އެޗްޑީސީ

އެޗްޑީސީގައި 15 ބޭންކެއްގެ، 776 މިލިއަން ޑޮލަރުގެ ލޯނު

ހައުސިން ޑިވްލޮޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި 776 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ) ގެ ލޯނު އެބަހުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީގެ ފަރާތުން އިއްޔެ ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއެފްއޯ އަހުމަދު ޝާމް ވިދާޅުވީ އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ 776 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެ ކުންފުނީގައި ހުރީ 15 ބޭންކްއަކުން ނަގާފައިވާ ލޯނުތައް ކަމަށާ، މައިގަނޑު ގޮތެއްގައި ލޯނުތައް ނަގާފައިވަނީ ހަތަރު ގައުމަކުން ކަމަށެވެ.

އެޗްޑީސީގައި ބޮޑު އަދަދެއްގެ ލޯނު ހުރިއިރު މިދިޔަ ސަރުކާރުގައި އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯވަނީ އިތުރުވެފަ އެވެ. މި ބަދަލު އައި މައިގަނޑު ސަބަބަކީ ދެވަނަ ފިޔަވަހި ހިއްކައި އެތަނުގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ ސަބަބުންނެވެ. މި ސަބަބާހުރެ އެޗްޑީސީއަށް މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ނަމަވެސް، މިހާރުގެ މެނޭޖިން ޑިރެެކްޓަރު ސުހައިލް އަހުމަދު ވަނީ އެ ކުންފުނި މާލީ ވަޅުގަނޑުން ނަގައި، ސަލާމަތުގެ އައްސޭރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ހުޅުމާލެ ބަލަހައްޓަން ހާއްސަ ކުންފުންޏެއްގެ ގޮތުގައި އެޗްޑީސީ އުފެއްދީ 2001 ވަނަ އަހަރުގެ އެވެ. ނަމަވެސް ހުޅުމާލެއަކީ ދައުލަތުން ގެރެންޓީ ދީގެން ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ރަށެކެވެ. މިރަށް މީހުން އުޅެން ހާއްސަކޮށް ބިން ހިއްކާފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ.