ބޮލީވުޑް

ކަރިޝްމާ އާއި ސަންޖޭ ވަރިއެއް ނުވި!

Nov 29, 2015
1

ފިލްމީ ތަރި ކަރިޝްމާ ކަޕޫރާއި ފިރިމީހާ ސަންޖޭ ކަޕޫރު ވަރިވާން ވެގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކަރިޝްމާ އަނބުރާ ގެންގޮސްފި އެވެ.

މިދެމީހުންގެ ވަރީގެ މައްސަލަ ނިންމަން ހަމަޖެހިފައިވާ ދުވަހަކީ މިމަހުގެ 25 ދުވަސް ނަމަވެސް، އެދުވަހު މައްސަލަ ނުނިމި ހުކުރު ކަރިޝްމާ ވަނީ ވަރީގެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ހުކުރު ދުވަހު ބަންދްރާގައި ހުންނަ ފެމިލީ ކޯޓަށް، މައްސަލަ އަނބުރާ ގެންދަން ކަރިޝްމާ ދިޔައިރު މޫނުމަތިން ވަރަށް މާޔޫސްވެފައި އިންކަން ފާހަގަވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވެ އެވެ.

މައްސަލަ އަނބުރާ ކަރިޝްމާ ގެންގޮސްފައިވަނީ ވަރިވާން ބޭނުންވެގެން ދެމީހުންވެސް ހުށަހެޅި ލިޔުންތަކުގައި ފައިސާގެ ގޮތުން އެހީތެރިކަން ދަރިންނަށް ދޭނެ ކަމަށް ދެމީހުންވެސް އެއްބަސްވި ނަމަވެސް އެއްބަސްވެފައިވާ ގޮތަށް ސަންޖޭ އަށް ފައިސާ ނުދެވުމުން ކަމަށެވެ.

ދެމީހުން ވެސް ވަރިވާން ބޭނުންވާތީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ދަރިންގެ ހަރަދުތައް ބަލަހައްޓަން ހަމަސް ދުވަހުގެ ތެރޭގައި ވަރިވާން އެދޭ ފޯމުގައި ސޮއިކުރާ ދުވަހުން ފެށިގެން ވަކިވަރަކަށް ފައިސާ ދޭން ސަންޖޭ އެއްބަސްވި ނަމަވެސް މިހާތަނަށް ލާރި ދީފައެއް ނުވެ އެވެ.

މައްސަލަ އަނަބުރާ ގެންނަން ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މިދެމީހުންގެ ވަރީގެ ކަންތައް އަދި ނުނިމޭއިރު، ނޫސްވެރިން ސަންޖޭގެ ވަކީލު ނާރަންޔަ ސުވަރްނަ ކުރެން މިދެމީހުން ދެން ދިރިއުޅޭނީ އެކުގައި ތޯ އެހުމުން ވަނީ އެކަން އޮތޯ އެދެމީހުންގެ އަތްމަތީގައި ކަމަށް ބުނެފަ އެވެ.

"އަދި އެދެމީހުންގެ ވަރީގެ މައްސަލަ ނުނިމޭ. އެދެމީހުންނަކީ އަދިވެސް ދެމަފިރިން" ސންޖޭގެ ވަކީލު ބުނެފައިވެ އެވެ.

ކަރިޝްމާ އާއި ސަންޖޭ ކައިވެނިކޮށްފައިވަނީ 29 ސެޕްޓެމްބަރު 2003ގަ އެވެ. ކައިވެނީގެ ކުރީކޮޅުން ފެށިގެން ހިލޭ އަންހެނުންނާއި ސަންޖޭ އާއި ގުޅުން އޮންނަ ކަމަށް ބުނެ މިދެމީހުން ދެމެދުގައި މައްސަލަތައް އަންނަނީ ޖެހެމުންނެވެ.

މިހާރު މިދެމީހުން ވަކިން ދިރިއުޅެމުން އަންނަތާ ފަސް އަހަރު ވެފައިވާއިރު، މިކައިވެންޏަށް ލިބިފައިވާ ދެދަރިން ތިބެނީ ކަރިޝްމާ ކައިރީގަ އެވެ.

ދޮށީ އަންހެން ދަރިފުޅި ސަމައިރާ އަށް މިހާރު ދިހަ އަހަރު ފުރިފައިވާއިރު، ކުޑަ ފިރިހެން ދަރިފުޅު ކިއާން އަށް މިހާރު ފަސް އަހަރެވެ.