އެމްއެންޑީއެފް

ހެލްކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރެވިއްޖެ: އެމްއެންޑީއެފް

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރުތައް ދުއްވަން ދިވެހި ސިފައިން ތަމްރީނުކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓް ދުއްވަން ދިވެހި ސިފައިންގެ ފައިލެޓުން ތަމްރީނު ކުރަމުން އަންނަ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެފައިވަނިކޮށެވެ. ސުދީރު ވިދާޅުވީ ތަމްރީނު ހަދަމުންދާ ދިވެހި ސިފައިންގެ ތެރެއިން ތިން މީހަކު ތަމްރީނަށް ފަހު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެކަމުގެ ހަގީގަތަކީ ކޮބައިތޯ ސުވާލު ކުރުމުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އަދުނާން ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހި ސިފައިން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި ތަމްރީނު ކުރި ޕައިލެޓުން ވަރަށް އަވަހަށް އެ އުޅަނދުތައް ދުއްވަންވެސް ފަށާނެ ކަމަށެވެ.

"އެ މީހުންނާއި އެޕޮއިންޓްމަންޓް ހަވާލުކުރުމާއި އެހެނިހެން އިދާރީ ކަންކަމާއި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އަދުނާން ވިދާޅުވިއެވެ.

ނަމަވެސް ތަމްރީން ހެދީ ކިތަށް ސިފައިން ކަމެއް އަދި އެ ސިފައިން މަސައްކަތަށް ނިކުތުމުން އިންޑިއާ ސިފައިންގެ ދައުރަކީ ކޮބައި ކަމެއް ސާފުކޮށެއް ނުދެއްވިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ހެލިކޮޕްޓަރު އޮންނަނީ އައްޑޫގަ އެވެ. އަނެއް ހެލިކޮޕްޓަރު ގެނެސް ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާ ސިފައިންނެވެ.

އެ އުޅަނދުތައް ދުއްވަން ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބޭ ކަަމަށް ތުހުމަތު ކުރެވޭއިރު ސިފައިންގެ ސާފު އަދަދެއްވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ. ކުރީ ސަރުކާރުގެ ވެރިން ވިދާޅުވާ ގޮތުން ހެލްކޮޕްޓަރު ދުއްވުމުގެ ނަމުގައި 50 ވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުގެ ހަރަދުގައި ހެލިކޮޕްޓަރެއް ހޯދައި ހިންގުމަކީ ބޭނުންތެރި ކަމަކަށް ވިޔަސް، ދައުލަތުގެ މާލީ ހާލަތާއި ގައުމުގެ ވަސީލަތްތައް ހުރި ގޮތުން އެފަދަ ހަރަދެއް ހިންގާނެ މުއްސަނދިކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށެވެ. އިންޑިއާގެ ހެލިކޮޕްޓަރުތަކުން ފައިދާވާ ކަމަށެވެ.