ޕީއެސްޖީގެ ރައިޓް ބެކް އަޝްރަފް ހަކީމީގެ ދެ ގޯލުން ޕީއެސްޖީ ރޭ ކުޅުނު މެޗުން މޮޅު ވެއްޖެ އެވެ.
މެޓްޒްގެ ދަނޑުގައި ޕީއެސްޖީ އާއި މެޓްޒް ރޭ ބައްދަލުކުރި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޕީއެސްޖީ އިންނެވެ. ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ އަޝްރަފް ހަކީމީ އެވެ. އޭގެ ފަހުން ނަތީޖާ އިތުރަށް ފުޅާ ކުރުމަށް ޒުވާން ތަރި ކީލިއަން އެމްބާޕޭއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެކަމަށް ހުރަސް އެޅި މެޓޒްގެ ގޯލް ކީޕަރު އޮކިޑްޖާ އެވެ.
މެޓްޒްއިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފު ނިމެނިކޮށެވެ. މި ގޯލަކީ ކޯނަރަކުން އައި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބޫބަކުރް ކޮޔާޓޭ ކާމިޔާބު ކޮށްދިން ގޯލެކެވެ. މެޓްޒްއަށް ލީޑު ނަގަން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު ލަމިންގޭ އުފެއްދި ނުރައްކާތެރި ހަމަލާ ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް ހުށިޔާރު ކަމާއި އެކު ދިފާއު ކުރި އެވެ. ފުރަތަމަ ހާފު ނިމުނީ ކޮންމެ ޓީމަކުން ވެސް ލަނޑެއް ޖަހައި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި މެޓްޒްގެ ޑީލަން ބްރޫންއަށް ރަތް ކާޑު ދެއްކުން ވެގެން ދިޔައީ ޕީއެސްޖީއަށް ލިބުނު ހިތްވަރަކަށެވެ. އޭގެ ބޭނުން ހިފައި މެޓްޒްގެ 10 ކުޅުންތެރިންނާއި ދެކޮޅަށް ކުޅެ އަޝްރަފް ހަކީމީ ޕިއެސްޖީއަށް ލީޑު ނަގައިދިނީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގަ އެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ކުޅުނީ އާޖެންޓީނާގެ ތަރި ލައިނަލް މެސީ ޓީމުގައި ނުހިމަނަ އެވެ. ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މެސީ މިވަގުތު ހުރީ ކުޅުމާއި ދުރުގަ އެވެ. މިމަހުގެ 25 ވަނަ ދުވަހު މޮންޓްޕެލިއާ އާއި ދެކޮޅަށް އަދި 28 ވަނަ ދުވަހު ވަރުގަދަ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ޕީއެސްޖީ ކުޅެން ޖެހޭނެ އެވެ. މީގެ އިތުރުން މިއަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ރެން އާއި ދެކޮޅަށް ޕީއެސްޖީ ނުކުންނަން ޖެހޭނެ އެވެ. މި މެޗު ތަކުގައި މެސީއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ.