުގެ ހަރަކާތްތައް ހުއްޓުމަކަށް އައީ ދެނެވެ. ނީރާގެ އަތުން އޭނާ ދޫކޮށްލިއެވެ. ނީރާގެ ގައިމަތިން އޭނާ ދުރަށް ޖެހުނެވެ. ފުންވެފައިވާ ނޭވާއާއެކު އޭނާ ނީރާއަށް ބަލަން އިނީއެވެ. މިނިވަންވުމުން ފުންމައިގެން ނީރާ ތެދުވި ގޮތަށް ހަރުވާޅު ރަނގަޅު ކުރަމުން ގަޔަވާ ވަކިވެފައި އޮތް ޓީޝާޓު އެނދުމަތިން ނަގައިގެން ދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ.
އީހާނު ބުންޏަސް އެ ގާތްކަމުން ނީރާއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެ ހަށިގަނޑުގައި އީހާން ބީހެންފެށި ހިނދުން ފެށިގެން ނީރާގެ ހިތުގެ ރުއިންވީ ބާރެވެ. އަރާމެއްނުލިބި ހަށިގަނޑު ފިހެމުންދާ ފަދަ އިހްސާސެއް ނޫނީ ނީރާއަށް ނުކެރެވެއެވެ. އީހާނާއެކު އެ އިން ފަހަނައަޅައި ދާނޭ ހިތްވަރެއް އޭނާގެ ނެތެވެ. އެ ހަށިގަނޑުގައި ލައިޒަލް ނުބީހޭ އެންމެ ތަންފުކެއް ވެސް ނެތެވެ. ކޮންމެ ވިންދެއްގައި ލައިޒަލްވާއިރު އެ ހިޔާލުތަކާއި ހިތުގައި ބިންވަޅުނެގިފައިވާ އިހްސާސްތަކުން މިންޖުވުމެއް ނީރާއަށް ނުވެއެވެ. އެއިން ކޮންމެ ބީހުމެއް ނީރާގެ ހަށިގަނޑު ހަނދާން އެބަހުއްޓެވެ.
ނީރާ ކޮޓަރިން ނުކުތީ އީހާނު ހޭލާ އޮއްވައެވެ. އޭނާއަށް ދެން ކެތެއްނުވާނޭ ބުނެލީ އަމިއްލަ ޟަމީރުގެ ކައިރީއެވެ. ފިރިމީހާގެ ޒަރޫރީ ބޭނުންތައް ފުއްދުމަކީ އަނބިމީހާ ކުރަން ޖެހޭނެ ކަމެއްކަން އީހާނު ގަބޫލުކުރެއެވެ. ނީރާގެ ހިތް ބަދަލުނުވެގެން އެ އުޅެނީ އޭނާ އެގޮތަށް މަޑުމަޑުން ހުންނާތީއޭ ހީކުރެވުނެވެ. ފުންނޭވާއަކާއެކު ނިތްކުރީގައި ބާއްވާލެވިފައި އޮތް އަތް އީހާނު ނެގިއެވެ. އެނދުން ފައިބާ ކޮޓަރިން އޭނާ ނުކުތެވެ. ގޭތެރެއިން ނީރާ ނުފެނުމުން އޭނާއަށް ޔަގީން ކުރެވުނީ ނީރާގެ ކޮޓަރިއަށް އޭނާ ވަނީ ކަމެވެ. އެނބުރި އީހާނު ކޮޓަރިއަށް އައީއެވެ.
ނިދިބަރުވެފައި އޮވެމެ އީހާނު ދެ ލޯ ހުޅުވާލީ މަޖުބޫރުވެގެންނެވެ. ފޯނުގެ ރިންގު މެދުކެނޑުމެއްނެތި އިވޭތީއެވެ. ބޯހިއްލާ ފޯނު ހޯދާލިއެވެ. ނީރާގެ ފޯނަށް ގުޅަނީ ރިދާއެވެ. އިރު ނާރައިގެން އެ އަންހެނާ ހުރި ކަހަލައެވެ. އީހާނު ހެލޯއޭ ބުނެލުމުން ނީރާއަށް ފޯނު ދޭން ރިދާ ބުނެލިއެވެ.
"ދެމަފިރިންނަށް އުނދަގޫ ކުރަން މީ ކޮންގަޑިއެއް." ލޮލުގައި އަތް އުނގުޅަމުން އަނެއްއަތުން ކަންފަތާ ފޯނު ކައިރިކޮށްލައިގެން ހުރެ އީހާނު ބުނެލިއެވެ. އޭނާ އެނދުން ތެދުވީ ކޮޓަރިތެރޭގައި ނީރާ ނެތީމައެވެ. ހެނދުނު ހަތެއް ޖެހުމަކީ އީހާނަށް އަދި ފަތިހެވެ. ނުވައެއް ނުޖަހަނީސް އޭނާ ނުތެދުވާނެއެވެ.
"ދެން ދީބާ ނީރާއަށް ފޯނު." ރިދާ އާދޭސް ކޮށްލިއެވެ.
"މިދަނީއޭ... މަޑުކޮށްބަލަ." އީހާނު ދެއަތަށް ކިރެމުން ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ސޯފާގައި އޮށޯވެލައިގެން އޮތް ނީރާ ފެނުމުން ގޮވާލިއެވެ. އިތުރު ވާހަކައެއް ނުދައްކާ އީހާނު ދިއްކޮށްލީ ފޯނެވެ. އެވަގުތު ބަދިގެތެރެއިން ލަމްހާ ނުކުމެގެން އައީ ޖޯޑެއް ހިފައިގެންނެވެ. އެއަށް ބަލާލާފައި އެއީ ނީރާއަށް ހާއްސަކުރެވިފައިވާ ތަށިކަން އީހާނަށް އެނގުނެވެ. ދެން ވެސް އެއްޗެކޭ ނުބުނެ އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ލަމްހާ އައިސް ހޫނުޗޮކުލެޓް ގިރާފައި ހުރި ޖޯޑު ނީރާއަށް ދިނެވެ. ހެނދުނުގެ ނާސްތާގައި ބައިވެރިނުވިޔަސް އެ ތަށި ހުސްކޮށްލުމަށް ލަމްހާ އެދުނެވެ. ހައިބަނޑާ ހުރުމަކީ ލަމްހާ އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫނެވެ. ނީރާ ކެއުމާ ދުރުހެލިވާތީ ލަމްހާއަށް ބައެއްފަހަރު ހަރުކަށިކަން އިސްކުރަން ޖެހެއެވެ.
ޖޯޑު ހިފައިގެން ނީރާ ނުކުމެ އިށީނީ ބޭރުގައި ހުރި ކުޑަ މޭޒުގެ ދޮށުގައެވެ. ރިދާއާ ވާހަކަދެއްކީ އެތަނުގައި އިނދެއެވެ. ހާލު ކިހިނެއްތީ ފުރަމަތަ ވެސް ރިދާ އަހާލިއެވެ. އާދައިގެ މަތިން ބުނާހެން ރަނގަޅޭ ނީރާ ބުނެލިއެވެ. ހުކުރު ދުވަހަށްވެފައި މެންދުރުގެ ކެއުމަށް ނީރާއަށް ރިދާ ދައުވަތު ދިނީ ވިސްނާފައެވެ. ވާހަކަދައްކާލާނޭ ފުރުސަތެއް ހޯދަން ގަސްދުކޮށެވެ. ދެމީހުން ވަކީން ބައްދަލުކޮށްލަން ބުނެފިނަމަ ނީރާ އެއްބަސްނުވެދާނޭ ރިދާއަށް ހީވާތީއެވެ. ރެޔަށްފަހު ނީރާ ވެސް ހުރީ ގެއިން ނުކުމެލާނޭ ފުރުސަތެއް ބޭނުންވެފައެވެ. ލިބިލިބި ހުރި ހާސްކަމުން ނުކުމެ ހަމަނޭވާލާން ބޭނުންވެފައެވެ. ބަހަނާއެއް ނުދައްކާ ރިދާގެ ދައުވަތު ނީރާ ގަބޫލުކުރީ އެހެންވެއެވެ. ހަމައެއާއެކު ރިދާ ސުވާލުކުރާނޭކަން ނީރާއަށް އެނގެއެވެ. ރޭގައި އޭނާގެ ދުލުން ބޭރުވި ބަސްތައް ރިދާގެ ކަންފަތަށް އިވުމަށްފަހު އޭނާ އެއީ ކިހިނެއްވީ ކަމެއްތޯ ނާހާ ނުހުންނާނެއެވެ. ރިދާއަކީ އެކަހަލަ ރަހުމަތްތެރިއެކެވެ. ނީރާއަށް ވެސް ބުނެވުނު އެއްޗެއް ބުނެވުނީ ރިދާއަކީ ރިދާއަށްވީމައެވެ. އިތުބާރު ހިފޭ ގާތްކަމަކަށް ބޭނުންވެފައި ހުރި ވަރުންނެވެ. ފޯނުކޯލު ނިންމާލާފައި ޗޮކުލެޓު ޖޯޑު ހުސްވަންދެން ނީރާ އިނެވެ.
* * * * *
ރިދާމެން ގެއަށް ނީރާ ގެނެސްދިނީ އީހާނެވެ. އޭނާއަށް ދައުވަތު ނުދިނީތީ އެތައް ޝަކުވާއެއް ކުރިއެވެ. ނީރާއަށް ސިހުން ލިބުނީ ދޮރޯށި ކައިރިން ވަކިވުމުގެ ކުރީން އޭނާގެ ކޯތާފަތުގައި އީހާން ބޮސްދިނުމުންނެވެ. ރިދާ ބަލަން ހުއްޓައެވެ. ނިންމާފައި ގުޅައްޗޭ ބުނެ އީހާނު ހިނގައިގަތީ ނީރާގެ ކޯތާފަތަށް ބޮސްދިން ތަނުގައި ފިރުމާލާފައެވެ. ހަރަކާތެއްކުރަން ނޭނގިފައި ހުރި ނީރާގެ އަތުގައި ހިފާލީ ރިދާއެވެ. އެކުވެރިޔާ ގޮވައިގެން އޭނާ ގޭތެރެއަށް ވަނެވެ.
ރިދާގެ އާއިލާއާ ނީރާއާ ކުރީން ވެސް ބައްދަލުވެފައި ވެއެވެ. އެގެއަށް ކުރީން އޭނާ އައިސްފައި ހުރީމައެވެ. ރިދާގެ މަންމައަކީ ހިތްހެޔޮ މީހެކެވެ. ރިދާގެ ބައްޕައަކީ އާދަޔާ ހިލާފަށް ސަމާސާ ބޮޑު މީހެކެވެ. ރިދާއަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ކުއްޖާއެވެ. ޔަމާންއާއި ރިދާ ރައްޓެހިވެގެން އުޅޭތާ ތިން އަހަރުވެފައިވާއިރު އެއީ ރިދާގެ އާއިލާ ރުހޭ ގުޅުމެކެވެ. މެންދުރުގެ ކެއުން ނިމި ރިދާ އެކުވެރިޔާ ގޮވައިގެން ކޮޓަރިއަށް ދަނީކަން ބުނެލިއެވެ. ރަހުޒާ އެދުނީ ހަވީރު ސައިނުދީ ނީރާ ފޮނުވާލައިގެން ނުވާނެކަމެވެ. ޖިހާދު އިށީނީ ޓީވީ ބަލާށެވެ. ދޭއްގެ ޚަބަރު ކުރިއަށް ދާތީއެވެ.
"ހާދަ މަދުންނޭ ކެއީ." އެނދުމައްޗަށް އަރައި ދެފައިވަށްކޮށްލަމުން ރިދާ ވާހަކަދެއްކިއެވެ. އެނދުގެ ހުރަހަށް ނީރާ އޮށޯވެލީއެވެ. ބަނޑުގައި ފިރުމާލަމުން އޭނާއަށް ކެވިއްޖެކަން ބުނެލިއެވެ.
"އަސްލު އަންނާށޭ ބުނީ ބައިވަރު ވާހަކަދައްކަން ބޭނުންވެގެން." ރިދާ ތެދު ހާމަކުރިއެވެ.
"އެނގޭ..." ނީރާ މަޑުމަޑުން ބުނެލިއެވެ. އޭނާ މޫނު އަނބުރާލީ ރިދާއާ ދިމާއަށެވެ. ލުއި ހިނިތުންވުމެއް ނީރާގެ ތުންފަތަށް ވެރިކޮށްލިއެވެ.
"ޝީންއާ ދިމާވި." ރިދާ ވާހަކަފެށީ އެހިސާބުންނެވެ. އޭނާގެ ވާހަކަތައް ނިމެންދެން ނީރާ އަޑުއެހިއެވެ. މަޑުމަޑުން ތެދުވެ ރިދާއާ ކުރިމަތިލައި ނީރާ އިށީނެވެ. ރިދާ ދެއްކި ވާހަކަތަކުން ޝީންއާއި އީހާން ވަކިވީ އީހާނުގެ ސަބަބުންނެވެ. އެކަމަކު އީހާނު ބުނެފައި އޮތީ ދެމީހުން ވަކިވާން އެދުނީ ޝީންކަމެވެ.
"އީހާން ކުރީން ވެސް ނީރާދެކެ ލޯބިވޭ ދޯ." ރިދާ ބުނެލިއެވެ. ނީރާއަށް ލިބުނީ ހައިރާންކަމެވެ. އޭނާދެކެ އީހާނު ކުރިއްސުރެ ލޯބިވާނަމަ ހަޔާތަށް ބައިވެރީން ގެންނަނީ ކީއްވެ ހެއްޔެވެ. ޝީންއާ ރައްޓެހިވީ ކީއްވެ ހެއްޔެވެ. އީހާނު ލޯބިވާކަން ކުރީން ހާމަކުރިނަމަ ނީރާ ފުރުސަތު ދިނީހެވެ. ޚުދު ނީރާއަށް އެވަރު އެނގެއެވެ. ލައިޒަލްއާއި ނީރާ ބައްދަލުވަންދެން އީހާނު މަޑުނުކުރިނަމައޭ ނީރާ ހިތަށް އެރިއެވެ. އެކަމަކު މިހާރު އީހާނަށް ވަގުތު ފާއިތުވެއްޖެއެވެ. އީހާނު އެދޭ ފުރުސަތު ނީރާގެ ހިތުން ދެވޭކަށް ނެތެވެ.
ކަންތައް ހިނގި ގޮތް ނީރާ ކިޔައިދޭން ފެށިއެވެ. އީހާން ކަންތައް ކުރި ގޮތެވެ. ލަމްހާއާއި އީހާނަކީ ނީރާއަށް ކޮންބައެއްކަން ރިދާއަށް އޮޅުންފިލީ ދެނެވެ. ހަށިފޮޅާލާފައި ދުރަށްދެވޭވަރަށްވުރެ އެ އާއިލާއާ ނީރާ ގުޅިފައިވާވަރު ރިދާއަށް ވިސްނުނީ ދެނެވެ.
"އެ ލޯތްބާއި އޯގާތެރިކަމަށް އަހަރެން ހުރީ އާދަވެފައި. މަންމަކިޔަން މި ދޫ ވަނީ އާދަވެފައި. އެންމެންގެ ހިތުގައި ޖެއްސިޔަސް އޭނާގެ ހިތުގައި ނުޖައްސާނަމޭ އަބަދުވެސް ހިތުގައި އޮވޭ. މަންމަ ބުނެފިއްޔާ އަހަރެން ކޮންމެ ކަމެއްވެސް ކުރާން ހުންނަނީ ތައްޔާރަށް. އަހަރެންގެ އަމިއްލަ މަންމައާއި ބައްޕައަކީ ފަނޑު ހަނދާނެއް. އޭގެ ބަދަލުގައި އަހަރެންގެ ގާތުގައި ހުރެ ހުރިހާ ކަމެއްކޮށްދިނީ އޭނާ. އީހާނަށްވުރެ ބޮޑަށް އަހަރެން އެގޮތަށް ނިންމީ މަންމައަށް ޓަކައި. އެކަމަކު އެއްވެސް އުފަލެއްނެތް... މަންމަ ފެނުނީމަ މިހާރު ވަނީ އުނދަގޫ. ކެއާކުރާވަރު ފެނި އަހަރެންނަށް ލިބެނީ އިތުރު ހިތްދަތިކަމެއް. ބައެއްފަހަރު އެ ގޭގައި ނޭވާލާން ދަތިވެފައި އަހަރެން ހުންނަން. އެކަމަކު އެމީހުންނާއެކު އަހަރެން އުޅުނީ ކިހާ އުފަލުން. އަހަންނާއި ލައިޒަލް ވަރަށް ކްލޯޒް. ވަރަށް ބޮޑަށް ކްލީޒް... މިހެން މިއުޅެނީ ލޯބިނުވާތީއެއްނޫން. އޭނާ ވެސް ލޯބިވޭ. އަދިވެސް އަހަރެން ބޭނުންކަން އެނގޭ."
"ރޭގަ ކީކޭ ލައިޒަލް ބުނީ. ލައިޒަލްއަށް ސައިން ލޭންގުއޭޖް އެނގޭކަން ޔާނުއަށް ވެސް ނޭނގޭ." ރިދާ އަހާލިއެވެ. އެހިނދު ނީރާ އިސްޖަހާލީއެވެ. ބުނަން ނުކެރިގެންނެވެ. އެކުވެރިއަކަށް ވިޔަސް ހާމަކުރާވަރަށްވުރެ ލައިޒަލް ރޭގައި ބުނީ ލަދުވެތި ވާހަކައެކެވެ. ރިދާ ޖަވާބަކަށް އެދި ގޮވާލިއެވެ.
"އޭނަ އުޝާއާއެއްކޮށް ސްލީޕްކުރާ ވާހަކަ." ނީރާ ހާމަކުރީ ލައިޒަލް ދެއްކި ވާހަކަތަކުން ކުޑަ މިންވަރެކެވެ. އެވެސް ހުތުރުކަން ފާޅުނުވާނޭ ފަދަ ލަފުޒުތަކަކުން މަތި އޮމާންކޮށްފައެވެ. ރޭގައި ލައިޒަލް ދެއްކި ހުރިހާ ވާހަކައަކީ ގަސްދުގައި ނީރާގެ ހިތުގައި ޖެހޭނެކަން އެނގިހުރެ ދެއްކި ވާހަކަކަން ނީރާއަށް އެނގެއެވެ.
"ނީރާ. މަންމަ ކައިރީ ބުނެގެން ޑިވޯސްވާންވީނު." ކެތްނުވެގެން ރިދާއަށް ބުނެވުނެވެ.
"އީހާން ކަންތައްކުރާގޮތް މިކިޔާދިނީ ދެންމެ. ރިދާއަށް ހީވޭތަ އަހަރެންގެ ދުލުން ޑިވޯސް، އެ ލަފުޒު ބުނަންދެން އީހާނު މަޑުން ހުންނާނެހެން. މަންމަދެކެ ކިތަންމެ ލޯބިވިޔަސް އީހާނަކީ އެ މަންމަގެ ލޭ. އަހަންނަކީ ދުރުހިލޭ މީހާ... އީހާނުގެ ގާތިލަށް ވާންވީތަ. މަންމައަށް އަރައިނުގަނެވޭވަރު ހިތާމައެއް ދީފައި އަހަރެން އުފާވެރިކަން ހިޔާރުކުރާނީ ކިހިނެއް."
"އޭނާގެ މެންޓަލްކަމެއް އެބަހުރި. ޝީން ބުނީ ރަނގަޅަށް... އޭނާ ހަމަ ރަނގަޅަށް ވެސް ނީރާއާ ހެދި އޮބްސެސްޑްވެފަ އެހުރީ. އެއީ ވަރަށް ނުރައްކާތެރި ބައެއް. އަހަންނަށް ޔަގީން އީހާނަށް އެނގޭކަން... އޭނާއަށް ލައިޒަލްއާ އޮތް ގުޅުން އެނގުނީ. އަހަންނާއި ޔާނުގެ އިތުރުން ޝީންއަށް އެނގުނުއިރު އީހާނަށް ނޭނގިއެއް ނޯންނާނެ. ތި ދެމީހުން ކްލޯޒްވާން ފެށި ހިސާބުން އީހާނާއި ޝީން މައްސަލަޖެހުނީ." ރިދާ ބުނެލިއެވެ.
"ލައިޒަލްކަން ބުނަން އުޅޭ ކޮންމެ ފަހަރަކު އީހާނު އަހަރެން ހުއްޓުވާ. އެ ނަން ބުނިއަކަށް ނުދޭ."
"އޮބްވިއަސްލީ. އޭނާއަށް އެނގެންޏާ އަޑު އަހާކަށް ބޭނުމެއްނުވާނެ ދޯ. އެކަމަކު ދެން ތިހެންތަ އުޅޭނީ. ތީ ލައިފެއްނޫން. ލައިޒަލް ވެސް ލޯބިނުވާއިރު ކީއްވެތަ އެ މެރީކުރީ. އުޝާއަށް ނޭނގެނީތަ؟. އުޝާ ލައިކްވާކަން އެނގޭ ލައިޒަލްދެކެ. އެހެންވެ އޮޕޮޗުނީޓީގެ ބޭނުން ހިފާލީ ކަންނޭނގެ. އޭނާ ކައިރީތަ ލައިޒަލްއަށް އެއްވެސް އެނގުނީ އިންނަން އަހަން. ތި ދެމީހުން ވެސް ތި ތިބީ މޮޔަވެފަ. ބަލާބަލަ ކަންތައް ގޮސްފަ އޮތް ހިސާބު."
"އުޝާ ވަރިއެއް ނުކުރާނަމޭ ލައިޒަލް ބުނި. އަހަރެން ބޭނުންނަމަ އަދިވެސް ލިބޭނެއޭ ބުނި. އެކަމަކު ދެން ލިބޭނީ އުޝާގެ ފިރިމީހާގެ ގޮތުގައޭ ބުނީ." ހިމޭނުން އިން ނީރާ ލޯ ކައިރި ފުހެލައި ބުނެލިއެވެ.
"ވަޓް ޑަސް ދެޓް އީވަން މީން... ދެއަނތްބައްތަ؟" ރިދާ ވިސްނާލާފައި ބުނެލިއެވެ. ނީރާ ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާ ފަދައިންނެވެ. ރިދާއަށް ވެސް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އުޝާއާ މެދު ލައިޒަލް އެހާ ސީރިއަސްކޮށް ދެކޭނޭ ރިދާއަށް ހީކުރެވިފަ ނެތީމައެވެ. އަނެއްކޮޅުން އީހާނުގެ މަކަރުވެރި މަޅީގައި ނީރާ ޖެހިފައި ހުރީ ފަސޭހައިން ސަލާމަތްވެވިދާނޭ ގޮތަކަށްނޫންކަން ވިސްނުނީ އަދިކިރިޔާއެވެ.
ގެއަށް އައި މަގުމަތީ ނީރާއާ އީހާނު ދެއްކި ވާހަކައަކަށްވިއްޔާ ރައްދު ދިނެވެ. ކޮޓަރިއަށް ވަނީ ދެމީހުން އެކީގައެވެ. ނީރާއަށް ބަދަލެއް އައިސްފާ ހުރިކަން އީހާނަށް ފާހަގައެއް ނުވިއެވެ. ނީރާ ހުއްޓިލުމާއެކު އީހާނަށް ބަލާލީ ފަރުވާތެރިކަމާއެކުއެވެ.
"ޝީންއާ ރުޅިވީ އަހަރެންނާ ހެދިތަ؟ އަހަރެންނާއި ލައިޒަލްގެ ދެމެދުގައި އޮތް ގުޅުން ވެސް އެނގޭ ދޯ." ނީރާ ސުވާލުކުރިއެވެ. އެނދުމައްޗަށް ވެއްޓިގަންނަން ދިޔަ އީހާނުގެ ފިޔަވަޅު ހުއްޓުނެވެ. އެނބުރި ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ނީރާއަށް އޭނާ ބަލާލިއެވެ.
"ދެން އިތުރަށް އެއްވެސް އެއްޗެކެ ނުބުނާތި." ނުރައްކާތެރި ވިދުވަރެއް އީހާނުގެ ލޮލުން ފާޅުވެލިއެވެ.
"ޔޫ ނޯ ވަޓް... ރޭގައި އަހަރެން ދުރަށް ދިޔަޔަސް ދެން ދުރަކަށް ނުދާނަން." އީހާނު ފިޔަވަޅު އަޅަން ފެށީ ނީރާއާ ގާތަށެވެ.
"އީހާނަށް ނުވެފައި އޮތީ އަހަރެން ރޭޕްކުރުން. އެކަންވެސް ކުރޭ..." ނީރާ ބުނެލިއެވެ. އީހާނުގެ ކޯކަށިގަނޑަށް ގެނައި ހަރަކާތުން އޭނާ ދަތްކުނޑިވިކާލީކަން ނީރާއަށް އެނގުނެވެ. އީހާނު އައިސް ހުއްޓުނީ ނީރާގެ މޫނާ މޫނު ޖެހޭހާ ކައިރީގައެވެ.
"ދެމަފިރިންގެ ލޯބިކުރުން ރޭޕަކަށް ހަދަން ނޫޅޭ. ނީރާއަށް އެނގޭނެ އެފަދަ އަނިޔާއެއް ނުކުރާނެކަން. އައި ލަވް ޔޫ... އައިލް ބީ ޖެންޓްލް." އީހާނުގެ ވާހަކައިން ނީރާ މޫނުކުނިކޮށްލިއެވެ. އެއްޗެކޭ ބުނަން ނީރާ އަނގަ ހުޅުވާލިހާ ހިނދުން އެ ތުންފަތް އީހާން ގައިދުކޮށްފިއެވެ.
* * * * *
ލައިޒަލްގެ ދިރިއުޅުމަށް ބަދަލެއް ނަޔަސް އޭނާއަކީ މިހާރު މީހެއްގެ ފިރިއެކެވެ. އުޝާ ކަމެއް ބޭނުންވެފައި ހުރޭތޯ އޭނާ ބަލައެވެ. އޮފީހަށް ގެންދިއުމާއި ބަލާ ދަނީ ވެސް ލައިޒަލްއެވެ. ހަމައެކަނި އެ ދެމެދަށް ދުރުކަމެއް ވެރިވަނީ ރޭގަނޑު ނިދާ ގަޑިއަށެވެ. ދެމަފިރިންނަށްވެ ތިބެ ވެސް އެއްކޮޓަރީގައި ދެ މީހުން ނުނިދައެވެ. އެއީ ލައިޒަލްގެ ނިންމުމެވެ. ކައިވެނި ކުރެވުމުގެ ކުރީން ވެސް ލައިޒަލްގެ އެ ނިންމުން އުޝާއަށް ހުށަހެޅިއެވެ. އެއްވެސް ކަމަކަށްވުރެ އުޝާއަށް މުހިންމުވީ ކައިވެންޏެވެ. އޭގެ ފަހުގައި ދެމީހުން ކައިރިވާނޭ ކިތަންމެ ފުރުސަތެއް ލިބިދާނޭކަން އުޝާ ގަބޫލުކުރިއެވެ.
އެއްމަސް ފާއިތުވީ ނުހަނު އަވަހަށެވެ. ހަފްތާއަކު އެއްދުވަހު ހަމްދާނު އާދެއެވެ. އުޝާއާއި ލައިޒަލް ދިރިއުޅޭ އެޕާޓްމެންޓަށެވެ. ރޭގަނޑު ލައިޒަލްއާއެކު ވާހަކައިގަ އެތައް ގަޑިއިރެއް ހަމްދާނު އިނދެއެވެ. އޭނާއަށް ލައިޒަލްއާއި އުޝާގެ ދެމެދުގައި ދުރުކަމެއްވާކަން ފާހަގަކުރެވެންފެށީ އެހެންވެއެވެ. ލޯބިން އުޅޭ ދެމަފިރިންގެ ގޮތެއް ލައިޒަލްއާއި އުޝާގެ ފަރާތުން ހަމްދާނަށް ނުފެނެއެވެ. ލައިޒަލްއަށްވުރެ ބޮޑަށް އުޝާއާ ވާހަކަދައްކަން ހަމްދާނު ހުރީ ބޭނުންވެފައެވެ. ލައިޒަލްގެ ކައިރިން ކަމެއް އޮޅުންނުފިލާތީއެވެ.
ކެފޭގައި ޔަމާނު އެކަނި އުޅުނު ވަގުތެއް ބަލައި އެތަނަށް ލައިޒަލް އައެވެ. ލައިޒަލް ވާހަކަދައްކަމުން ދިޔައީ ދަތުރެއް ދިއުމާ ގުޅޭ ގޮތުންނެވެ. ހުރިހާ ރައްޓެހީންނާއެކު ކުރީން ވެސް ދިޔަ ފަޅު ރަށަށެވެ. މިފަހަރު ދާނީ ތިން ދުވަހަށޭ ލައިޒަލް ބުންޏެވެ. އަދި އީހާނާއި ނީރާ އެ ދަތުރަށް އެއްބަސް ކުރުވަން ހަވާލުކުރީ ޔަމާނާއެވެ. އޭގެ ދެ މީހުން ލައިޒަލްމެންނާއެކު ނުދާނަމަ އެ ދަތުރުގެ ބޭނުމެއް އޭނާއަށް ނެތެވެ. ލައިޒަލްގެ ހަމައެކަނި ގަސްދަކީ ނީރާ ބައިވެރި ކުރުމެވެ. އޭގެ އިތުރުން ވެސް އޭނާ ރާވާފައި އޮތް ހިޔާލެއް ހާމަކުރިއެވެ. އެއާއެކު ޔަމާނުގެ މޫނުން ހައިރާންކަން ފާޅުވެލިއެވެ. އެ ވާހަކަދެއްކީ ހަމަ ލައިޒަލްބާއޭ ޔަމާނު ހިތަށް އެރިއެވެ.
"ތިއުޅެނީ އެންމެން އެންމެނާ މައްސަލަ ނުޖެހިގެންތަ؟." ޔަމާނަށް ބުނެވުނެވެ. (ނުނިމޭ)