ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުގެ ހިދުމަތް އަލުން ފަށައިފި

Sep 22, 2021

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ ކާޑިއެކް ސެންޓަރުގެ ހިދުމަތް މެދުކެނޑިފައިވާތާ ދެ އަހަރާ ގާތްވެފައި ވަނިކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

ކޭއާރްއެޗްގެ ކާޑިއެކް ސެންޓަރުގެ ހިދުމަތް ފެށީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މިނިސްޓަރު ކަމުގައި އޮކްޓޫބަރު 11، 2019 ގައެވެ.

ކާޑިއެކް ސެންޓަރުގެ ހިދުމަތް މެދުކެނޑުނީ އެތަނުގައި ހިދުމަތް ދެމުން ގެންދިޔަ ޑޮކްޓަރު ނޮވެމްބަރު 2019 ގައި ފުރައިގެން ދިއުމާ ގުޅިގެންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުރެވުނު މަސައްކަތްތަކާ އެކު ކާޑިއެކް ސެންޓަރަށް ސްޕެޝަލިސްޓް ޑޮކްޓަރަކު މިހާރު ލިބިފައިވާ ކަމަށެވެ.

"ޑޮކްޓަރަކު ލިބިފައިވާތީ މިހާރު ހިދުމަތަށް އެދެވޭނެ. ހިދުމަތަށް އެދޭ ތަރުތީބުން އަދި އަވަސް ފަރުވާ ބޭނުންވާ ޕޭޝަންޓުންނަށް އިސްކަންދީގެން ފަރުވާ ދެމުންގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުގައި ހޯލްޓަސް މޮނިޓަރިން، ކާޑިއެކް ކޮންސަލްޓޭޝަން، އީސީޖީ، އިކޯ ކާޑިއޯގްރާމް، އަދި ޓީއެމްޓީގެ ހިދުމަތް ލިބެ އެވެ.

ކޭއާރްއެޗްގެ ކާޑިއެކް ސެންޓަރުގެ ހިދުމަތް އަލުން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރާތުގައި އެ ހޮސްޕިޓަލަށް ވަޑައިގަތުމުން ކާޑިއެކް ސެންޓަރުގެ ހިދުމަތް ހުއްޓިފައިވާ ކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި ހިންގާ ސަރުކާރު ހޮސްޕިޓަލް ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލް އެވެ.