ލައިފްސްޓައިލް

ބްރެޒީލްގެ ރައީސް އެމެރިކާގެ ރެސްޓޯރަންޓްތަކަށް ނުވެއްދި

ބްރެޒީލްގެ ރައީސް ޖައިރް ބޮލްސޮންނާރޯ އަކީ ކޮވިޑް ވެކްސިން ޖެހުމާ މުޅިން ދެކޮޅު ހައްދާވާ ވެކްސިން ނުޖަހަން ހިތްވަރު ދެއްވާ ވަކާލާތު ކުރައްވާ ބޭފުޅެކެވެ. މިހާރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ނިއުޔޯކްގައި ހުންނެވި ބޮލްސޮންނާރޯ ނިއުޔޯކްގެ ރެސްޓޯރަންޓެއްގެ ބޭރުގައި ޕިއްޒާ ފަރިއްކުޅުއްވަން ހުއްޓާ ނަގާފައިވާ ފޮޓޯތައް ދުނިޔޭގެ އެކި ގައުމުތަކުގެ ނޫސްތަކުގަ އާއި ސޯޝަލް މީޑިއާޣައި އިއްޔެ ވަނީ ދައުރުވެފަ އެވެ.

އެމަނިކުފާނަށް މަގުމަތީގައި ހުންނަވައިގެން ޕިއްޒާ ފަރިއްކުޅުއްވަން ޖެހިވަޑައިގަތީ ވެކްސިން ދެ ޑޯޒް ފުރިހަމަ ނުކުރާ އެއްވެސް މީހަކަށް ނިއުޔޯކްގެ ރެސްޓޯރަންޓްތަކަށް ވަނުމުގެ ހުއްދަ ނުލިބިގެނެވެ.

ބޮލްސޮންނާރޯ ނިއުޔޯކަށް ވަޑައިގެން އުޅުއްވަނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އެމަނިކުފާނު މިހާތަނަށް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ޖައްސަވާފައެއް ނުވެ އެވެ. އެކަމަކު ވިދާޅު ވަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އެންޓިބޮޑީޒް ހުރި ކަމަށެވެ. އެއީ މިދިޔަ އަހަރު ކޮވިޑް އިންފެކްޝަން ޖެހިވަޑައިގެންފައި ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިއުޔޯކްގެ ރެސްޓޯރެންޓެއްގެ ބޭރުގައި ބޮލްސޮންރާއޯ އާއެކު ޕިއްޒާ ފަރިއްކުޅުއްވަން ތިބި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ ކެބިނެޓުގެ ދެ ވަޒީރަކާއި ޑެލިގޭޝަންގެ ބޭފުޅުން ވެސް ހިމެނި ވަޑައިގަތެވެ.

މި ފޮޓޯތައް ފެނިފައި ބޮލްސޮންނާރޯގެ ސަޕޯޓަރުން އުފަލުން ގޮސް ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަކޮށްފައި ވެއެވެ. މި ފޮޓޯތަކުން ވެސް ފެންނަނީ އެމަނިކުފާނުގެ ސާދާ ކަމާއި ހިތްޕުޅު ތިރިކަން ކަމަށް ސަޕޯޓަރުން ބުނި ކަމަށް ރޮއިޓާސް އިން ބުނެފައި ވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ބޮލްސޮނާރޯގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު ވެސް މި ސުވާލު ބްރެޒީލްގެ ރައީސާ ކުރެއްވި އެވެ. އެމަނިކުފާނު ވެކްސިން ޖަހައިފިންތޯ ކުރި ސުވާލުގެ ޖަވާބުގައި ބޮލްސޮނާރޯ ވިދާޅުވީ "ނޫން. އަދި ނުޖަހަން" ކަމަށެވެ.

އަންގާރަ ދުވަހު ފެށި އދ. ގެ ޖެނެރަލް އެސެމްބްލީގައި ވެކްސިން ނުޖަހާ ކެންޑިޑޭޓުން ވެސް ބައިވެރިވުމުގެ ހުއްދަ އދ. އިން ވަނީ ދީފަ އެވެ. އަދި ބްރެޒީލްގެ ރައީސް ވަނީ މި އެސެމްބްލީގައި ވާހަކަފުޅު ވެސް ދައްކަވާފަ އެވެ.

ނަމަވެސް ނިއުޔޯކް ސިޓީގެ މޭޔަރު ބިލް ޑެ ބްލޭސިއޯ މިދިޔަ ހޯމަ ދުވަހު ވަނީ ބްރެޒީލްގެ ރައީސް ވެކްސިން ނުޖަހާ ނިއު ޔޯކަށް ވަޑައިގަތުމުން އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

ނިއު ޔޯކް ސިޓީގެ މޭޔަރު ވަނީ ބޮލްސޮނާރޯ ފަދަ ވެކްސިން ނުޖަހާ ތިބި ގައުމުތަކުގެ ވެރިންނަށް ވެކްސިން ޖައްސަވައިގެން ޖެނެރަލް އެސެމްބްލީ އަށް ވަޑައިގަތުމަށް އިލްތިމާސް ކުރައްވާފަ އެވެ.