ޔޫވީ ކްރިއޭޝަންސް އިން ޕްރޮޑިއުސްކުރާ "ރާދޭ ޝާމް" ގެ ސެޓުގައި ފިލްމުގެ ބަތަލު ޕްރަބާސް އާއި ބަތަލާ ޕޫޖާ ހެގްޅޭގެ މެދުގައި މައްސަލަތަކެއް ޖެހުނު ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ފިލްމުގެ ޕްރޮޑިއުސަރުން ދޮގު ކޮށްފި އެވެ.
ޕްރޮޑިއުސަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ތޯތޯ ވާހަކަ ތަކެއް ކަމަށެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން މައްސަލަ ޖެހުނީ ޕޫޖާ ދެކެ ޕްރަބާސް ހިތްހަމަ ނުޖެހިގެނެވެ. ޕޫޖާގެ އަމަލުތައް ހުންނަނީ ޕްރޮފެޝަނަލް އެކްޓަރެއްގެ ހުންނަންވާ ގޮތަށް ނޫން ކަމަށާއި އެހެންވެ އެކަމާ ޕްރަބާސް ރުޅި އައިސް ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީ ކަމަށް ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޝޫޓިންތަކަށް ޕޫޖާ ލަހުން ދިއުމާއި އޭނާގެ އެޓިޓިއުޑް ހުންނަ ގޮތުން ޕްރަބާސް އައި ރުޅިން ޕޫޖާއާ ވާހަކަ ނުދައްކާ ވެސް ވަރަށް ގިނަ ދުވަހު ހުއްޓެވެ. ނަމަވެސް ޔޫވީ ކްރިއޭޝަނުން ބުނަނީ އެއީ ދޮގެއް ކަމަށާއި ދެ އެކްޓަރުން އެކަކު އަނެކަކަށް ވަރަށް ގަދަރާއި އިހްތިރާމް ކުރާ ކަމަށެވެ. އަދި އޮން-ސްކްރީން އާއި އޯފް-ސްކްރީންގައި ވެސް ދެ މީހުންގެ ގާތް އެކުވެރި ކަމެއް އޮންނަ ކަމަށާއި އެމީހުންގެ ކެމިސްޓްރީ ޖާދޫއެއް ފަދަ ކަމަށެވެ.
ޕޫޖާ ގަޑިޖެހިގެން ޝޫޓީންއަށް ދާކަމަށް ދެކެވެމުންދާ ވާހަކައަށް ޖަވާބު ދެމުން ޕްރޮޑިއުސަރުން ބުނެފައި ވަނީ ޕޫޖާއަކީ ވަރަށް ގަޑިޔަށް ފަރުވާ ބަހައްޓާ ބަތަލާއެއް ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރަން ފަސޭހަ ބަތަލާއެއް ކަމަށެވެ.
"ރާދޭ-ޝާމް" ރިލީޒް ކުރަން ކުރިން ހަމަޖެހިފައި ވަނީ މިއަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ފިލްމު ވަނީ ލަސްވެފަ އެވެ. މިހާރު ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.
ހިންދީ، ތަމަޅަ، ތެލުގޫ އަދި މެލަޔާލަމް ބަހުން ތައްޔާރުކުރާ މި ފިލްމުގައި ޕްރަބާސް އާއި ޕޫޖާގެ އިތުރުން ބާގްޔާޝްރީ އާއި މުރްލީ ޝަރުމާ އަދި ސަޗިން ކެޑޭކަރް އާއި ކުނާލް ރޯއި ކަޕޫރު ބައިވެރިވެ އެވެ.