މިއަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ގަތަރުގައި ރާއްޖޭގެ ފުޓްބޯޅަ ޓީމުން ކުރަމުންދާ ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ އެވެ.
ރާއްޖޭގެ ފުރަތަމަ ޕްރެކްޓިސް މެޗު ކުޅުނީ އަންގާރަ ދުވަހު ރޭގަނޑު އެވެ. ގަތަރުގެ ދެވަނަ ދިވިޝަނުގައި ކުޅޭ ލުސެއިލް ސްޕޯޓްސް ކްލަބާއި ވާދަކޮށް ރާއްޖެ މޮޅުވީ 4-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ރާއްޖެ ޓީމަށް އަލީ އަޝްފާގް (ދަގަނޑޭ) ގޯލެއް ޖަހައިދިން އިރު، އަލީ ހައިޝަމް (ޗުމްޕު) ވަނީ ދެ ގޯލު ޖަހާފަ އެވެ. އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލަކީ ޕެނަލްޓީ އަކުން ކާމިޔާބު ކުރި ގޯލެކެވެ.
މި ޓްރެއިނިން ކޭމްޕުގައި ރާއްޖެއިން ވަނީ އިތުރު އެއް ޕްރެކްޓިސް މެޗު ކުޅުމަށް ނިންމާފަ އެވެ. ގަތަރު އާމީ ޓީމާއެކު ކުޅެން ހަމަޖެހިފައިވާ މި މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. ކޭމްޕު ނިންމުމަށް ފަހު ޓީމު އެނބުރި މާލެ އަންނަން ހަމަޖެހިފައި އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ރާއްޖެ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި 2018 ވަނަ އަހަރު ވެސް ގައުމީ ޓީމު ވަނީ މުބާރާތް ފެށުމުގެ ކުރިން ގަތަރުގައި ކޭމްޕު ކޮށްފަ އެވެ. އެފަހަރު ރާއްޖެ ޓީމުން ކުޅުނީ އެންމެ ޕްރެކްޓިސް މެޗެކެވެ. މި މެޗުގައި އަލް-މަރްއިޔާ ސްޕޯޓްސް ކްލަބާއި ވާދަކޮށް ގައުމީ ޓީމު ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.
މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަ ކުރާނީ ހުރިހާ ޓީމެއް ބައްދަލުކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ. މިގޮތަށް މުބާރާތުގެ އޮނިގަނޑު ބަދަލު ކުރީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު މަދުވީމަ އެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުން ތަކަށް ފިޔަވާ އެގައުމުން ބޭރަށް ދިއުން މަނާ ކޮށްފައި ވާތީ އެގައުމު މިފަހަރުގެ މުބާރާތުގައި ބައިވެރި ނުާނެ އެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.