ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާ ދިން ކަމަށް އަދުހަމް އިއުތިރާފްވެއްޖެ

Sep 21, 2021
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދާ ކުށަށް އިއުތިރާފްވެއްޖެ އެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ވެސް ބުނެފައިވެ އެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތައް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި އިއްވުމުން އޭނާ ވަނީ ދައުވާތަކަށް އިއުތިރާފްވެފަ އެވެ. އޭގެ ފަހުން ޝަރީއަތުގެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. އެއީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތައް ޝަރީއަތުގައި ހިއްސާކުރަން ހުރުމުންނެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުމަށް ލުއި ލިބޭނެ އެވެ. އަދުހަމް ވަނީ 23 އަހަރުގެ ޖަލު ހުކުމަކަށް ދައުލަތާ އެކީ އެއްބަސްވެފަ އެވެ.