ވާދަވެރި މާޒިޔާ 3-1އިން ބަލިކޮށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ނިއުރޭޑިއަންޓް އުރީދޫ ދިވެހި ޕްރެމިއާ ލީގު މިރޭ ކާމިޔާބުކޮށް، އޭއެފްސީ ކަޕުން ޖާގަ ހޯދައިފި އެވެ.
މުހިންމު ފަސް ކުޅުންތެރިއަކު ނެތި މާޒިޔާ ބަލިކޮށް ނިއު ލީގު ދިފާއު ކުރީ ބާކީ އެއް މެޗު އޮއްވަ އެވެ. އެއީ ނިއުއާ އެންމެ ގާތުން ވާދަކުރަމުން އައި ޓީސީއާއެކު ބުދަ ދުވަހުގެ ރޭ ކުޅެން ޖެހޭ މެޗެވެ. މި މެޗު ކުރިއަށް އޮއްވައި ނިއު އަށް ލީގު ކަށަވަރުވި ސަބަބަކީ ލީގުގައި މިއަދު ހަވީރު އީގަލްސް އަތުން ޓީސީ މޮޅުނުވުމެވެ.
ނިއު އަށް މިހާރު 13 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު ޓީސީ އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.
ވަރަށް ޒުވާން އަދި ތަޖުރިބާކާރު މަދު ފޯވަޑް ލައިނަކާއެކު މެޗާ ކުރިމަތި ނިއު ވަނީ ފުރަތަމަ 35 މިނިޓް ތެރޭގައި މާޒިޔާ ކޮޅަށް ދެ ގޯލު ޖަހައި ހަމަޖެހިލައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ 25 ވަނަ މިނިޓްގައި އަހުމަދު ސުހައިލް (ބަމްޕުޗު) އެވެ. ދެ ވަނަ ގޯލު ޖެހީ 35 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މާޒިޔާ އަށް ފަރަގު ކުޑަކޮށްދިނީ ފަހު ހާފުގައި ޔާމީން އިބްރާހީމެވެ. ނިއުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ހުސްކޮށް ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލީ 57 ވަނަ މިނިޓްގަ އެވެ. އޭގެ އިރުކޮޅެއް ފަހުން ނިއުއިން ފޮނުވަލި ނުރައްކާތެރި ހަމަލާއެއް ގޯލު ހުރަސް ކުރުމުގެ ކުރިން ނިއުގެ ޑިފެންޑަރުން ދިފާއުކުރި އެވެ.
ނިއުގެ ތިން ވަނަ ލަނޑު ޖެހީ 84 ވަނަ މިނިޓްގައި މުހައްމަދު ކަރަމް އެވެ.
މެޗަށް ފަހު ނިއުގެ ކޯޗު ބުނީ އެޓީމު ތަށި ހޯދީ ރާއްޖޭގެ ހުރިހާ ކުލަބުތަކާއި ނޫސްވެރިންނާވެސް ދެކޮޅަށް ކަމަށެވެ. އަދި މި ކާމިޔާބީ އަށް ޓަކައި ކުޅުންތެރިންނާއި މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ.
ނަމަވެސް ސާބިއާގެ ކޯޗު ވަނީ އަންނަ އަހަރު ނިއުގެ ކޯޗުކަމުގައި އޭނާ ހުންނާނެ ކަމާމެދު ވަކި އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މެޗަށް ނުކުތްއިރު ވެސް ޓާގެޓެއް އޮތީ ނިއުރޭޑިއަންޓްގައި ކަމަށާއި މާޒިޔާ އަށް މެޗުން ހާސިލްވާނެ އެއްޗެއް ނެތް ކަމަށެވެ.
މިއީ ލީގުގައި ނިއު އަތުން މާޒިޔާ ބަލިވި ދެ ވަނަ މެޗެވެ. މި ދެ ޓީމަކީ މި އަހަރުގެ އެންމެ ވާދަވެރި ދެ ޓީމަށްވާއިރު މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މާޒިޔާ ކާމިޔާބު ކުރީ ނިއު 3-1އިން ބަލިކޮށްފަ އެވެ.